03 އެޕްރީލް 2022 - 11:23

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށުން، މުޅި ކިޔޭވް ސަރަހައްދު މިނިވަންކުރެވިއްޖެ ކަމަށް ޔޫކްރޭނުން ބުނެފި އެވެ.
ޔޫކްރޭންގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރުގެ ނައިބު ހަނާ މަލްޔާރް ވިދާޅުވީ ވެރިރަށް ކިޔޭވްގެ ރަށްބޭރުގައިވާ ހުރިހާ އަވަށްތަކާއި އެހެން ހުރިހާ ސަރަހައްދުތަކުން ވެސް މިހާރު ރަޝިޔާ ސިފައިން ފައްސައިލެވިފައިވާ ކަމަށެވެ. އަދި ވެރިރަށް ކިޔޭވް އާއި ކިޔޭވްގެ ރަށްބޭރުގެ ވަށައިގެންވާ ހުރިހާ ސަރަހައްދެއް މިހާރު އޮތީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ ރިއާސީ މުޝީރު އޮލެކްސީ އަރެސްޓޮވިޗް ވިދާޅުވި ގޮތުގައި ކިޔޭވް ހިފުމަށް މަސައްކަތްކުރި ރަޝިޔާ ސިފައިންގެ ހަމަލާތަކުން ކިޔޭވް ދިފާއުކުރެވިފައި ވިޔަސް، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި މިހާރު ވެސް ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރަށް ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން އެބަދެ އެވެ. ޔޫކްރޭން ސިފައިން މިހާރު އެންމެ ވަރުގަދަ އަށް ހަމަލާ ދެނީ، ޔޫކްރޭންގެ ދެކުނުން އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް އަށް އަތް ގަދަކޮށްގެން ތިބި ރަޝިޔާ ސިފައިން ބަލިކޮށްލުމަށެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް، ކިޔޭވްގެ ރަށްބޭރުން 30 އަވަށެއް ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުން މިނިވަން ކުރެވިފަ އެވެ.
ރަޝިޔާ ސިފައިންގެ ހަރަކާތްތައް މިހާރު ހުރި ގޮތަށް ބަލައި، ޔޫކްރޭނުން ބުރަވާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ، މުޅިން އާ ދިމާލަކުން ޔޫކްރޭންގެ ތެރެއަށް ވަދެގަތުމަށެވެ. އެއީ ޔޫކްރޭނާއި މޮލްޑޯވާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިންނެވެ. އެ ސަރަހައްދުގައި އޮންނަ، މޮލްޑޯވާ އިން ވަކިވެ މިނިވަންވުމަށް މަސައްކަތް ކުރާ، ޓްރާންސްނިސްޓްރިއަން މޮލްޑޯވަން ރިޕަބްލިކްގައި މިހާރު ވެސް ރަޝިޔާ ސިފައިން ތިބި އިރު، އެ ޖުމްހޫރިއްޔާ އިން ބުނާ ގޮތުގައި، ޔޫކްރޭންގެ އެ ތުހުމަތުގައި ހަގީގަތެއް ނެތެވެ.
ކިޔޭވްގެ ރަށްބޭރު އަވަށްތަކަށް ވެރިވެގަނެގެން ތިބެ ވެރިރަށް ކިޔޭވް އަށް ވަދެގަންނަން މަސައްކަތް ކުރި ރަޝިޔާ ސިފައިންނަށް އެކަން ކާމިޔާބުނުވުމުން، މިހާރު ފަހަތަށް ޖެހި، އަލުން ޖަމާވަމުން ދަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ކައިރި އަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ، މައިގަނޑު ދެ އަމާޒެއް ހާސިލުކުރުމަށް ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެ އެވެ. އެއީ ޔޫކްރޭންގެ އަސްކަރީ ބާރު ކަނޑުވައިލުމާއި، ޔޫކްރޭންގައި އޮތް ނާޒީ އުސޫލުތައް ނައްތައިލުމެވެ.