03 އެޕްރީލް 2022 - 10:43

ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގައި ބާއްވަން އުޅޭ ބޮޑު މުޒާހަރާ އަށް ހުރަސް އެޅުމުގެ ގޮތުން އެ ގައުމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.
"ރިއަލް-ޓައިމް ނެޓްވޯކް ޑޭޓާ ދައްކާ ގޮތުން ލަންކާގައި ވަނީ ސޯޝަލް މީޑިއާ ބްލެކްއައުޓެއް ގެނެސްފައި. ޓްވިޓާ، ފޭސްބުކް، ވަޓްސްއަޕް، ޔޫޓިއުޓް އަދި އިންސްޓަގްރާމް އަކަށް ނުވަދެވޭ،" ލަންޑަނުގައި ހިންގާ އިންޓަނެޓް މޮނިޓާ ނެޓްބްލޮކްސް އިން ބުންޏެވެ.
އޭއެފްޕީން ވެސް ޔަގީންކޮށްދީފައިވާ ގޮތުގައި މި ފަސް ޕްލެޓްފޯމަށް ލޯކަލް އިންޓަނެޓް ސާވިސް ޕްރޮވައިޑާތަކުން ނުވަދެވެ އެވެ. ލަންކާގައި ބޭނުންކުރާ މޯބައިލް ފޯނުތަކަށް ފޮނުވި މެސެޖެއްގައި ވަނީ ސޯޝަލް މީޑިއާ ބްލޮކްކޮށްފައި ވަނީ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުން އަންގައިގެން ކަމަށެވެ. ބްލޮކްކުރި ނަމަވެސް ވީޕީއެންގެ އެހީގައި ބައެއް މީހުން ދަނީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ.
ކާބޯތަކެއްޗާއި ތެޔޮ ނުލިބޭތީ އާއްމުން ނުކުމެ މުޒާހަރާ ކުރަން ފެށިގެން ލަންކާގައި މިހާރު ވަނީ އިއްޔެ އިރުއޮއްސި 6 އިން މާދަމާ ހެނދުނަށް 36 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފަ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ މަގުތަކަށާއި ޕާކްތަކާ އަދި ބީޗްސައިޑަށް ނުކުތުން މަނާކޮށްފަ އެވެ. ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.