މަސްމާރުކޭޓުގައި މަހުގެ އަގު ކުއްލިއަކަށް ބޮޑުވެއްޖެ
މަސްމާރުކޭޓުގައި މަހުގެ އަގު ކުއްލިއަކަށް ބޮޑުވެއްޖެ

މާލޭ މަސް މާރުކޭޓުގައި މިއަދު މަހުގެ އަގުތައް ހަމަ ކުއްލިއަކަށް ބޮޑުވެއްޖެ އެވެ.

މަހުގެ އަގު ވޭތުވެދިޔަ ދެތިން ދުވަހަކު މަޑުމަޑުން މައްޗަށް ވަނީ ދާން ފަށައިފަ އެވެ. އެކަމަކު މިއަދު އެ މާރުކޭޓުގައި ބޮޑެތި ކަންނެލި ކިލޯއެއް ވިއްކަންހުރީ 80ރ. އަށެވެ. އެއީ އާންމުކޮށް 35-40ރ. ލިބެން ހުންނަ އެއްޗެކެވެ.

ކަޅުބިލަ މަހުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ކިލޯއެއް ވިއްކަން ހުރީ 50-55ރ. އަށެވެ. މާރުކޭޓުގައި ކަޅުބިލަ މަހުގެ އަގު އާންމު މަސްތަކުގައި ކިލޯއެއް 30ރ. އަށް ވުރެ ދަށެވެ.

ފަރުމަހުގެ އަގު ވެސް، ހަމަ ކުއްލިއަަކަށް މިއަދު ވަނީ ދެ ގުނަ މައްޗަށް ގޮސްފަ އެވެ. އެކަމަކު، އެހެން ރޯދަމަސްތަކާ ހިލާފަށް، މަސް މާރުކޭޓުގައި ކަންނެއްޔާއި ކަޅުބިލަ މަސް، އަދި ފަރުމަސް ވެސް ވަރަށް ތިޔާގި އެވެ.

މަހުގެ އަގުތައް ކުއްލިއަކަށް ބޮޑުވީ، އެއްވެސް އިތުރު ސަބަބެއް އޮވެގެންނެއް ނޫނެވެ. މަހުގެ އަގުތައް ރޯދަ މަހުގެ ފުރަތަމަ ދުވަހު އެހާ ބޮޑުވީ އިއްތިފާގަކުންތޯ އެހުމުން، މަސް ވިއްކާ މީހުން ވަކި ޖަވާބެއް ނުދެ އެވެ.