ރަޝިޔާ ސިފައިން ލަހުން ނަމަވެސް ފަހަތަށް އެބަޖެހޭ: ޒެލެންސްކީ
ރަޝިޔާ ސިފައިން ލަހުން ނަމަވެސް ފަހަތަށް އެބަޖެހޭ: ޒެލެންސްކީ

ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިޔާ ސިފައިން، ލަސްލަހުން ނަމަވެސް ފަހަތަށް ޖެހެމުންދާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ކިޔޭވްގެ ވަށައިގެން ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖެހުނު ނަމަވެސް، ޔޫކްރޭންގެ އިރުމައްޗަށާއި ދެކުނު ސަރަހައްދަށް އަލުން ވަރުގަދަ ހަމަލާތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަޝިޔާ ސިފައިން ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދު މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

އޭގެ އިތުރުން ދެކުނުގައި އޮންނަ މަރިއުޕޯލްގައި ރަޝިޔާ ސިފައިންގެ ހިސާރުގެ ދަށުގައި ތިބި އާންމުންގެ އެތައް ހާސް ބަޔަކު އެ ސަހަރުން ނެރުމަށްޓަކައި ވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. ރަޝިޔާ ސިފައިން ފަހަތަށް ޖެއްސުމަށްޓަކައި ޔޫކްރޭން ސިފައިން ހަރަކާތްތެރިވަމުން އަންނަނީ ވަރަށް ފަރުވާތެރިކަމާ އެކު ވިސްނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ކިޔޭވްގެ ރަށްބޭރުގައިވާ ރަށްތަކާއި އަވަށްތަކުން ރަޝިޔާ ސިފައިން ފަހަތަށް ޖެހުނު އިރު، އެ ސަރަހައްދު ވަނީ އެކުގައިހެން ވީރާނާވެފަ އެވެ. ވެރިރަށް ކިޔޭވްގެ ހުޅަނގުން އޮންނަ އިރްޕިންގެ ތެރެއިން މިހާރު ފެންނަނީ ހަލާކުވެ ނުވަތަ އަނދާފައިވާ އިމާރާތްތަކާއި، މަގުތަކުގެ އެއްފަރާތުގައި އަނދައި އަޅިއަށް ވެފައި ހުރި ކާރުތަކެވެ. އޭގެ އިތުރުން ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވެސް ފެންނަން ހުރި ކަމަށްވެ އެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން، ކިޔޭވް ސަރަހައްދު ދޫކޮށް ދިޔައީ، އެސަރަހައްދަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވައިފަ އެވެ. ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ސަރަހައްދުތަކުގެ މަގުތަކުގަ އާއި އިމާރާތްތަކުގެ ވަށައިގެންނާއި ދަނޑުބިންތަކުގައި ވެސް މައިން ހަރުކޮށްފައި ހުރި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

"އެމީހުން ދިޔައީ މުޅި ސަރަހައްދުގައި މައިން ހަރުކޮށްފައި. ގެތަކާއި ސާމާނުތަކުގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުގައި ވެސް ހުރީ މައިން ހަރުކޮށްފައި. އޭގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ދަންތުރަ ވެސް ޖަހާފައި އެބަހުރި. އެނޫން ކިތަންމެ ނުރައްކާތަކެއް ވެސް އެބަހުރި،" ޒެލެންސްކީ ވިދާޅުވި އެވެ.