23 ޑިސެމްބަރ 2016 - 06:56

ފްރާންސްގެ ޒުވާން އަންހެނަކަށް ވަރަށް ބޮޑު ކެއްސެއް ލިބިއްޖެ އެވެ.

މުއްސަނދިކަމުގެ ދަހިވެތިކަމުގައި މުސްކުޅި މިލިއަނަރަކާ ކައިވެނިކުރި ސެންޑްރިން ޑެވިލާޑް އަށް އޭނާގެ ފިރިމީހާގެ މުދަލުން އެއްވެސް އެއްޗެއް ނުލިބޭނެ ކަމަށް ކޯޓުން ނިންމީ އެވެ.

'މައުންޓަން މޭން'ގެ ނަމުން މަޝްހޫރުވެފައިވާ މިލިއަނަރު މާސެލް އެމްފޮކްސްގެ އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި ބިމެއް ގަންނަން ކަމަށް ބުނެ އޭނާއާ ޑެވިލާޑް ބައްދަލުކުރި އެވެ. ސްކީ ކުރަން މަޝްހޫރު ސަރަހައްދެއްގައި އޮތް މާސަލްގެ އެ ބިމުގައި ކުޑަކުޑަ ހަ ގެ ވެސް ހުއްޓެވެ. އެތަންތަން ރަނގަޅަށް މަރާމާތުކޮށް، ބަދަލުތަކެއް ގެނެސްފި ނަމަ އަގު އެތައް މިލިއަން ޑޮލަރަށް އަރާނެކަން ޑެވިލާޑަށް އެނގެ އެވެ.
އެއިން އެއްވެސް ތަނެއް ވިއްކާކަށް މާސެލް ބޭނުމެއް ނުވި އެވެ. އެހާ ހިސާބުން ޑެވިލާޑް ދެއްކީ ލޯބިވާކަމުގެ މަންޒަރުތަކެވެ.
މާސެލްގެ ދަރިއެއް އަދި އެއްބަނޑު އެއްބަފާ މީހަކު ވެސް ދުނިޔެއަކު ނެތެވެ.
މާސަލްއާ ބައްދަލުވެ ޑެވިލާޑްއާ ލޯބީގެ ގޮތުން ގުޅުމުން އެ ވާހަކަ މުޅި ހިސާބުގަނޑަށް މަޝްހޫރުވި އެވެ. އެހިސާބުގައި ދިރިއުޅޭ މީހުން އޭރުވެސް ބުނަމުން ދިޔައީ ޑެވިލާޑް އުޅެނީ މާސަލްގެ މުދާގަނޑަށް ވެރިވުމުގެ ބޭނުމުގައި އޭނާއަށް އޮޅުވާލައިގެން ކަމަށެވެ.
އުމުރުގައި 25 އަހަރުގެ ތަފާތެއް ހުއްޓަސް ދެ މީހުން ކައިވެނިކުރީ ސެޕްޓެމްބަރު 2011 ގަ އެވެ. އޭރު މާސެލްގެ އުމުރުން 67 އަހަރެވެ. އެކަމަކު ކައިވެންޏަށް ފަހު މާސަލް އެކަނި ދޫކޮށްލާފައި ގޮސް ޑެވިލާޑް ގިނައިން ދިރިއުޅުނީ ޕެރިހުގަ އެވެ.
މާސެލް ދެކެ އޭނާ ހަގީގަތުގައި ވެސް ލޯބިވާކަން ދައްކަން އަމިއްލަ އަށް ލަވައެއް ކިޔައި، އޭގެ ވީޑިއޯ ވެސް ޑެވިލާޑް ތައްޔާރުކުރި އެވެ. އެ ލަވާގައި ފިރިމީހާ ވެސް، މޫނު ނުފެންނަ ގޮތަށް، ދައްކަ އެވެ.
ކައިވެންޏަށް އަހަރެއް ވީ ތަނާ ވަރަށް އަޖައިބުވަނިވި ގޮތަކަށް، ކާރު އެކްސިޑެންޓެއްގައި، މާސެލް މަރުވި އެވެ. އޭރު ޔަގީންވެފައި އޮތީ ފިރިމީހާ މަރުވުމުން އޭނާގެ ހުރިހާ އެއްޗެއް މިލްކުވާނީ ޑެވިލާޑަށް ކަމަށެވެ.
އެކްސިޑެންޓްވި އިރު ޑެވިލާޑްގެ ދެ ރައްޓެއްސަކު ވެސް އެ ކާރުގައި ތިއްބެވެ. ދުއްވަން އިނީ އޭގެ ތެރެއިން އެކެކެވެ. ނަމަވެސް އެއިން މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ގަސްތުގައި މީހަކު މަރުވާ ފަދަ އަމަލެއް ކުރިކަމުގެ ދައުވާ، ކާރު ދުއްވަން އިން މީހާއާ ދެކޮޅަށް އުފުލި ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.
މާސެލް މަރުވުމާ އެކު، އޭނާގެ ގެތަކުގައި ކުއްޔަށް ތިބި މީހުންނަށް ޑެވިލާޑް އެންގީ މިހާރު ވެރިޔަކީ އޭނާ ކަމަށާއި ތަން ވަގުތުން ހުސްކުރުމަށެވެ.
ނަމަވެސް ޑެވިލާޑްގެ ނަސީބު ރަނގަޅެއް ނޫނެވެ. މާސެލް ވަނީ 2013 ގައި ވަސިއްޔަތެއް ލިއެފަ އެވެ. އެ ވަސިއްޔަތު ލިއެފައި އޮތީ ސިޓީ އުރައެއްގެ ބޭރު ފުށުގައި އޭނާގެ އަމިއްލަ އަތުންނެވެ.
ވަސިއްޔަތުގައި ބުނެފައިވަނީ އޭނާގެ ގެތަކުގައި އުޅެމުން އަންނަ މީހުންނަށް އެތަންތަން ދީފި ކަމަށެވެ. އަދި އޭނާގެ ހުރިހާ ފައިސާއެއްގެ ހައްގު ވެރިޔަކީ އޭނާއާ ދެބެންގެ ދެދަރި އަންހެނެއް ކަމަށް ވެސް މާސެލް އޮތީ ލިއެފަ އެވެ.
ޑެވިލާޑަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އެއީ މާސެލްގެ ލިއުމެއް ނޫން ކަމަށާއި ބަޔަކު އޭނާ އަށް ލަނޑެއް ދޭން ތައްޔާރުކުރި އެއްޗެއް ކަމަށް ބުނެ ކޯޓަށް ދިޔަ އެވެ.
ނަމަވެސް ޑިސެމްބަރު 12 ގައި ކޯޓުން ހުކުމް އިއްވީ ޑެވިލާޑް ކުރި ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށެވެ. ސިޓީ އުރާގައިވާ ލިޔުމަކީ މާސެލްގެ ލިޔުންކަމަށް ތަޖުރިބާކާރުން ޔަގީން ކޮށްދީފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އޭނާގެ ވަސިއްޔަތާ އެއްގޮތަށް މާސެލްގެ މުދަލާ މެދު އަމަލުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.