ދިޔައީ ނުވިހާ އޮޕަރޭޝަނެއް ކުރަން، ފަޅާލީ ގޮހޮރު
ދިޔައީ ނުވިހާ އޮޕަރޭޝަނެއް ކުރަން، ފަޅާލީ ގޮހޮރު

އިންޑިޔާގެ ހޮސްޕިޓަލަކަށް ނުވިހާ ގޮތް ހަދަން ދިޔަ އަންހެނެއްގެ ބޮޑު ގޮހޮރު ޑޮކްޓަރުންނަށް އޮޅިގެން ފަޅާލެވުމުން އޭނާގެ ހާލު ވަރަށް ސީރިއަސް ވެއްޖެ އެވެ.

އޮޑިޝާގެ ކެންދްރަޕާރާ ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކަށް ޖަރާނާ މަލިކް، 27، ދިޔައީ ނުވިހާ ގޮތް ހަދަން އޮޕަރޭޝަން ކުރާށެވެ. ނަމަވެސް ޑޮކްޓަރުންގެ ފަރުވާކުޑަވެގެން އޭނާގެ ބޮޑު ގޮހޮރު ވަނީ ފަޅާލައިފަ އެވެ.

އެ އަންހެންމީހާގެ ފިރިމީހާ ރަމޭޝް މަލިކް އަކީ ކުދިކުދި މަސައްކަތްކޮށްލައިގެން ލިބޭ އެއްޗަކުން އާއިލާ ބަލަހައްޓަމުން އަންނަ ފަގީރެކެވެ.

ހޮސްޕިޓަލުގެ އައިސީޔޫގައި ޖަރާނާ އޮތް އިރު އޭނާގެ އަސްލުކުރަން ޖެހެނީ ފެލޯޕިއަން ޓިއުބު ބައްދާލަން ކުރަން ޖެހޭ ޓިއުބެކްޓަމީ އޮޕަރޭޝަނެކެވެ. ނަމަވެސް އޭގެ ބަދަލުގައި ގޮހޮރު އޮޕަރޭޝަންކޮށްގެން ނެރުނެވެ. އޭގެ ފަހުން އޭނާގެ ބަނޑުގައި އާދަޔާ ޚިލާފަށް ރިއްސާތީ އުޅެން ފެށި އެވެ.

އޭނާގެ ފިރިމީހާ ބުނީ އަންހެނުން ބަނޑުގައި ރިއްސާލެއް ގަދަވެ، ހާލު ދެރަވާން ފެށުމުން މަޖްބޫރުވެގެން ބޮޑު ހޮސްޕިޓަލަކަށް ބަދަލުކުރީ ކަމަށެވެ. އޭގެ ފަހުން ވަނީ އެއަށް ވުރެ ވެސް ޚާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

ޗީފް ޑިސްޓްރިކްޓް މެޑިކަލް އޮފިސަރު ނިރާޖަން ސްވާއިން ވިދާޅުވީ ކޮމިއުނިޓީ ހެލްތު ސެންޓަރުން އަންހެންމީހާގެ ޓިއުބެކްޓަމީ ހެދުމުގެ ތެރޭގައި އޭނާގެ ގޮހޮރުގެ ބައެއް ކަފާލާފައިވާ ކަމަށެވެ. އެހެންވެ އޭނާގެ ހާލު ސީރިއަސް ވުމުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށް އަދި އެތަނުން އެދިގެން މެޑިކަލް ކޮލެޖަށް ބަދަލު ކުރީ ކަމަށް ވެސް ވިދާޅުވި އެވެ.

އަންހެންމީހާގެ ބަނޑުގެ އާ އޮޕަރޭޝަންކޮށް މިހާރު އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަރާނާގެ ފިރިމީހާ މިހާރު ވަނީ އޭނާގެ އަންހެނުން އޮޕަރޭޝަންކުރި ޑޮކްޓަރުންނާއި ނަރުހުންނާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.