02 އެޕްރީލް 2022 - 21:09

ލަންޑަން (އޭޕްރީލް 2) - އެމެރިކާގެ ރިކެޓްސް ފެމެލީއާ ޗެލްސީ ހަވާލުކުރަން އެ ކްލަބުގެ ގިނަ ސަޕޯޓަރުން ދެކޮޅު ހަދާ ކަމަށް ޗެލްސީގެ ސަޕޯޓާސް ޓްރަސްޓް އިން ބުނެފި އެވެ.

އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ޖޯ ރިކެޓްސްގެ އާއިލީ ކުންފުނި ރިކެޓްސް ފެމެލީ އަކީ އެ ގައުމުގެ ފްރެެންޗައިސް ބާސްކެޓްބޯޅަ ލީގު، އެންބީއޭގެ ޝިކާގޯ ކަބްސްގެ އޯނަރުންނެވެ. ޗެލްސީ ގަންނަން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޝޯޓްލިސްޓުކުރި ހަތަރު ބިޑުގެ ތެރޭގައި ރިކެޓްސް ފެމެލީގެ ބިޑް ހިމެނެ އެވެ.

ރިކެޓްސް ފެމެލީގެ އިތުރުން ޝޯޓްލިސްޓް ކޮށްފައިވާ އަނެއް ތިން ބިޑަކީ އެލްއޭ ޑޯޖާސްގެ ކޯ-އޯނަރު ޓޮޑް ބޮއެލީ އާއި ސްވިޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސްގެ ބިޑާއި، ލިވަޕޫލްގެ ކުރީގެ ޗެއާމަން ސާ މާޓިން ބްރޯޓަން އާއި ޕާލަމަންޓް މެމްބަރު ލޯޑް ކޯ އިސްވެ ހިންގާ ކޮންސޯޓިއަމްގެ ބިޑުގެ އިތުރުން އިޓަލީގެ ކުލަބް އެޓަލާންޓާގެ ކޯ-އޯނަރު އެމެރިކާގެ ސްޓެފަން ޕަގްލިއުކާގެ ބިޑެވެ.
ޗެލްސީ ގަންނަން ބިޑުކޮށްފައިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ރިކެޓްސް އާއިލާގެ ހުށަހެޅުމަށް ހާއްސަކަމެއް ދޭކަމަށް ތުހުމަތު ކޮށްފަ އެވެ.
ޗެލްސީގެ ސަޕޯޓަރުން ވަނީ މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސްޓޭމްފޯޑް ބްރިޖުގެ ކުރިމަތީގައި ރިކެޓްސް ފެމެލީގެ ބިޑާ ދެކޮޅަށް އިހުތިޖާޖު ވެސް ކޮށްފަ އެވެ. ޗެލްސީގެ ސަޕޯޓާސް ޓްރަސްޓުން ކުލަބުގެ މެމްބަރުންގެ މެދުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ ދައްކާ ގޮތުގައި 77 ޕަސެންޓް ސަޕޯޓަރުން ރިކެޓްސް ފެމެލީއަށް ތާއީދެއް ނުކުރެ އެވެ. އަދި 72 ޕަސެންޓް ސަޕޯޓަރުންނަށް ރިކެޓްސް ފެމެލީއަށް ޗެލްސީ ކާމިޔާބުކަމާ އެކު ހިންގޭނެ ކަމުގެ އިތުބާރު ނެތެވެ. މި ބިޑާ އެއްކޮޅަށް ތިބީ އެންމެ ތިން ޕަސެންޓް ސަޕޯޓަރުންނެވެ.
ރިކެޓްސް ފެމެލީއާ ދެކޮޅަށް ޗެލްސީގެ ސަޕޯޓަރުން ކުރިޔަށް ގެންދާ އޮންލައިން ޕެޓިޝަނެއްގައި ވެސް ވަނީ މިހާތަނަށް 20،000 އަށް ވުރެ ގިނަ ސޮއި ހޯދައިފަ އެވެ.
"ޗެލްސީ ސަޕޯޓާސް ޓްރަސްޓް ބޯޑު ކުރިޔަށް ގެންދާނީ ކުލަބުގެ މެމްބަޝިޕުން ރުހޭ ގޮތަކަށް. އެހެންކަމުން ރިކެޓްސް އާއިލާ އަށް ބިޑު ކާމިޔާބު ވުމަކީ މެމްބަރުންގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް މިހާރު ގަބޫލެއް ނުކުރަން،" ޗެލްސީ ސަޕޯޓާސް ޓްރަސްޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޗެލްސީގެ ސަޕޯޓަރުން ރިކެޓްސް ފެމެލީއާ ދެކޮޅު ހަދާ އެއް ސަބަބަކީީ، 2009 އާއި 2013 އާ ދެމެދު އެ އާއިލާގެ ޖޯ ރިކެޓްސް އިސްލާމް ދީނާ ދެކޮޅަށް ދައްކާފައި ހުރި ވާހަކަތަކެކެވެ. މި މުއްދަތުގައި އޭނާ ފޮނުވި އީމެއިލް ތަކެއްގައި ހުރި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއްގެ މައްސަލަ ފަޅާއެރީ 2019 ވަނަ އަހަރެވެ. މި އީމެއިލްތަކުގައި، މުސްލިމުންނަކީ އޭނާގެ "ދުޝްމަނުން" ގޮތުގައި ސިފަކޮށްފައި ވެއެވެ. އުމުރުން މިހާރު 80 އަހަރު ވެފައިވާ ޖޯ ރިކެޓްސް ވަނީ ފަހުން އެކަމާ މާފަށް ވެސް އެދިފަ އެވެ.
ބްރެންޓްފޯޑާ ދެކޮޅަށް ކުޅުމުގެ ކުރިން، ރިކެޓްސް ފެމެލީގެ ބިޑާ މެދު ޗެލްސީ ސަޕޯޓަރުންގެ ހުރި ނުތަނަވަސްކަމާ ގުޅޭގޮތުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައި ވަނީ، ދައްކާ ވާހަކައަކާ ގުޅޭގޮތުން ފަހުން ދިމާވެދާނެ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭގެ އޭގެތެރޭގައި ސަޕޯޓަރުންގެ ނުރުހުމާ ކުރިމަތިލުން ވެސް ހިމެނޭނެކަން އޭނާ ފާހަގަކުރި އެވެ.
ޝިކާގޯ ކަބްސްގެ ޗެއާމަން ޓޮމް ރިކެޓްސް އިސްކޮށް ހުރެ ކުރިއަށް ގެންދާ ރިކެޓްސް ފެމެލީ ބިޑްގައި އޭނާގެ ބައްޕަ ޖޯ ރިކެޓްސް ބައިވެރިނުވާ ކަމަށްވެ އެވެ. ޓޮމް އަންނަނީ އޭނާގެ ބައްޕަގެ ކޮމެންޓްތަކަށް މާފަށް ވެސް އެދެމުންނެވެ.