03 އެޕްރީލް 2022 - 08:54

ޕާޓް 1: ޗެޕްޓާ 1: ދެވިތައް
މަޔަކު އޭނާގެ އުފަން ދަރިއެއްގެ ހަތަރެސް ފައިގައި އަލިފާން ޖަހަން ޖެހޭ ހިސާބަށް އެ މީހެއްގެ ދިރިއުޅުން ވެއްޓިގެންދާނީ ކޮން ފަދަ ބޮޑު ހުޅުގަނޑެއް އެ މައެއްގެ ހިތާއި މެޔާއި ހަޔާތުގައި ރޯވެގެން ހެއްޔެވެ؟ ބަނޑުއަޅައި ވިހޭ ދަރިއެއްގެ ގައިން ލޭކޮށައި އެވަރުގެ އަނިޔާއެއް ދޭން ކެރޭ ވަރުގެ ނަފުރަތެއް މައެއްގެ ހިތުގައި އުފެދެނީ ނުވަތަ އުފައްދަނީ ކޮން ސަބަބެއް ހެއްޔެވެ؟ އެފަދަ ތައައްސުބެއް، އަނިޔާވެރިކަމެއްގެ އަސްލަކީ ނުވަތަ ހަގީގަތަކީ ކޮބައި ހެއްޔެވެ؟
ފަހަރުގައި، އެ ނިކަމެތި މައިމީހާ އޭނާގެ ޅަފުރައިގައި ތަޖުރިބާކުރި އަނިޔާ އާއި ހިތްދަތި ހަޔާތެވެ. އެ މައުސޫމު ހަޔާތަށް އެރި ފުރޭތައެއްގެ އަނިޔާ އާއި ވޭން އުފެއްދި ދެއްވެއް ނުވަތަ ދެވިތަކެއްގެ އާޖުފާޖެވެ. ތުރާލާއި ބަލާއެވެ. ނުވަތަ ރިވެތި އަހުލާގާއި އަދަބު އަސްލާއި އުސްލޫބުން ނެއްޓި އިސްލާމީ އެންމެ ފުރިހަމަ ފުރާޅެއްގެ ދަށުގައި ފުރާފުރިހަމަނުވުމުގެ ބަދުނަސީބެވެ. ހިޔަލެއް ނެތި ހަޔާތަށް ވެރިވި ހިޔަންޏެއްގެ އަނދިރިކަމެވެ.
އެކަމަކު އެވަރުގެ އަނިޔާއެއް އަމިއްލަ ދަރިއަކަށް ދީފައި ހަޔާތުގެ ނަސީބާއި ބަދުނަސީބަށް އިނގިލި ދިއްކޮށް ކުށްވެރިކުރާނީ ކިހިނަކުން، ކޮން ހަމަޔަކުން، ކޮން ފަދަޔަކުން ހެއްޔެވެ؟ އެއީ ހަމަ ޖައްބާރު ހަރު ހިލަ ހިތަކާއި ބޮލަކާއި ކުލުނެއް ރަހުމެއް، އެއްވެސް ލޯތްބެއް ހިތުގައި ނެތް މައެއްގެ ނުބައިނުލަފާ ކަމެވެ. މި ނޫން އެހެން ގޮތަކަށް އެފަދަ އަމަލެއް ބަޔާންކޮށް ދެވިދާނެ ހެއްޔެވެ؟
ނަމަވެސް ކަންކަމުގެ އަސްލަށް ވާސިލުވާ ތަޖުރިބާކާރުންގެ ނަޒަރުގައި ކޮންމެ އަމަލެއްގެ ވެސް އަސްލަކީ ނުވަތަ ފެށުމަކީ ކޮންމެވެސް އެހެން އަމަލެކެވެ. ކޮންމެވެސް އެހެން މީހަކު ކުރާ ކޮންމެވެސް ކަމެކެވެ. ކޮންމެވެސް އެހެން މީހަކު ދޭ ކޮންމެވެސް އަނިޔާ އެކެވެ.
މި ހިޔާލާއި ފިކުރުތައް މީގެ އެތައް އަހަރެއް ކުރީގެ ހަނދާންތަކާ އެކު މަޑު ގިނީގައި އަނދަމުންދިޔައިރު ޖަމާލް އިނީ އަހަރެންނާ އެކު ވިލިނގިލީގެ ބީޗު ހަޓެއްގެ ހިޔަލާއި އަރާމުގައި ޖައްސާލައިގެންނެވެ. ނަމަވެސް މި ސަންގުމަރުމަރު ހިލައިގައިވީ ފިނިކަމާއި، ހިމޭން އެ މާހައުލުގައި އެނބުރެމުން ދިޔަ ރޯޅިތަކުގެ އެއްވެސް އަސަރެއް، އިހުސާސެއް، ޖަމާލަކަށް ނުކުރެވެއެވެ. ނުވަތަ އެ ޖިސްމު އެއްކޮށް އައްސިވެ ހިއްސު ކެނޑިފަ އެވެ.
ދެ އަތްތިލަ ހުޅުވައި ޖަމާލު އޭނާގެ ދެ އަތަށް ބަލައި ހުއްޓުނެވެ.
ރަތްވިލާތަކުން އުޑުމަތި ބައްދައި އުދަރެހާ ދިމާލަށް ވެއްޓި އަނދަމުން ދިޔަ މަންޒަރުގައި ކިތަންމެ ކުލައަކާއި ކިތަންމެ ހިތްގައިމުކަމެއް އެކުލެވިފައިވިޔަސް ޖަމާލުގެ އަތްތިލައިގެ ބަނޑުފުށް އަނގުރުގެ ހޫނާއި ދިލައިން ތޮރުފަމުން ގެންދާ ކަހަލައެވެ.
ބަނޑުފުށުގައި ހެދިފައިވީ ލަކުނުތައް ނާށިއަލިފާން ހެން ދިއްލުނެވެ. ހީވީ މީހަކު އޭނާގެ ދެ އަތަށް ނާށީގެ އަލިފާން އަޅައި އިނގިލިތައް ގަދަކަމުން ލައްޕައި މުށު ތެރެއަށް އެ އަނގުރު ޗިސްކޮށްލި ހެންނެވެ. ދިރި ހުރި އިންސާނަކަށް އިހުސާސުވާނޭ ހުރިހާ ނުތަނަވަސްކަމަކާއި ވޭނެއް ކުއްލިއަކަށް އައިސް ޖަމާލުގެ ދެ އަތުގައި ވަކިހިއްޕާލި ކަހަލައެވެ. ދެ އަތް ތޮރުފައި މުޅި އެ ހަށިގަނޑު ތެރޭގައި ދެމިގަތެވެ.
އެ ބިރުވެރިކަމުން މިންޖުވުމަށް އެދި ޖަމާލަށް ކުއްލިއަކަށް އޭނާގެ ދެ އަތް ދަމައި ގަނެވުނެވެ. މީހެއްގެ ލޮލުގައި ބިރުވެރިކަން އެވަރަށް އަށަގެންފައިވަނިކޮށް އަހަރެން ކުރިއަކުން ދުވަހަކުވެސް ނުދެކެމެވެ.
ޖަމާލަކީ ހައެއްކަ ފޫޓުގެ އިސްކޮޅެއްގައި ހެދިހުރި ޖާނުން ވަރުގަދަ ވިހި ފަންސަވީހުގެ ޒުވާނެކެވެ. ނަމަވެސް ހަޔާތުގެ އަނދިރިކަމުން ނުކުމެގެން އަންނަ ދެވިތައް އައިސް އޭނާއާ އަރައި ހަމަކޮށްލުމުން، މާޒީގެ އެ މަންޒަރަށް ބިރުން ތުރުތުރުއަޅަމުން ގޮސް އޭނާ ކުޑަވެގެން ދަނީ އަނދަގޮނޑި ޖަހައި ރަތްދަކަ އަތްވަށް އެއްލައިލީމަ ބިތްޖެހިފައި އޮންނަ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ނިކަމެތި ހާލަތަށެވެ.
ރުއްގުޅިގަނޑެއްގައި އަނދަގޮނޑި ޖަހައި ރަތްދަކަ އަތްވަށް އެއްލާލާފައި އޮތުމަކީ އުމުރުން ފަސް އަހަރުން ފެށިގެން ދިހަ އަހަރާ ހަމަ އަށް ކޮންމެ ދުވަހަކުވެސް ޖަމާލު ތަޖުރިބާކުރި އަދަބެކެވެ. އަވިނުދޭ ދުވަހެއް ނަމަ ވެހޭވާރޭ ތެރޭގައެވެ. އެ ގަދަ ފިނިން އޭނާ ޖަހައިގެން ގެންގޮސް ދެން އެއްލީ ނާށިއަލިފާނުގެ އުނދުނަކަށެވެ. ނުވަތަ އަބަދުވެސް ރަތްދަކަ އަތްވަށެވެ.
ހިލިފަރިދޫ ޖަވާހިރު ވާދީގޭ މަރީނާ އޭނާގެ ނަހަލާލު ފިރިހެން ދަރިއާ އެކު ޖެހި މި ހުރިހާ ސަކަރާތެއް ބަލަން ރަށުގެ ކުދިބޮޑު އެންމެން އެ ގޭ ދޮށަށް ކޮންމެ ދުވަހަކުވެސް އެއްވެ ފުޅައްމަތިން ބޯ އެއްލައިގެން ތިއްބެވެ. ދަރިން ފަތި ގޮވައިގެން ގޮސް އެއް ބަޔަކު އުކުޅުގައި ދެ އަތް ވިއްދާލައިގެންނެވެ. އަނެއް ބަޔަކު ދަރިންތައް އުރުޖަހައިގެންނެވެ.
އެކަމަކު އޭގެ ތެރޭގައި މަރީނާހާ ވިޔާނުދާ، އޭނާ އަށް ވުރެ ނުލަފާ، އޭނާ އަށް ވުރެން ޖެހިލުންކުޑަ ހަމަ އެކަކު ވެސް ނެތް ކަހަލައެވެ. ނުވަތަ ރަށެއްގެ އެވަރުގެ އާބާދީއެއް އެމީހުންގެ އާންމު ދިރިއުޅުމުގައި އުޅެމުން ގެންދިޔައީ ތޯއްޗެވެ. އަދި ޖަމާލަށް ވެސް ވިސްނުނީ ކޮންމެ ދުވަހަކު އޭނާ އަށް ލިބެމުންދިޔަ އަނިޔާ އަކީ ކޮންމެ ދުވަހަކުވެސް އޭނާ އަށް ލިބެން ޖެހޭ އަނިޔާ ކަމަށެވެ. ނުވަތަ އެ ވެށީގެ އެހެން ހުރިހާ އަހުލުވެރިންނަށް ވެސް ވިސްނުނު ގޮތަކީ އެއީ އެވެ.
މަރީނާއާ ދިމާލަށް އެއްޗެއް ބުނި އެކަކު ވެސް ނެތެވެ. އޭނާ ހުއްޓުވަން އުޅުނު މީހަކު ވެސް ނެތެވެ.
އެހެންކަމުން ދިރިއުޅުމުގެ މި ސަކަރާތާއި ތަރުތީބުގައި މަރީނާ އޭނާގެ އެންމެ ހޫނު އުނދުނުން އަނގުރު ނަގައިގެން ގޮސް ޖަމާލުގެ އަތަށްލައި އެ ދެލިގަނޑު އަޅިއަށް ނުވަނީސް މުށް ނުހުޅުވުމަށް އެ ކުއްޖާ އަށް އަމުރުކޮށްފާނެތެވެ. ނިދިން ހޭލަން ޖެހޭ ގަޑިއަށް ނުހޭލައިފި ނަމަ، އަމާ ގާތު ނުބުނެ ތަނަކަށް ގޮސްފި ނަމަ ދެ ފައިގައި ދޮންދަގަނޑު ޖައްސަފާނެތެވެ. ހުއްދަ ނުހޯދައި ބަދިގެ އަށް ވަދެ އަނގަޔަށް ލާނެ ކާނެ ބޯނެ އެއްޗެއްގައި ޖެހިއްޖެ ނަމަ އެ ޖެހުނު އަތެއްގައި ދޮންދަގަނޑު ޖައްސަފާނެތެވެ.
އޮރިޔާންކޮށްފަ މަގުމައްޗަށް ނެރެލަފާނެތެވެ. ސުތުލީގެ ގޯންޏަކަށް ލައި ގޯތި ތެރޭގައި ހުންނަ އަނބު ގަހުގައި އެލުވަފާނެތެވެ. މޫނު މައްޗަށް ކުޅެއް ޖަހާލަފާނެތެވެ. އަދި އެ ބާރުމިނުގައި ކަންކަށި މައްޗަށް އަތް ދޮވެލަފާނެތެވެ.
އެކަމަކު ދެން ވެސް އެ މަންމަ ނޫން އެހެން ދެ ވަނަ އިންސާނަކު އޭނާގެ ހިތާއި ނަފުސާ އެހާ ގާތުގަތެއް ނެތެވެ. އެ މަންމަ ދެކެ ކިތަންމެ ބިރުގަތަސް އޭނާގެ ހިތުގައި އެ ނޫން ދެ ވަނަ އިންސާނަކަށް ލޯބި އުފެދިފައެއް ނެތެވެ. އެކަމަކު ޖަމާލު އެންމެ ބޭނުންވި ބީހުމާއި ފިރުމުންތައް އަބަދުވެސް އޭނާއާ ބައްދަލުކުރީ ހޫނު އެތިފަހަރުތަކެއްގެ ގޮތުގައެވެ.
ޖަމާލުގެ ހަށިގަނޑުގައި އެ ނޫން ގޮތަކަށް ދެ ވަނަ މީހަކު 'ބީހެން' ފެށީ އޭނާގެ ބޮޑުބެ، ފަރީދުގެ ބެލެނިވެރިކަމުގެ ދަށަށް ގެންދިޔަ ހިސާބުންނެވެ. އެއީ އޭނާ އޭގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިވީ ބީހުމެއް ނޫނެވެ. އަދި އެ ބީހުން އޭނާ އަށް ގެނެސްދިން އިހުސާސްތަކަކީ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިވީ ކަންކަމެއް ނޫނެވެ. އެ ބީހުންތަކުން ހޫނުކަމެއް އިހުސާސްކުރެވުނަސް އޭގައިވީ ބުނެދޭން ނޭނގޭ ކަހަލަ އަރާމެކެވެ.
އެހެންކަމުން ފުރާވަރުގައި ތަޖުރިބާކުރެވެން ފެށި އެ ބީހުން، އޯގާވެރި ފިރުމުމެއްގެ ގޮތުގައި ބަލައި، ހިތުގެ އެންމެ އަޑިން އެކަން ގަބޫލުކުރެވުނީ ޖަމާލަށް ދުވަހަކުވެސް މީހެއްގެ އަތު ތެރޭގައި ލޯތްބާއި އަޅާލުން ތަޖުރިބާކުރެވިފައި ނެތީމަ ކަމަށް ވެދާނެއެވެ. އެ 'ބީހުން' ވީ އޭނާގެ ނަޒަރުގައި ފިރުމުމަކަށެވެ. އަނިޔާއެއް ލިބެމުން ދިޔަ ކަމުގެ އިހުސާސެއް ޖަމާލަށް އޭރު އެއްވެސް ވަރަކަށް، އެއްވެސް ގޮތަކަށް ނުކުރެވެއެވެ.
އެކަމަކު އެއީ ފިރުމުންތަކެއް ނޫން ކަމާއި އަނިޔާގެ ވަކިތަކެއްކަން އޭނާ އަށް ވިސްނައި ދިނީ އަނެއްކާވެސް އޭނާގެ ބޮޑުބެ ފަރީދެވެ. ނަމަވެސް ބޮޑުބެގެ ގޭގައި ޖަމާލަށް އަނިޔާ ދެމުން ދިޔަ މީހާގެ ވާހަކަ އިތުރު އެއްވެސް މީހަކަށް ކިޔައިދޭން އޭނާ ބޭނުމެއް ނުވިއެވެ. އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދިނުމަށް ފަރީދު، ޖަމާލު ލައްވައި އެއްބަސް ވެސް ކުރުވީ އެވެ. އަދި އޭގެ ބަދަލުގައި އޭނާ އެހެން ގެއަކަށް ބަދަލުކޮށްދިނެވެ.
"ޖަމާލަށް އެނގޭތަ ދުނިޔޭގައި އަހަރެމެން އުޅޭއިރު ހުރިހާ ކަމެއް ވެސް ބެހިގެން ވަނީ ދެ ވައްތަރަކަށްކަން. އެއީ ރަނގަޅާއި ނުބައި. ކޮންމެ ކަމެއްގަ ވެސް އޮންނާނީ ރަނގަޅު ގޮތަކާއި ނުބައި ގޮތެއް. އަދި ދިރިއުޅުމުގައި މީހާ އަބަދުވެސް ކުރިއަށް ދާނީ ރަނގަޅު ގޮތުގައި ހިފަހައްޓައިގެން،" ބޮޑުބެ ފަރީދު، ޖަމާލަށް ކިޔައިދިނީ މި ބީދައިންނެވެ.
ދެ މީހުން ތިބީ ޖަމާލު ނިދާ ކޮޓަރި ތެރޭގައެވެ. ޖަމާލު ގެންދިޔައީ ދަބަހަކަށް އޭނާގެ އެއްޗެހިތައް އަޅަމުންނެވެ. އޭނާގެ ބޮޑުބެ ދިޔައީ ސިނގިރޭޓަކުން ދުން އަރުވަމުން ހަޔާތުން އިބްރަތްތެރި ވާހަކަ ކިޔައިދެމުންނެވެ.
"ޖަމާލަށް އެނގޭތަ އެ ރަނގަޅު ގޮތަކީ ކޮބައިކަން؟،" ފަރީދު ނިކަން ގަދަ އަށް ސިނގިރޭޓަށް ދަމައި ހަމަ އެވަރުގެ ފޯރިއެއްގައި ޖަމާލާ ދިމާލަށް ބަލައި ހުއްޓުނެވެ.
ދަބަހަށް އެއްޗެހި ލައި، ޒިބު އަޅުވައި ދަބަހާ އެކު ޖަމާލު އޭނާގެ ބޮޑުބެއާ ދިމާލަށް އެނބުރުނެވެ. ކިޔަންވީ އެއްޗެއް، ދޭނެ ޖަވާބެއް އެ ސޮރަކަށް ނޭނގުނެވެ.
ޖަވާބު ދިނީ ފަރީދެވެ.
"މިއީ އެ ރަނގަޅު ގޮތް"
"މިރޭ ޖަމާލު މި ގެއިން ނުކުމެގެން ތި ދަނީ އެހެން ގެއަކަށް. މި ގޭތެރޭގައި ހިނގި ކަމެއް ހިނގީ. އެ ވާހަކައެއް މީހަކު ނުދައްކާނެ. ދެއްކުމުގެ އެއްވެސް މާނައެއް ނެތް،" ފަރީދު އަނެއްކާވެސް ސިނގިރޭޓަށް ގަދަ އަށް ދަމައި ދުންގަނޑެއް އަރުވާލިއެވެ.
ހޮޅިބުރީގެ އައްޔާ ދިމާލަށް ދުންތައް އަރައިގެން ގޮސް ރޫޅެމުން ގެއްލެމުން ދާ މަންޒަރަށް ޖަމާލުގެ ސަމާލުކަން ދަމައިގެން ދިޔައެވެ. އޭނާ އަށް ހުރެވުނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. ދުމާއި ދުންފަތުގެ ވަހަށް ގެއްލިފައެވެ.
"ޖަމާލު ތިއީ ރަނގަޅު މީހާ. މި ގެ ދޫކޮށްލާފައި ދިއުން އެއީ ރަނގަޅު ގޮތް. އަދި އެ ކަމެއް ކުރި މީހެއްގެ ވާހަކަ ދުވަހަކުވެސް ނުދެއްކުން، އެއީ އަދި އެންމެ ރަނގަޅުގޮތް"
މިހެން ބުނެފައި ފަރީދު ތަޅުން މައްޗަށް ސިނގިރޭޓް ވައްޓައި ނިއްވާލިއެވެ. ބޮލުގައި އޮތް ރާޅު އިސްތަށިގަނޑު ދެ އަތުގެ އިނގިލިތަކުން ރީތިކޮށްލުމަށް ފަހު ޖަމާލު ތައްޔާރުކުރި ދަބަސް ހިފައިގެން ކޮޓަރިން ނުކުމެއްޖެއެވެ.
ބައުވެ ހަސްނެތިފައިވާ އެ ކޮޓަރިން ޖަމާލު ނުކުތީ އިރުކޮޅެއްކޮށްފަ އެވެ. އެ ކޮޓަރި އޭނާ އަށް ދިން އަރާމަށް ވުރެ އަނިޔާ މާ ބޮޑެވެ. އެކަމަކު އަނިޔާ އާއި އަރާމަކީ ކޮބައިކަން، ޖަމާލަށް އަންގައި ދެނީ ކޮން އެއްޗެއް ހެއްޔެވެ؟
އޭނާ ބޭރަށް ނުކުތުމާ އެކު ޖެހިގެން ހުރި ކޮޓަރި ތެރެއިން މީހަކު ކަރުކެއްސާލިއެވެ. އެއީ ބަލި މީހެއްގެ އަރުގައިވީ ހިރުވުމެއް ނޫނެވެ. ދޮރު ހުޅުވާލާފައި ހުރި އެ ކޮޓަރި ތެރެއިން ދިން އިޝާރާތުގެ މާނަ ޖަމާލަށް ވަގުތުން އެނގުނެވެ. ނަމަވެސް އެ ކޮޓަރި ތެރެއަށް ވެރިވެފައި އޮތް އަނދިރިކަމަކީ ނުބައި ކަމެކެވެ.
ބޮޑުބެ ދިން ނަސޭހަތުގައި ހިފައިގެން ކުރު ފިޔަވަޅުތަކެއް ޖަހަމުން ގޮސް ޖަމާލު ނުކުތީ ބޭރަށެވެ. އޭނާ ހިޔާރުކުރީ ރަނގަޅު މަގެވެ.
އެހިސާބުން ދެން ފެށުނީ ޖަމާލުގެ ހަޔާތުގެ މުޅިން އެހެން ބާބެކެވެ. އޭނާގެ ހަޔާތް ތަހައްމަލްކުރި އަނިޔާގެ ފަހަތުގައި ތިބި މީހުންތައް މާޒީގެ ފުސް އަނދިރިކަމަށް ވަދެ ގެއްލުނީއެވެ. އަދި އެ އަނިޔާ ގެނެސްދިން ލަކުނާއި ހަނދާންތަކާ އެކު ދިރިއުޅުމުގެ ދަތުރުގައި ކުރިއަށް ދިއުން ނޫން އެހެން އިހުތިޔާރެއް ޖަމާލަކަށް ނުފެނުނެވެ. ނުވެސް ނެތީއެވެ. ނުވަތަ އާދަވީއެވެ.
އެކަމަކު ހަޔާތުގެ މި ދަތުރަށް ފުރިހަމަ އަށް ތައްޔާރުނުވެއްޖެ ނަމަ، އެ ހަޔާތް ތިމާ ގެންގޮސް އަނެއްކާވެސް އެއްލައިލާނީ ކެހީގެ ދާނަކަށެވެ. ޖަމާލަށް ދަސްނުވެ އޮތީ ހަޔާތުގެ މި އަސްލާއި ގަވާއިދެވެ. އަދި ތައްޔާރުނުވެވުނީ ހަޔާތް ޖަހައިގެން އަބަދުވެސް ގެންދިޔަ އެ ތޫފާނަށެވެ.
ބޮޑުބެގެ ހިޔަލުން ނެރެގެން ގޮސް އޭނާ ބެހެއްޓީ މާލޭގައި 'ކުދިން ބަހައްޓާ' ގެއެއްގައެވެ. ހުރިހާ ޚަރަދެއް ހަމަޖައްސައި ދިނީ ބޮޑުބެ ފަރީދެވެ. އޭނާ އަކީ މާ ބޮޑު މުއްސަންޖެއް ނޫނެވެ. އެކަމަކު ކަންމަތީ ފިހާރަގަނޑަކާއި ސައި ހޮޓާގަނޑެއް ހިނގައިގެން އަބަދުވެސް ފުދޭވަރަކަށް ޖީބުގައި ފައިސާގެ ބޮނޑިވަރެއް ގެންގުޅުނު ދެބައި އުމުރުގެ ދުންފަތު ދެއްވެކެވެ. އެކަމަކު ފަރީދުގެ އޮތީ އަބަދުވެސް ވަރަށް ސާފު ހިތެކެވެ. ދުންފަތުއަނދިރިއެޅިޔަސް ޖަމާލަކަށް ދުވަހަކުވެސް ދެރަގޮތެއް، ދެރަބަހެއް ނުބުނެއެވެ.
އަބަދުވެސް އެސޮރަށް ނަސޭހަތްތެރިވީ، ވެދިޔަ ކަންކަން ހަނދާން ނައްތާލާފައި ކުރިއަށް ދިއުމަށެވެ. ކިތަންމެ ބޮޑު އަނިޔާއެއް، ކިތަންމެ ފުން ހިތާމައެއް ކުރިމަތިވިޔަސް އަބަދުވެސް ހަޔާތުގެ ދަތުރުގައި ދަންތުރައެއްގައި ނުޖެހި ކުރިއަށް ދިއުމަށެވެ. އެކަމަކު ކުރިމަތިވެދާނެ ތޫފާނެއްގެ އިންޒާރު ދުވަހަކުވެސް ނުދެއެވެ. އަދި މަރު އައިސް ބޮޑުބެ ފަރީދު ޖަހައިގެން ގެންދިޔައީ އޭނާ އަށް ވެސް އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ.
ހަޔާތެއްގެ އެންމެ ޝައުގުވެރިވަނިވި ސިފަ އަކީ ދެން ވާނޭ ގޮތް ނޭނގުމެއް ނޫން ހެއްޔެވެ؟ ވާހަކަ މި ހިސާބުން މެދުކަނޑާލާފައި ލައިފްގެ މި ސަޅި ސިފަ އެޕްރެޝިއޭޓްކުރަން މަށަށް ވަގުތުކޮޅެއް ދޭށެވެ. އެކަމަކު ރޯދަ މަހެކެވެ. ވާހަކަގަނޑު ކުރިއަށް ގެންދަން ޖެހޭނެއެވެ. އެހެންވީމަ އޯކޭއެވެ.
ބެކް ޓު ސްޓޯރީއެވެ.
ފަރީދު މަރުވީ ބިޑި ސުއްޓާ ބޮއެ ރާޒުވާ ބައިގަނޑެއްގައި ރައްޓެއްސެއްގެ އަތުން ބަލިވަމުން ދަނިކޮށެވެ. ފިކުރު ބޮޑުވެ ދުންއަރުވަމުން ދަނިކޮށް ހަމަ ކުއްލިއަކަށެވެ. އަނގަވަތަށް ކުޅިބައިގަނޑު މައްޗަށެވެ. ބެއްލެވި ޑޮކްޓަރު ބުނީ ހިތްހުއްޓިގެން ކަމަށެވެ.
ބޮޑުބެ މަރުވި ޚަބަރު ޖަމާލަށް ލިބުނީ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދަނިކޮށެވެ.
އެ އިމްތިހާނުގައި ބައިވެރިނުވުމުގެ ހުރިހާ އިހުތިޔާރެއް ޖަމާލަށް އެ ދުވަހު އޮތެވެ. އަދި ބޮޑުބެގެ މަރުގެ ހިތާމާގައި ބައިވެރިވުމުގެ އިހުތިޔާރު ވެސް އޮތެވެ. އެކަމަކު އޭނާ އިހުތިޔާރުކުރީ ބޮޑުބެ އަބަދުވެސް އޭނާ އަށް ދިން ނަސޭހަތެވެ. ކިތަންމެ ފުން ހިތާމައެއް ކުރިމަތިވިޔަސް، ހަޔާތުގެ ދަތުރުގައި ކުރިއަށް ދިއުމުގެ އިހުތިޔާރެވެ.
ޖަމާލު ގޮސް ބައިވެރިވީ ފަހު އިމްތިހާނުގައެވެ. ހަޔާތުގެ އިމްތިހާނު ކޮނޑަށްލައިގެންނެވެ.
އޭނާ ލިޔުނު ކުރުވާހަކަ "ދެވިތައް" ވީ ކްލާހުން އެންމެ މަތިން މާކްސް ލިބުނު ވާހަކައަށެވެ. ނަމަވެސް އިމްތިހާނުގައި ޖަމާލު ފާހެއް ނުވެއެވެ. އެކަމަކުވެސް އޭނާ ދިޔައީ ކުރިއަށެވެ. ފަހަތުން ދެވިތައް ފުމެމުން އޭނާގެ ފަސްފަހަށް ބަލަމުން، ހުތުރު ވައްތަރު ޖައްސަމުން ދިޔަޔަސް، ފަސްއެނބުރި ބެލުމެއް އެ ދަތުރުގައި ނެތެވެ.
ކިޔެވުން ނިމިގެން އެންމެ ފުރަތަމަ އޭނާ އުޅުނީ ފަރީދުކާޖާ ސައިހޮޓަލުގައެވެ. އެއީ ބޮޑުބެ ފަރީދުގެ ސައިހޮޓަލެވެ. އެތަނުގައި ވަޒީފާ އަދާކުރަމުން ލިބުނު އާމުދަނީއެއް އެއްކުރަމުން އޭނާ ދިޔައީ ހުސް ވަގުތުތަކުގައި އެކި ކަހަލަ ކޯސްތައް ވެސް ހަދަމުންނެވެ. އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ ޕޮލިޓެކްނިކުގައި ކިޔެވި އެލަކުޓަރިކު ކޯހަކަށެވެ. ނަމަވެސް މި ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި މާ ބޮޑުވަމުން ގޮސް އެންމެފަހުން ކަރަންޓުގައި ޖެހުނީއެވެ. އެނދީއެވެ.
ބޮޑުބެ ފަރީދުގެ ދަރިންނަށް ޖަމާލުގެ އެ އުޅުމާއި ޝައުގުވެރިކަން ކަމުނުދިޔަ ހިސާބުން ވަޒީފާއިން ކަނޑައި ބޭރުކޮށްލީއެވެ. އޭނާ ވަތްގަނޑު ވަގަކަށް ހަދައިފައެވެ.
އެކަމަކު ފަރީދުގެ އެ ތިން ދަރިންގެ ހިތް ޖަމާލަށް އަބަދުވެސް ނުބައެވެ. އެމީހުންގެ ކާފަ އާއި ޖަމާލުއާ ދެމެދު އޮތް ގާތް ގުޅުމަކުންނެވެ. އެ ގުޅުމެއްގެ އަސްލު އެނގުނު ހިސާބުން އަދި ވަކިން ނުބައެވެ.
އެހެންކަމުން އެމީހުން ތިބީ އަބަދުވެސް ޖަމާލުގެ ލަފުގައި ހިފައި އޭނާ ބޭރުކޮށްލެވޭނެ އިރަކަށް ބަލަބަލައެވެ. އެކަމަކު ދެން ވެސް ފަސްއެނބުރި ބެލުމެއް ނެތި، އިސްދަށަށް ޖެހުމެއް ނެތި، ޖަމާލު ދިޔައީ ކުރިއަށެވެ. ހަޔާތުގެ ދެވިތައް ދިޔައީ ދެން ވެސް އޭނާގެ ފަސްފަހަތުންނެވެ. ހެމުން، ވައްތަރު ޖައްސަމުން، ޖެއްސުންކުރަމުންނެވެ.
ޖަމާލު އަތުލައިގަނެވޭނެކަން އަބަދުވެސް އެ ދެވިތަކަށް އެނގޭތީއެވެ. އެ ނިކަމެތި ނަފުސުގައިވީ ބަލިކަށިކަމުގެ ރަހަ އާއި ވަސް އަބަދުވެސް އެ މަގު ސާފުކޮށް ކޮށައިދިނީތީއެވެ.
އެ ދެވިތައް ގޮސް އެންމެފަހުން ޖަމާލު އަޅުވެތިކުރީ ރީތި، ޒުވާން، ބުރުސޫރަ ރިވެތި އަންހެން ކުއްޖެއްގެ ސިފައިގައެވެ. ޖަމާލަށް ވަކިކުރަން ނޭނގުނީ ކަޅާއި ހުދެވެ. އަބަދުވެސް ބޮޑުބެ އޭނާ އަށް ކިޔައިދިން ހެވާއި ނުބައެވެ.
އޭނާގެ ހިތް ފަތަހަކުރީ ނަރީމާއެވެ. އެއީ ކަރަންޓު ވަޔަރުކުރަން ދިޔަ ގެއަކުން ބައްދަލުވެ، ރައްޓެހިވެ އެންމެފަހުން، ހިތާއި ހިތް ނަރުން ގުޅި ލޯބިވެވުނު އަންހެނެކެވެ. ނަރީމާ އަކީ އޭރު މީހަކާ އިނދެ ދަރިއަކު ވެސް ލިބިފައި ހުރި އަންހެނެކެވެ. ޖަމާލަށް ވުރެ އުމުރުން ވެސް ދޮށްޓެވެ. އެކަމަކު ލޯތްބަކީ ހަމަ އަޖާއިބެއް ކަހަލަ އެއްޗެކެވެ. ސަންގުމަރުމަރު ހިލަ ހިތަކަށް އިމްރާނޭ ކިޔުނު އެކަނިވެރި މުސާފިރެއް ދެކެ ވެސް ލޯބިވެވުނީ ނޫން ހެއްޔެވެ؟ ނުވަތަ މި ގޭގައި ޖަމާލު ކަރަންޓު ވަޔަރުކުރި ގޮތަކުން ނަރީމާ އާއި އޭނާގެ ހިތް ގޮސް ހިތާއި ހިތުގެ ގުޅުމަކުން ގުޅުނީއެވެ. ބަނދެވުނީއެވެ.
އިނދެގެން އުޅުނު މީހާ ކައިރިން ވަރިވެ، ނަރީމާ އެހިސާބުން ބޭނުންވީ ޖަމާލާ އިންނާށެވެ. ޖަމާލަށް ހުރެވުނީ ނަރީމާގެ ހިތުން އުފެއްދި ކަރަންޓުގައި ޖެހި ގުޑިނުލެވިފައެވެ. އަދި ލޯބީގައި ހަމަ ރަނގަޅަށް ވެސް ކަނުވެ އަނދިރިވެފައެވެ. ޖަމާލާއެކު އެއް ފުރާޅެއްގެ ދަށަށް އަލުން ވަނުމުގެ ފުރުސަތު އޭނާގެ ހަޔާތުގެ ދެވިތަކަށް ލިބުނީ މި އަނދިރިކަމުގައެވެ. އޭނާގެ ހަޔާތް ޝޯޓުކޮށްލި ކަރަންޓުގައި ބްރޭކަރު ވެއްޓި އަނދިރިކޮށްލި ހިސާބުންނެވެ.
އަލަތު ކައިވެންޏާއެކު ޖަމާލުގެ ހަޔާތުން ހުރިހާ ބޮއްކެއް ނިވުނީއެވެ. އޭނާ ކިޔެވި، ދަސްކުރި، އެއްކުރި އެއްވެސް އުކުޅެއް، އިލްމެއް އަދި ހުނަރަކުން ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. ލޯބީގައި ޝޯޓުވެ، ކަރަންޓު ހަމަ އެއްކޮށް ދިޔައީއެވެ.
ނަރީމާވީ އޭނާގެ އަމާ އަށްވުރެން ވެސް ނުބައި އަންހެނަކަށެވެ. ލޯގަނޑަކުން ބެލީމަ، ހަމަ އެ މުސްކުޅި މަރީނާ ފެންނަ ފަދަ އެވެ. ދެ މީހުންގެ ނަމުގައިވީ އެއްގޮތް ކަމަށްވުރެ ދެ މީހުން ދިން އަނިޔާ މާ އެއްގޮތެވެ.
އެ ދެ އަންހެނުން ވެސް ޖަމާލު ގެންގުޅުނީ އަޅަކަށް ވުރެ ވެސް ނުބައި ހާލެއްގައި ކަސްތޮޅު ޖައްސައިގެންނެވެ.
** ** **
ޖަމާލު އޭނާގެ ދެ އަތާ ދިމާލަށް އަނެއްކާވެސް ބަލައިލިއެވެ. އެ ކަސްތޮޅުން މިއަދު މިނިވަންވެފައިވިޔަސް އެ އަނިޔާގެ އަސަރު އަދިވެސް އޭނާގެ މި ދެ އަތާއި ޖިސްމާއި ހިތާއި ސިކުނޑިއަކުން ފިލައިގެނެއް ނުދެއެވެ. ކިތަންމެ ފިނިފިނި ރޯޅިތަކެއް މި ބީޗުގައި އުފެއްދިޔަސް އަދި ކިތަންމެ ފިނި އިހުސާސެއް އަހަރެން އޭނާ އަށް ފޯރުކޮށްދިނަސް ޖަމާލުގެ ހިތުގައި ވަނީ އަދިވެސް ބިރުވެރިކަމެކެވެ. އޭނާގެ ހިތް އަބަދުވެސް އަނދިރިކަމެއްގެ ތެރެއަށް ގެއްލިފައިވާ ކަހަލައެވެ.
އަހަރެމެން ދެ މީހުން ތިބީ އެ އަނދިރިކަމުން ޖަމާލަށް ނުކުމެވޭނެ އިރަކަށެވެ. އެކަމަކު ރަތްވިލާތައް މަޑުވަމުން ފަނޑުވަމުން، އަނދިރިވަމުން ގޮސް މުޅި މާހައުލު ފުސް އަނދިރިކަމެއްގެ ތެރެއަށް މަޑުމަޑުން ގޮސް ގެނބިއްޖެއެވެ.
ޖަމާލް ވެސް އިނީ މަޑުންނެވެ. އަހަރެން އަދި އެއަށް ވުރެ މަޑުންނެވެ.
މިރޭ އޭނާ އަމުދަކުން ވާހަކައެއް ވެސް ނުދައްކައެވެ. އާންމުކޮށް ކިޔައިދިން ހަޔާތުގެ ވާހަކަތަކެއް ކިޔައެއް ނުދެއެވެ. ނުވަތަ އެ ސިލްސިލާ ކިޔައި ދީ ނިމުނީއެވެ.
ޖަމާލުގެ ވާހަކަ އަހަރެންގެ މި ސަންގުމަރުމަރު ހިލައާ ހަމަ އަށް އައި ގޮތެއް މަށަކަށް ނޭނގެއެވެ. ނަރީމާގެ ކަސްތޮޅުން އޭނާ ސަލާމަތްވި ގޮތެއް މަށަކަށް ނޭނގެއެވެ. އެކަމަކު ޔަގީނަށް އެނގޭ ކަމެއް އެބައޮތެވެ.
ދިރިއުޅުން އުފެއްދި ފުރޭތަ އާއި ދެވިތަކުން އޭނާ އަދިވެސް ސަލާމަތެއް ނުވެއެވެ. އަދި މިގޮތަށް އިރުއޮއްސޭއިރަށް އެ ހިޔަނިތައް އައިސް އަބަދުވެސް އޭނާ ވަށާލައި، އެ ޖިސްމަށް ވެރިވެގަންނަ އެ ތިބެނީ ފާރަލައި، ކެތްމަދުވެފައެވެ.
ކުއްލިއަކަށް އަހަރެންގެ ގައިގައި ބާރަކަށް ހިފަހައްޓައި ޖަމާލްގެ ނޭވާ އަދި އެއަށް ވުރެ ބާރަށް ހިފަހައްޓައިގަތެވެ. އަހަރެމެންގެ ސަންގުމަރުމަރު ހިލަޔާ ދިމާލަށް ހިޔަންޏެއްގެ ސިފައިގައި އަންނަ މީހަކު ފެނުމުންނެވެ.