03 އެޕްރީލް 2022 - 11:59

ފްރެއިބާގް (އޭޕްރީލް 3) - ޖަރުމަންގެ ބުންޑެސްލިގާގެ އެއްވަނައިގައި އޮތް ބެޔާން މިއުނިކުން ރޭ ފްރެއިބާގާ ދެކޮޅަށް ކުޅެ 4-1 އިން މޮޅުވި މެޗުގައި، އޮޅިގެން ބެޔާންގެ 12 ކުޅުންތެރިންނާ އެކު މެޗުގެ 16 ވަރަކަށް ސިކުންތު ކުޅެފި އެވެ

މި މައްސަލަ ދިމާވީ ކިންގްސްލޭ ކޯމަން ބެޔާންގެ ތިންވަނަ ލަނޑު ޖެހި ވަގުތު، މެޗުގެ 85 ވަނަ މިނިޓުގައި އެއްފަހަރާ ދެ ބަދަލު ގެނައި ހިސާބުންނެވެ. މި ބަދަލުގައި ކުޅެން އެރީ ޑިފެންޑަރު ނިކްލަސް ސޫލޭ އާއި މިޑްފީލްޑަރު މާސެލް ސަބިޓްޒާ އެވެ. ނަމަވެސް ފޭބީ ހަމައެކަނި ކޮރެންޓިން ޓޮލީސޯ އެވެ. އޭރު ވެސް ބެޔާން އޮތީ 3-1 އިން ކުރީގަ އެވެ.

މެޗުގެ ހަތަރުވަނަ ރެފްރީ، ނުބައި ޖޯޒީ ނަމްބަރެއް ދެއްކުމުން، ލަނޑު ޖެހި ކޯމަން ފައިބަންވީކަން ނޭނގި، އަލުން ކުޅުން ފެށި އިރު ވެސް ހުރީ ދަނޑު މަތީގަ އެވެ. މި ސީޒަން ފެށުނީއްސުރެން ކޯމަން ބެޔާންގައި ކުޅެނީ 11 ނަމްބަރު ޖޯޒީގަ އެވެ. ނަމަވެސް ހަތަރުވަނަ އޮފިޝަލް ދެއްކި ގޮތުގައި ފައިބަންވީ ޖޯޒީ ނަމްބަރު 29 އެވެ. މިދިޔަ ސީޒަނާ ހަމައަށް ކޯމަން ކުޅުނީ 29 ނަމްބަރު ޖޯޒީގަ އެވެ. ނަމަވެސް މި ސީޒަނުގައި ބެޔާންގެ ސްކޮޑުގައި 29 ނަމްބަރަށް ކުޅޭ ކުޅުންތެރިޔަކު ނެތެވެ. ދަނޑުގައި ބެޔާންގެ 12 ކުޅުންތެރިން ތިބިކަން ރެފްރީގެ ސަމާލުކަމަށް ގެނައީ ފްރެއިބާގު ކުޅުންތެރިންނެވެ.
"ހަތަރު ވަނަ އޮފިޝަލް ވަނީ ނުބައި ނަމްބަރެއް ދައްކާފައި، ކިންގް (ކޯމަން) އަށް ނޭނގުނު އޭނާ ފައިބަން ވީކަމެއް. އަށްވަރަކަށް ނޫނީ ނުވަ ވަރަކަށް ސިކުންތު ކަންނޭނގެ އެހެން ކުޅުނީ. މެޗުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ ވަގުތުކޮޅެއް ނޫން އެއީކީ. އެކަމަކުވެސް އާދަޔާ ހިލާފް ކަމެއް އެވީ،" މެޗަށް ފަހު ބެޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުންޏެވެ.
"އާދައިގެމަތިން ސަޕޯޓަރުން އެކަހަލަ ކަންކަމާ މަޝްވަރާ ކުރާނެ. އަހަރެންނަށް އެނގޭ ޒިންމާ ނަގަން ޖެހޭ މީހުން ވެސް. އެކަމަކު އެ މީހުންގެ ނަމެއް އަހަރެން ނުބުނާނަން. މޮޅު ވީމައި މިހުރީ ވަރަށް އުފަލުން."
ފްރެއިބާގުގެ ކޯޗު ކްރިސްޓިއަން ސްޓްރެއިޗް ބުނީ އޭނާގެ ޓީމުން މި ކަމުގައި އެޕީލްކުރަން ނުޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރެވެން ވާނެ ކަމަށެވެ.
މެޗުގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ބެޔާން މިއުނިކަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމަކަށް ނުބެލެވެ އެވެ. ރެފްރީ ސްރިސްޓިއަން ޑިންގާޓް ވަނީ އެކަން ހިނގައިދިޔަ ގޮތް މެޗު ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް ބުނެފަ އެވެ.
"ނުބައި ނަމްބަރެއް ދެއްކީ އެހެންވެ ކުޅުންތެރިޔާ ކޯމަން އަށް އިހްސާސް ނުވީ ފައިބަން އިޝާރާތް ކުރީ އޭނާއަށްކަން،" ރެފްރީ ޑިންގާޓް ބުންޏެވެ.
"އަހަރެމެން މެޗުގެ ކުޅުން މެދުކަނޑައިލިން. އެކަން ސާފުކުރަން އަދި ތަންކޮޅެއް ގިނަ ވަގުތު ނެގި. އެހެންވެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓު ދެއްކީ. މެޗު ރިޕޯޓްގައި ވެސް ކަންހިނގާ ދިޔަގޮތުގެ ތަފްސީލު ހިމަނާފައި ވާނެ. (ކޯމަން ކުޅުނު) 16 ސިކުންތުގެ ތެރޭގައި މާ ބޮޑު ކަމެއް ނުހިނގާ، މިހާރު އެކަމުގައި ގޮތެއް ނިންމުން އޮތީ ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އަތްމަތީގައި."
މެޗުގެ 58 ވަނަ މިނިޓުގައި ލިއޯން ގޮރެޓްޒްކާ ބެޔާން އަށް ލީޑު ނަގައިޑީފައި ވަނިކޮށް އޭގެ ފަސް މިނިޓު ފަހުން ފްރެއިބާގަށް އެއްވަރު ކޮށްދިނީ ކުރިން ބެޔާން އަށް ވެސް ކުޅުނު ފޯވާޑް ނިލްްސް ޕެޓަސެން އެވެ. ނަމަވެސް ސާޖް ގްނަބްރީ އާއި ކޯމަން އަދި ސަބިޓްޒާގެ ލަނޑުތަކުން ބެޔާން މެޗު ނިންމާލީ މޮޅުވެގެންނެވެ.
ލީގުގައި ބާކީ ހަ މެޗު އޮއްވައި ބެޔާން އެއްވަނައިގައި އޮތީ 28 މެޗުން 66 ޕޮއިންޓް ހޯދައިގެން، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ. ޑޯޓްމަންޑް ވަނީ ރޭ އަމިއްލަ ދަނޑުގައި، ހަތަރު ވަނައިގައި އޮތް އާރުބީ ލައިޕްޒިގު އަތުން 4-1 އިން ބަލިވެފަ އެވެ.
މިޑްފީލްޑަރު ކޮންރަޑް ލައިމާ، ލައިޕްޒިގަށް ދެ ލަނޑު ޖަހައިދިން އިރު، އަނެއް ދެ ލަނޑު ޖެހީ ކްރިސްޓޮފާ އެންކުންކޫ އާއި ޑެނީ އޮލްމޯ އެވެ. ޑޯޓްމަންޑުގެ ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވާން ކުޑަތަން ވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި ކުޅެން ނުކުތް ފޯވާޑް ޑޮންޔެލް މޭލެން އެވެ.