02 އެޕްރީލް 2022 - 06:40

މާވެލް ކޮމިކްސްގެ ފިލްމުތަކުގެ ތެރެއިން ބިރުވެރި އަދި ފެންޓަސީ ޖޯންރާގެ ފުރަތަމަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މޯބިއަސް" ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.
ޖޭރެޑް ލީޓޯ ލީޑު ރޯލުން ފެންނަ މޯބިއަސް އަކީ އާންމުކޮށް މާވެލް ފިލްމުުތަކާ ތަފާތު ބިރުވެރި ފިލްމެއް ކަމަށް ޕްރޮޑަކްޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ ފޭނުން ތިބީ ގިނަ އުއްމީދުތަކެއް ވެސް ކޮށްގެނެވެ.
ނަމަވެސް މި ހަފުތާ ބަންދުގައި ފިލްމު އެޅުވި އިރު ފިލްމުގެ ރިވިއުތައް ވަރަށް ގޯހެވެ. ރޮޓެން ޓޮމާޓޯސްގައި ފިލްމުގެ ރޭޓިން އުޅެނީ އެންމެ 19 ޕަސެންޓުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މާވެލްގެ ފިލްމަކަށް އެހާ ދަށުން ލިބުނު ފުރަތަމަ ފިލްމެވެ.
ބޮކްސް އޮފީހުގައި ވެސް އެ ފިލްމަށް މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ. އެމެރިކާގެ 3،000 އަށް ވުރެ ގިނަ ސަރަހައްދުގައި އެ ފިލްމު އަޅުވާފައިވާއިރު، ފިލްމަށް ލިބިފައި ވަނީ ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އަދި ފިލްމު އުފެއްދި ސޮނީ ކޮމްޕެނީ އިން ލަފާކުރާ ގޮތުގައި މި ހަފުތާ ބަންދުގައި ފިލްމަށް 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ. އެ އަދަދަކީ ރަނގަޅު އަދަދެކެވެ.
ނަމަވެސް ރިވިއު ތަކާ ގުޅިގެން ސޮނީން ލަފާކޮށްފައިވާ އަދަދަށް ވުރެ މަދުން ފިލްމަށް އާމްދަނީ ލިބުން އެކަށީގެންވެ އެވެ. އެހެންވީމާ، އެ ފިލްމު މިހާރު މިސްރާބު ޖަހާފައި ވަނީ ބޮކްސް އޮފީހުގައި ވެސް ފްލޮޕަކާ ދިމާލަށެވެ. އެ ފިލްމަށް ކްރިޓީކުން ވެސް ދިނީ ފިނި ތަރުހީބެކެވެ.