03 އެޕްރީލް 2022 - 12:52

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީ އާއި އެތަނުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.
ޕާމަނަންޓް ސެކްރެޓަރީއާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެންނެވެ. އެކަމަކު އެ ކޮމިޝަނުން މިކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނުން ބަލަމުން އަންނަނީ ގަވާއިދާ ހިލާފަށް އެ މިނިސްޓްރީގައި ވަޒީފާ ދޭ މައްސަލަ އެވެ. ޝަރުތުތަކާ ހިލާފަށް މީގެ ކުރިން ވެސް ވަޒީފާ އަށް މީހުން ނަގާފައިވާ މައްސަލަތަކެއް މީގެ ތެރެއިން ފެންމަތިވެފައިވާ ކަމަށް ވެ އެވެ.
ދަށް މުވައްޒަފުން މިކަމުގައި ބެދުނީ، އެނގިފައިވާ ގޮތުގައި، ގަވާއިދުތަކާއި އުސޫލްތަކާ ހިލާފަށް ވެރިން އަންގާ ގޮތަށް އަމަލުކުރުމުންނެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ އެ މިނިސްޓްރީއެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ފަރާތެވެ. ފަހަކަށް އައިސް އެކި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާ ގުޅޭ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަތަކުގައި ބައެއް މީހުން ވަޒީފާ އިން ވެސް ވަކިކޮށްފައިވެ އެވެ.