ތަގުވާގެ މައްސަރުން ތަގުވާ ހާސިލުކުރަންޖެހޭ
ތަގުވާގެ މައްސަރުން ތަގުވާ ހާސިލުކުރަންޖެހޭ

މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުން ރޯދަ ފަރުޟު ކުރައްވާފައި ވަނީ އެ ކަލާނގެ އަށް ތަގުވާވެރިވުމަށްޓަކަ އެވެ. (އަލްބަގަރާ 183). އެހެންކަމުން ރޯދައިގެ މި މައިގަނޑު މަގުސަދު ރޯދަ އިން ހާސިލު ކުރަން ވާނެ އެވެ.

ތަގުވާވެރިވުމަކީ ﷲ ގެ އުގޫބާތަށް ބިރުވެތިވާ ހާލު އެ އިން ރައްކާތެރިވުމަށްޓަކައި ތިމާގެ ނަފްސުގައި ގާއިމުކުރާ ހުރަހެއް. މިކަން ވެވޭނީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވެވި ކަންތަކުން ދުރުހެލިވެގެން. ރޯދަ އަށް ހުރުމުގައި މުޅިން ވެސް ދަސްކޮށްދެނީ މިފަދަ ކިޔަމަންތެރިވުންތަކަކާއި ދުރހެލިވުންތައް.

• ރޯދައަކީ ތަރުބަވީ ވަރަށް ފުރިހަމަ ނިޒާމެއް ކަމުގައި ވުން.

• އިންސާނާގެ ކިބައިގައި ފަރުދީ ގޮތުން ހުންނަން ޖެހޭ އަހުލާގީ ވަރަށް ގިނަ ސިފަތަކެއް ހަރުލެއްވުމަށް ރޯދަ އެހީތެރިވެދޭ.

• އިޖުތިމާއީ ގޮތުން އެހެން އިންސާނުންނާއެކު އޮންނަ ގުޅުންތައް އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް އެހީތެރިވެދޭ.

• ހިތްތައް ދިރުވައި ނަފްސުތައް އުޖާލާކޮށް މުޖުތަމައުގައި ތަހާރަތާއި އީމާންތެރިކަމުގެ ޖައްވެއް އުފައްދަން ރޯދައިން ބާރު ލިބޭ.

• ބިރުވެތިވުމާއި އިހުސާންތެރިވުމާއި ހެޔޮފޯރުވުމާއި އޯގާތެރިވުމަށް ނަފްސުތައް ހާނުވަން ބާރު ލިބޭ.

• ހަވާނަފްސުގެ އެދުންތަކާއި ނުރަނގަޅު އާދަތަކުން ސަލާމަތްވުމުގެ އައްޑަނައެއް އުފައްދަން ފުރުސަތު ލިބޭ.

• ކެތްތެރިކަމާއި އަޒުމް ވަރުގަދަ ކުރުމަކީ ރޯދައިން ހާސިލު ކުރެވޭ އެންމެ މުހިންމު ދެ ސިފަ ކަމުގައިވޭ.

• އަމިއްލަ ނަފްސުގެ އެދުންތަކާއި ބޭނުންތަކަށް ވުރެ ﷲ ގެ ރުހިވޮޑިގަތުން އިސްކުރުން. މި ގޮތުން ތިމާ ދުނިޔޭގައި ދެމިހުރުމުގެ ސަބަބު ކަމުގައިވާ ކެއުންބުއިން ވަކި ވަގުތެއްގައި ދޫކޮށްލައި ގުރުބާނެއް ވާން ޖެހޭ.

• އިންސާނީ ނަސްލު ދުނިޔޭގައި ދެމިއޮތުމުގެ ސަބަބު ކަމުގައިވާ ޖިންސީ އެދުންވެރިކަމުން ވެސް ވަކި ވަގުތެއްގައި މަހްރޫމްވެ ގުރުބާނެއް ވާން ޖެހޭ.

• އެހެން ފަރާތެއްގެ ރުހުމެއް ނުވަތަ އެހެން ފަރާތަކުން ފައިދާއެއް ހޯދުމަށް ކުރާ ކަމަކަށް ނުހަދައި ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން ރޯދަހިފުން.

• ރޯދަ އަށް ހުރުމުން މަހުރޫމްވާ ނިއުމަތްތަކުގެ ހަގީގީ އަގު ވަޒަންކޮށް ﷲ އަށް ހަމްދުކޮށް ޝުކުރުވެރިވާން ތަމްރީނު ލިބިގަތުން.

• ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރު ކަމަށް ވުމާއެކު، އެ ޤުރުއާނުގެ ހިދާޔަތާއި ނިއުމަތް ހަނދާންކޮށް އެ ކަމަށް ވެސް ޝުކުރުވެރިވާން އާދަކުރުން. މި ގޮތުން ޤުރުއާނަށް ކިޔަމަންތެރިވެ ބޯލަނބައިގެން މެނުވީ ޝުކުރުވެރި ނުވެވޭނެކަން ގަބޫލުކޮށް އެކަމުގެ އަޒުމް އާލާކުރުން.

• މާއްދިއްޔަތާއި ޝަހުވާނީ ބާރުތަކަށް އަޅުވެތިވެފައިވާ އަޅުވެތިކަމުން މިންޖުވެ އެދުންތައް ކޮންޓްރޯލު ކުރުމަށް އަޒުމް ކަނޑައަޅައި އެ ކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުން.

• އިންސާނާ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް ވާސިލުވުމަށްޓަކައި އިންސާނާގެ މިނިވަންކަމުގައި ހިފެހެއްޓުންތަކެއް އޮތުން ލާޒިމުވާނެކަން އަބަދުވެސް ހަނދާން ކުރުން. މި ގޮތުން ތިމާއަށާއި މުޅި މުޖުތަމަޢުގެ މަސްލަހަތަށްޓަކައި ތިމާގެ މިނިވަންކަމުން ހިފެހެއްޓިފައި އެވާ ބައިން ތިމާ ގުރުބާން ވާން ދަސްކުރުން.

• ހަވާނަފްސުގެ އެދުންތަކަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ އެންމެހައި މައްސަލަތަކުން ތިމާ ރައްކާތެރިވެ ސަލާމަތް ކޮށްދޭނެ އައްޑަނައެއް ކަމުގައި ރޯދަ ހެދުން.

• ހިތްތިރިކަމާއި ކިޔަމަންތެރިކަން ދަސްކުރަން އާދަކޮށް ނަފްސުގެ ފެންވަރު ވަޒަން ކުރަން އާދަކުރުން.

• ކަރު ހިއްކައިގަތުމާއި ބަނޑުހައިވުމުގެ ހޫނުކަމާއި ހިތިކަން އިހުސާސް ކުރާ ވަގުތު ހެޔޮކަންތަކާއި އިހުސާންތެރިކަމުން ތިމާގެ އަތް އެހެން މީހުންނަށް ފޯރުކޮށްދޭން އާދަކުރުން.

• ހަގީގީ ރޯދައަކީ ހަމައެކަނި ކެއުންބުއިމާއި އެދުންވެރިކަން ދޫކޮށްލުން ނޫން ކަމަށް ވާއިރު ނުރަނގަޅު ހުރިހާ ސިފަތަކުންވެސް 'ރޯދަހިފަން' އާދަކުރުން. މިގޮތުން ދޮގުހެދުމާއި ދޮގުހެކިދިނުމާއި ފާހިޝް އަމަލުތައް ކުރުމާއި މަކަރުހެދުމާއި ހަޑިހުތުރުބަސްތައް ބުނުމާއި މި ނޫނަސް މިފަދަ ހުރިހާ ހަރާމް ކަންތައްތަކުން ދުރުހެލިވުން.

އެހެންކަމުން އަޒުމަކަށް ވާން ޖެހޭނީ ﷲ ގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. އަދި މި ކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. މިގޮތުން އެއްމަސް ދުވަހުގެ މި ކޯސް ނިމޭއިރު ކޯހުން ފާސްވޭތޯ ބަލަން ވާނެ އެވެ. ކޯހުގެ އަމާޒާއި މައިގަނޑު މަގުސަދުތައް ކިތަންމެހާ ވެސް ރީތިކޮށް އަޅުގަނޑުމެންނަށް މި އޮތީ ހާމަވެ އެނގޭށެވެ. ވީމާ ދެން އޮތީ އަޅުގަނޑުމެންގެ ހިތްވަރެކެވެ.