03 އެޕްރީލް 2022 - 08:58

ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ މަންޑަންނާ އަށް ބޮލީވުޑްގެ ތަރި، ރަންބީރު ކަޕޫރާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބިއްޖެ އެވެ.

ރަންބީރްއާ އެކު "އެނިމަލް" އިން ފެންނާނެކަން، ރަޝްމިކާ އިއްޔެ އިއުލާންކުރިއިރު އެއީ ހިންދީ ކްރައިމް ޑްރާމާއެކެވެ.
ޓީ ސީރީޒްގެ ޕްރޮޑަކްޝަނުގެ ދަށުން ނިކުންނަ "އެނިމަލް" ކިޔާ އެ ފިލްމު ޑައިރެކްޓްކުރަނީ "ކަބީރް ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެވެ. ފިލްމު އިއުލާންކޮށް، ޓީ ސީރީޒުން ވަނީ ރަޝްމިކާ އަށް އެ ޓީމަށް މަރުހަބާ ކިޔައިފަ އެވެ.
ޓީ ސީރީޒުން ބުނި ގޮތުގައި މި އަހަރުގެ ޖުލައި ހިސާބުގައި ފިލްމުގެ ޝޫޓިންތައް ފަށާނެ އެވެ. އެ ފިލްމު ނެރޭނީ އަންނަ އަހަރުގެ އޮގަސްޓް 11 ގަ އެވެ.
ރަންބީރްގެ އިތުރުން އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް އެ ފިލްމުން ފެންނާނެ އެވެ. ކުރިން އޮތްގޮތުން އެ ފިލްމުން ޕަރީނިތީ ޗޯޕްރާ ވެސް ފެންނާނެ އެވެ. އެކަމަކު މަސައްކަތްތަކުގެ ފުށުއެރުމާ ހެދި އޭނާ މިހާރު އެ ފިލްމުން ނުފެންނާނެ ކަމަށްވެ އެވެ.
ކަނަންޑާ އަދި ތެލޫގޫ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރަޝްމިކާގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި "ދޭވްދާސް" އާއި "ޔަޖަމަނާ" ހިމެނެ އެވެ.
އެންމެ ފަހުން އައްލޫ އަރްޖުންއާ އެކު "ޕުޝްޕާ" އިން ވެސް ފެނުނު ރަޝްމިކާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ "އެނިމަލް" އެއް ނޫނެވެ. ސްޕައި ތުރިލާއެއް ކަމަށްވާ "މިޝަން މަންޖޫ" އަކީ ސިދާތު މަލޯތުރާއާ އެކު އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމެވެ. އެ ފިލްމު އެނިމަލް އަށް ވުރެ ކުރިން ސިނަމާގައި އަޅުވަން ނިންމާފައިވާއިރު، އަމީތާބު ބައްޗަންއާ އެކު "ގުޑްބާއީ" ގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ރަޝްމިކާ އަށް ލިބިފައިވެ އެވެ.