03 އެޕްރީލް 2022 - 15:48

ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗްއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ފިއްތުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުލަބުގެ ކޯޗު ތޯމަސް ޓުޗެލްގެ 13 އަހަރުވީ ކައިވެނި ރޫޅިއްޖެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ އިން ބުނެފި އެވެ.

ޓުޗެލް އާއި އޭނާގެ އަންހެނުން ސިސީގެ ކައިވެނި ރޫޅެން ދިމާވި ސަބަބެއް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް މިދިޔަ ހަފްތާ އިން ފެށިގެން ސިސީ ވަނީ ވަރީގެ މަރުހަލާތައް ފަށާފައި ކަމަށް އޭނާގެ ރަހުމަތްތެރިޔަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.
ސިސީ އަކީ ޖަރުމަނަށް އުފަން، އެ ގައުމުގެ ވެރިރަށް މިއުނިކުގައި ނެރޭ އެންމެ މަގުބޫލު އެއް ދުވަހު ނޫސް ކަމަށްވާ 'ސަދޫޓްޝޭ ޒައިޓަން' ގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެކެވެ. އޭނާ ވަޒީފާ ދޫކޮށް ލަންޑަނަށް ދިރިއުޅުން ބަދަލުކުރީ، ޓުޗެލް މިދިޔަ އަހަރު ޗެލްސީއާ ގުޅުނުތާ ހަތް މަސް ފަހުންނެވެ.
ޓުޗެލް އާއި ސިސީ ކައިވެނި ކުރީ 2009 ވަނަ އަހަރު އެވެ. ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައި ވާއިރު، އާއިލާ އަށް ލަންޑަނުން ގެއެއް ހޯދަން ވެގެން ޓުޗެލް އިންގްލެންޑުގައި އެންމެ ފުރަތަމަ މަޑުކުރީ ވެސް ޗެލްސީގެ ޓްރޭނިން ދަނޑާ ކައިރި ހޮޓަލެއްގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަހަރަކު އެތައް މިލިއަން ޕައުންޑް ލިބޭ ޓުޗެލް އަށް މިހާރު ވަނީ މަލްޓި މިލިއަން ޕައުންޑްގެ ވަރީގެ އެއްބަސްވުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭނާގެ އަންހެނުން ވަޒީފާ ދޫކޮށްލީ އާއިލާއަށް ވަގުތު ދޭން ލަނޑަނަށް ބަދަލުވާށެވެ. އެހެންކަމުން ޓުޗެލްގެ މުސްތަގުބަލުގެ އާމްދަނީގެ ބައެއް ލިބުމުގެ އިތުރުން ޓުޗެލްގެ މިހާރުގެ މިލްކިއްޔާތުގެ އެއްބައި ވެސް އޭނާއަށް ހައްގުވެދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ދެމަފިރިން އެދެނީ އެންމެ ސުލްހަވެރިކޮށް މިކަން ނިމިގެން ދިޔުން ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ޖަރުމަނާއި ފްރާންސް އަދި އިންގްލެންޑުގައި ވެސް ޓުޗެލް ހޯދި ކާމިޔާބީތަކުގައި މީގެ ކުރިން ސިސީ ވަނީ އަބަދުވެސް ޓުޗެލްއާ އެކު އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ވެސް ސިސީ ވަނީ ދެ ދަރިންނާ އެކު ޗެލްސީގެ ކާމިޔާބީގެ އުފަލުގައި ބައިވެރިވެފަ އެވެ. މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި ސިސީ އަކީ ޓުޗެލްގެ ކާމިޔާބީތަކުގެ ބޮޑު ހިއްސާއެއް އަދާކުރާ ފަރާތެކެވެ.
އަބްރަމޮވިޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން ޗެލްސީއަށް ދިމާވެފައިވާ އުނދަގޫތަކާ އެކު ވެސް ކުޅުންތެރިންނާއި ޓީމުގެ ނަތީޖާ އަށް އަސަރު ނުކުރާނެހެން، މީޑީއާގެ ޕްރެޝަރާ ވެސް ކުރިމަތިލުމުގައި ގެންގުޅޭ ޕްރޮފެޝަނަލް ގޮތުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ޓުޗެލް އަށް ތައުރީފު ކުރަމުންނެވެ. އޭނާގެ ލީޑަޝިޕް ކޮލިޓީ އަށް ތައުރީފްކޮށް، ކުރިން ޗެލްސީ އަށް ކުޅުނު އިންގްލެންޑުގެ ފޯވާޑް ޖޯ ކޯލް ބުނީ، އޭނާ ދެކޭ ގޮތުގައި ތޯމަސް ޓުޗެލް އަކީ އެ ގައުމުގެ ބޮޑުވަޒީރުކަން ވެސް ކުރެވޭ ފެންވަރުގެ ލީޑަރެއް ކަމަށެވެ.
އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމި ފަހުން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާ އެކު ރަށުން ބޭރުގައި ކާމިޔާބުކުރި އެވެ. އޭގެ ފަހުން ރަށުން ބޭރުގައި ނޯރިޗާ ދެކޮޅަށް ކުޅެން އޮތް މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށް ސަރުކާރުން އަބްރޮމިޗަށް ފިޔަވަޅު އަޅައި، ޗެލްސީ ވިއްކާލުމުގެ ކަންކަން ވެސް ހުއްޓުމަކަށް ގެނަ އެވެ. ޗެލްސީ އަށް އޮތް ހަމައެކަނި ފުރުސަތަކަށްވީ، ބޮޑެތި ފިއްތުންތަކާ އެކު ދިން ހާއްސަ ލައިސެނެސެއްގެ ދަށުން މެޗުތައް ކުރިޔަށް ގެންދިޔުމެވެ.
ޗެލްސީގެ ފޯމު ދަށްވެފައިވާ ދުވަސްވަރެއްގައި ޓީމު އޮތް ހާލަތުން، ލީގުގެ ފުލުގައި އޮތް ނޯރިޗު އަތުން ޗެލްސީ އަށް ލަނޑު ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެ މެޗު ވެސް ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ. އެއަށް ފަހު އަމިއްލަ ދަނޑުގައި ކުރިމަތިލާން ޖެހުނީ ޖެނުއަރީ ޓްރާންސްފާ އަށް ފަހު ނަތީޖާ ރަނގަޅުކޮށް، ޖެހިޖެހިގެން ނުވަ މެޗުން ބަލިނުވެ އޮތް ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އުނދަގުލުން ނަމަވެސް އެންމެ ފަހު މިނިޓުގައި ލަނޑު ޖަހައިގެން ނިއުކާސަލްގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނައެވެ.
ނިއުކާސަލް ބަލިކޮށް، ޗެލްސީ ގޮވައިގެން ދެން ޓުޗެލް މިސްރާބު ޖެހީ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ފްރާންސްގެ އެންމެ ފަހުގެ ޗެމްޕިއަން ލިލްއާ ދެކޮޅަށް ދެވަނަ ލެގު ކުޅެން ފްރާންސަށެވެ. ޕެނަލްޓީ އަކުން ލިލް މެޗުގައި ލީޑު ނެގި ނަމަވެސް ޗެލްސީން ވަނީ އެ މެޗުގައި ފަހަތުން އަރައި ދެ ލަނޑު ޖަހައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ޗެލްސީގެ ސަޕޯޓަރުންނަށް ދަނޑަށް ވަންނަން ޓިކެޓް ވިއްކުން ވެސް މަނާ ކުރި އެވެ. އެ ފިޔަވަޅު އެޅީ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް ޗެލްސީ އިން ބައެއް ޓިކެޓް ވިއްކާފައި ވަނިކޮށެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކަޓުވާލާފައި ކުއާޓާއިން ޖާގަ ހޯދި މިޑްލްސްބަރާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗަށް 31،000 އަށް ވުރެ ގިނަ ސަޕޯޓަރުން ކުޅިބަލަން ވަން އިރު، ޗެލްސީ އަށް ސަޕޯޓް ކުރަން ތިބީ ޓިކެޓް ވިއްކުން މަނާކުރުމުގެ ކުރިން ޓިކެޓް ގަތް 700 އެއްހާ ސަޕޯޓަރުންނެވެ. މި ހުރިހާ ކަމަކާ އެކު ވެސް ޗެލްސީ ވަނީ މިޑްލްސްބަރާ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
އެފްއޭ ކަޕުގެ މެޗަށް ފަހު، އިންޓަނޭޝަނަލް ބްރޭކަށް ފަހު ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ވަނީ ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއް ވެފަ އެވެ. އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީ އަށް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތެއް ވެސް ނެތެވެ. ރޭގެ މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ވެސް މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވާ ޑިފެންޑަރު އެންޓޮނީ ރުޑިގާ އެވެ. ސީޒަނުގެ އެންމެ މޮޅު ގޯލަށް ވާދަކުރާ ފެންވަރުގެ ގޯލެއް އޭނާ ޖެހިތާ މާ ގިނައިރެއް ނުވެ، ބްރެންޓްފޯޑުން ވަނީ ގާތްގާތުގައި ޖެހި ލަނޑުތަކާ އެކު ނަތީޖާ އަނބުރާލައި 4-1 އިން ޗެލްސީ ބަލިކޮށްފަ އެވެ.
ޓުޗެލް ދެން ޗެލްސީ ގޮވައިގެން ނުކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް، ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގަ އެވެ. ޗެލްސީ މިދިޔަ ސީޒަނުގެ ޗްމްޕިއަންސް ލީގު ފައިނަލަށް ޓުޗެލް ގެންގޮސްދިނީ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ.