22 ޑިސެމްބަރ 2016 - 13:13

މިދިޔަ އަށެއްކަ އަހަރަށް ބަލާއިރު ރާއްޖޭގެ ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް އެޑްމިނިސްޓްރޭޓަރަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު (ހުސެން) އެކަމަކު ވޮލީބޯޅަ އެސޯސިއޭޝަނަށް އާ އެގްޒެކެޓިވް ކޮމިޓީއެއް އައިސް ހުސެއިންގެ މަގާމް ގެއްލިފައިވާއިރު އޭނާ މިވަގުތު ދިވެހި ކުޅިވަަރުގެ އެއްވެސް ދިމާލަކުން ފެންނާކަށް ނެތެވެ. އޭނާ މިހާރު ކޮބާ ހެއްޔެވެ؟
ވޮލީބޯޅަ އެސޯސިއޭޝަނުގެ އާ އެގްޒެކެޓިވް ކޮމިޓީން ގެނައި ޖެނެރަލް ސެކްރެޓާރީ މުހައްމަދު އާދަމް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވާއިރު އެސޯސިއޭޝަނުން އަންނަނީ އާ ޖެނެރަލް ސެކްރެޓަރީއެއް ހޯދަން މަސައްކަތްކުރަމުންނެވެ. އިވޭ އަޑުތަކަށް ބަލާއިރު އެސޯސިއޭޝަނުން އަންނަނީ ހުސެން އެ މަގާމަށް ގެންނަން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އެނގިފައިވާ ގޮތުގައި ހުސެން އަށް އިތުރު ބައެއް އެސޯސިއޭޝަންތަކުން ވެސް ވަނީ މަގާމް ހުށަހަޅައިފަ އެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އޭނާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ގެންނަން ކުރިން މަސައްކަތްކުރި އެވެ.
އަލުން އެސޯސިއޭޝަނަށް ވަޑައިގެންފާނެތޯ އެހުމުން ހުސެން ވިދާޅުވީ އެކަމާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
އެކަމަކު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ބަންގްލަދޭޝް އަށް ފުރިއިރު އެތަނަށް ހުސެން ވަޑައިގެންފައިވާތީ، އޭނާއާ އެސޯސިއޭޝަނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.
"އަޅުގަނޑު ތިކަމާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ދޭން ބޭނުމެއް ނޫން،" މިވަގުތު ހުސްކޮށް ހުންނެވި ހުސެން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނުގެ މާހައުލު އޮތްގޮތުން މިވަގުތު އެސޯސިއޭޝަނާ އަލުން ގުޅެން ހުސެން އެހާ ބޮޑަށް ބޭނުމެއް ނުވެ އެވެ.
އެސޯސިއޭޝަނުގެ މިދިޔަ ދައުރުގެ ފަހު ދުވަސްތައް ހުސެން ހޭދަކުރީ އާއިލާ ކަމެއްގައި އިނގިރޭސި ވިލާތުގަ އެވެ. އެކަމަކު އޭނާ ވަނީ އެދުވަސްކޮޅު ވެސް ހިލޭ ސާބަހަށް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާތައް ނަންގަވައިފަ އެވެ.
ކުޅިވަރުގެ ތަޖުރިބާކާރަކު ވިދާޅުވީ ހުސެއިން ފަދަ މިކަމުގެ ގާބިލްކަމާއި ތަޖުރިބާ އާއި އިލްމު ހުރި ފަރާތެއްގެ ބޭނުން ކުޅިވަރު އާއިލާ އިން ވަރަށް ރަނގަޅަށް ހިފަން ޖެހޭ ކަމަށެވެ.
"ވޮލީބޯޅައިގެ މިހާރު އެގްޒެކެޓިވް ކޮމިޓީން އެސޯސިއޭޝަނުގެ ހިންގުމަށް ބަދަލުތަކެއް ގެނެސް ކުޅިވަރު ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ރާވަމުން އެބަދޭ. އެހެންކަމުން ހުސެން ފަދަ ވޮލީބޯޅައަށް ލޯބިކުރާ އަދި މިކަމުގެ ތަޖުރިބާ އާއި އިލްބާއި ގާބިލްކަން ހުރި މީހެއްގެ ބޭނުން ހިފިއްޖެ ނަމަ އެއީ އެސޯސިއޭޝަނަށް ލިބޭ ކުރިއެރުމަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް 2008 ވަނަ އަހަރުން ފެށިގެން ފުރުއްވި ހުސެން ވަނީ 2010 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަގެ މަގާމް ވެސް އަދާކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ އަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ލައިސަންސް ލިބިފައިވާ ސްޕޯޓްސް މެނޭޖްމަންޓް ކޯސް ޑިރެކްޓަރެކެވެ. އޭނާ ވަނީ އޮލިމްޕިކް ކޮމިޓީން ހިންގި ސްޕޯޓްސް މެނޭޖްމަންޓް ގިނަ ކޯސްތަކެއްގައި ކިޔަވައިދެއްވައިފަ އެވެ.
"ހުސެން ފަދަ ބޭފުޅަކު ދިވެހި ކުޅިވަރުގެ އެއްވެސް ދިމާލަކުން ނުފެނުމަކީ އުނި ކަމެއް،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.