ރޯދަމަހަށް އުރީދޫގެ ހާއްސަ އޮފާތަކެއް
ރޯދަމަހަށް އުރީދޫގެ ހާއްސަ އޮފާތަކެއް

މިއަދު ފެށި މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް އޮފާއަކީ "ގުޑް މޯނިން މޯލްޑިވްސް" ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުން ރޯދަމަހުގެ ކޮންމެ ދުވަހެއް ވެސް ފެށޭނީ ހިލޭ އެއް ޖީބީގެ ބޯނަސް ޑޭޓާއާ އެކު އެވެ. ދުވަހުގެ ހިލޭ އެލަވަންސް ހޯދުމަށް ފަތިހު 4 އިން ހެނދުނު 8 އާ ދެމެދު 5252 އަށް "BONUS" ޖެހުމަށް ފަހު، އެސްއެމްއެސް ކުރުމުން ލިބޭނެ އެވެ. މި ޑޭޓާ ކޮންމެ ދުވަހެއްގެ ހަވީރު 6 އަކާ ހަމައަށް ބޭނުން ކުރެވޭނެ އެވެ.

މި ރޯދަމަހާ ދިމާކޮށް އުރީދޫން ވަނީ އުރީދޫގެ ކޮންމެ ހިދުމަތެއް އެކްޓިވޭޓް ކުރި ނަމަވެސް އަގުހުރި އިނާމުތަކާ އެކު ލަކީ ޑްރޯއެއް ހުޅުވާލައިފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން ދެ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

މި ރޯދަމަހު އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ ކުންފުނިން ބުނީ މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

ސައޫދީގައި ތިބި އާއިލާ އާއި ރައްޓެހިންނާއި ގުޅާލުމަށް ސައުދީ އައިޑީޑީ ޕެކެއް ވެސް އުރީދޫން ތައާރަފުކުރި އެވެ. މި ހާއްސަ ޕެކޭޖުން 150ރ. އަށް 100 މިނެޓާއި އެއް ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ އެވެ. އުރީދޫން ވަނީ އެމް-ފައިސާ އާއި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ މަގުފަހި ކޮށްދީފަ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ.

މި ރޯދަމަހު އުރީދޫގެ ކަސްޓަމަރުން "ޓެކްސްޓް އަ ކޮފީ" ހިލޭ 1ޖީބީ ޑޭޓާ ލިބޭނެ އެވެ. ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވީއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ އެ ކަސްޓަމަރަކަށް ލިބޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަޓާއި ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހައެއް ފޯނުން ގުޅާއިރު އަޑުއިވޭ ގޮތް ހެދޭނެ އެވެ. މިކަން ކުރާނީ “Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކޮށްގެންނެވެ.

ދާދި ފަހުން ތައާރަފުކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަ ގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި މި ރޯދަމަހު ހޯދޭނެ އެވެ.