ސަންގުމަރުމަރު
ސަންގުމަރުމަރު

ޕާޓް 1: ޗެޕްޓާ 2: އިހުތިޔާރު

އިންސާނާ ހެއްދެވީ މިނިވަނެއްގެ ގޮތުގައެވެ. ފުރިހަމަ މިނިވަނެއްގެ ގޮތުގައި ދިރިއުޅުމުގެ އިހުތިޔާރާއި އަޅުވެތިކަމުގައި ދިރި ދެމިހުރުމާއި ނެތި ދިއުމުގެ އިހުތިޔާރު ވެސް ދެއްވިއެވެ. ހެވާއި ނުބައި ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ދެއްވިއެވެ. އުފަލާއި ހިތާމަ އާއި ބިރުވެރިކަމާއި އެހެން ހުރިހާ އިންސާނީ އިހުސާސްތަކަށް ވެސް ނަފުސާއި ފުރާނަ އާއި ހަށިގަނޑު ބޭނުން ގޮތަކަށް ހުށަހެޅުމުގެ އިހުތިޔާރު އެބައޮތެވެ.

އަމިއްލަ އިހުތިޔާރެއް ނެތި އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެއީ އިލާހީ ނިޔާއެވެ.

އަޅުވެތިކަމުގައި ކަސްތޮޅު ޖެހުން ކަމުގައިވިޔަސް، މީހަކަށް ގެއްލުމެއް ދިނުން ކަމުގައިވިޔަސް، ބިރުން ފިތްކަނޑައިގެން ދިއުން ކަމުގައިވިޔަސް ނުވަތަ މީހެއްގެ ކިބައިން ފުރާނަ ޖަހައިގަތުން ކަމުގައިވިޔަސް، ހައްތަހާ ވެސް އަމިއްލަ އިހުތިޔާރަކާ ނުލައި އެއްވެސް މީހަކަށް އަރައިނުގަނެވޭނެ ކަންކަމެވެ.

އެކަމަކު އިންސާނާ އަށް ދެއްވާފައި މިވާ މަތިވެރި ސިފަ އާއި އޭގެ ބާރު އަދި ބޭނުން އިންސާނާ ހިފަނީ ކިހާ ވަރަކަށް ހެއްޔެވެ؟

ހަގީގަތަކީ މިއެވެ.

މި އާދަޔާހިލާފު ބާރު، ބޭނުންކުރުމުގެ ބަދަލުގައި އެންމެން ވެސް އަބަދުވެސް ބަރޯސާވަނީ އެހެން މީހުންގެ ހިތަށެވެ. އެހެން މީހުންގެ ވިސްނުމަށެވެ. އެއީ އިންސާނީ ތަބީއަތެވެ. އަބަދުވެސް އުޅެން ބޭނުންވަނީ ކޮންމެވެސް މީހެއްގެ ތައްޕާހުގައެވެ. ކޮންމެވެސް މީހެއްގެ އިންސްޓަގޮރާމުގައެވެ. ކޮންމެވެސް މީހެއްގެ ހިޔަނީގައެވެ. އިރުޝާދުގައެވެ. ކައުންސެލިންގައެވެ.

ނުވަތަ އުޅެން ބޭނުންވަނީ އެހެން މީހެއްގެ ދިރިއުޅުމެވެ.

އިންސާނާ އަކީ ކިހައި ބަލިކަށި ނަފުސެއް ހެއްޔެވެ؟ ހުރިހާ ކަމެއް ބަދަލުކޮށްލުމުގެ އިހުތިޔާރު އޮތްއިރު ވެސް އެ މިނިވަންކަން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެއެވެ. އެ ހުރިހާ ބާރަކާއި ހިޔާލެއް ހިތަށް ލައި ފޮރުވައި، ފަސްޖެހި ފިނޑިވެ، އެހެން ބާރުތަކަށް ދީދާލަނީއެވެ.

އިންސާނާގެ ހިތަކީ ވަރަށް ފަސޭހައިން ފަސާދަވެދާ އެއްޗެކެވެ. ވަކިން ހާއްސަކޮށް ބީރައްޓެހި ބާރާއި ނުފޫޒާ ދޯޅު ހިތެއް ފަސާދަކޮށްލުން ވާނީ ފެންމެޓަޔަށެވެ.

މިސާލަކަށް ނީޒާގެ ހިތަށް ސާމިރު 'ސަވާރު' ވިގޮތެވެ.

ނީޒާ އަކީ ފިލްމާއި ލަވަ އާއި ދިވެހި މަޖައްލާތަކުގެ ތެރޭގައި އުޅެ ބޮޑުވި ޒުވާނެކެވެ. އޭނާގެ ހިތް ބައިސްކޯފުގެ އެ ފަނޑު ހިޔަނިން ކުރަހައި ދިރުވި މަންޒަރަށް ގެއްލިގެން ދިޔަ ފޯރީގައި އެންމެ ފުރަތަމަ ވާން ބޭނުންވީ ވެސް ފިލްމު އިސްޓާރަކަށެވެ. އެ ހިޔާލު ބަދަލުވީ ދިރިއުޅުމާއި ސިނަމާގެ ހޭޑިފޭޑި އޭނާ އަށް ވުރެ ބޮޑަށް އެނގިހުރި އޭނާގެ އަމާ ދިން ނަސޭހަތަކުންނެވެ. އަދި އޭނާ ނިސްބަތްވި ރާއްޖޭގެ ފިލްމީ ދާއިރާގެ ހާލަތު އަބަދުވެސް އޮތް ގޮތުންނެވެ.

އަމާގެ އަތުގައި ހިފައިގެން ނީޒާ ގޮސް ބެލީ ހުސް ހިންދީ ފިލްމެވެ. އެ އަމާގެ ނަމަކީ ޒުލްފާ އެވެ. ބޮލީވުޑް ފިލްމަށް ބޫތުކައި އަވަދިވެފައި ހުރި މުސްކުޅިއެކެވެ. އެކަމަކު ވެސް ރޭކާ އާއި އަމިތާބާއި ޖަޔާގެ ލޯބީގެ ކުޅިގަނޑަށް ވުރެ ހިންދީ ސިނަމާގައި އެ ހިތް ޖެހި ސަކަރާތް ބޮޑެވެ. އެމީހުންގެ މަޝްހޫރު ފިލްމު 'ސިލްސިލާ' އަކީ ޒުލްފާ ބަލައި ފޫހިނުވި ފިލްމެކެވެ.

އަމާގެ މި ފޯރީގައި ޖެހިގެން ރޭގަނޑުގެ ނިދި ނަގައި ފޮޅާލާފައި ނީޒާ ވެސް ކޮންމެ ހުކުރުވިލޭރެއަކު ދިޔައީ ރަންކޮކާގޭ ސިނަމާއަށެވެ. އެއީ އެ ދުވަސްވަރު ރަށުގައި، އެކާވީސް އިންޗީގެ ފޮށި ޓީވީގަނޑެއްގައި ހިންދީ ފިލްމު އެޅުވި ހަމައެކަނި ގެއެވެ. ނުވަތަ މުޅި ރަށަށް މަޝްހޫރުވެފައި އޮތް ގޮތަށް، ރަންކޮކާގޭ ރަން ސިނަމާއެވެ.

ނީޒާ ބޮޑުވީ އެ ސިނަމާ އަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ މުޅި ފުރާވަރުގެ ކޮންމެ ހުކުރުވިލޭރެއަކީ ހިންދީ ފިލްމު ބެލި ރޭތަކެވެ. އެ އުމުރުފުރައިގައި އެންމެ އަވަހަށް ހިންދީ ބަސް ދޭހަކޮށް ވާހަކަ ދައްކަން ދަސްކުރި ކުއްޖަކީ ވެސް އޭނާއެވެ. މުޅި ރަށަށް ބެއްޔަސް އެކަންވީ ފުދޭވަރެއްގެ ބޮޑު ކާމިޔާބީ އަކަށެވެ. ވަކިން ހާއްސަކޮށް އެކަން އާދަޔާހިލާފު ކަމެއްގެ ގޮތުގައި ރަށު މީހުންނަށް ފާހަގަކުރެވުނީ ޒުލްފާ އޭނާގެ އުމުރުންވީހާ ދުވަހަކަށް ހިންދީ ފިލްމު ބަލައިގެން ވެސް އެ ބަސްމޮށުން ހަމަ އެއްވެސް ވަރަކަށް ދަސްވެފައި ނެތީމައެވެ.

ނީޒާ އަށް ހިންދީ ބަސް ފެންމެޓަޔަށްވި ހިސާބުން ރަންކޮކާގޭ ސިނަމާގައި އޭނާގެ ޒިންމާތައް ވެސް ބޮޑުވިއެވެ. އެންމެ ބޮޑު ސަމާލުކަމެއް ފަހުން ގޮސް ދޭން ޖެހުނީ އަމަޔަށް ފިލްމު ތަރުޖަމާކޮށްދޭށެވެ. އެކަމަކު އޭނާ އަށް އެ ވަރުގެ ބޮޑު އުފަލެއް ނުލިބެއޭ ވެސް ބުނެވިދާނެއެވެ.

ސަބަބަކީ އެގޮތަށް ފިލްމެއް ތަރުޖަމާކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ޖެހިގެން އަންނަ ހަފުތާ ބަންދު ނީޒާ އަށް އަބަދުވެސް ހިތަކަށް ލިބޭތީއެވެ. ހަފުތާ ބަންދުގައި އިސްކޫލުތަކުގެ ހޯލުތައް ބަންދުކޮށްގެން ޓިކެޓު ވިއްކައިގެން ބާއްވާ ލައިވް މިއުޒިކް ޝޯތަކަށް ދާން ޒުލްފާ އަބަދުވެސް ޓިކެޓް ގަނެދިނީ ތަރުޖަމާކޮށްދިން ފިލްމުގެ ބަދަލެއްގެ ގޮތުގައެވެ.

ބައެއް މީހުން ބުނާނީ ޒުލްފާ އޭނާގެ ފުރާވަރުގެ އަންހެން ދަރިފުޅު ހަލާކުގެ ތެރެއަށް ދެ އަތުން އެއްލާލީ ކަމަށެވެ. އެކަމަކު އަލީ ރަމީޒުގެ ލައިވް ޝޯއެއްގައި އެ ދުވަސްވަރު ހަލާކުނުވިއްޔާ ފުރާވަރާއި ޒުވާން ހަޔާތެއްގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ މިއީ ރޯދަ މަހެއްގައި ދެން ދައްކާ ކަހަލަ ވާހަކައެއް ވެސް ނޫނެވެ. އެކަމަކު އައްޔައާ ނުލައި އެ ދުވަސްވަރު ޒުވާންކަމުގެ ހިފުނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟

ހަފުތާ ބަންދުގެ އެ ޝޯތަކަށް ފަހު ހުކުރުވިލޭރެއާ ހަމަ އަށް ނީޒާ ގޮސް ވަދެ ގެއްލުނީ ދިވެހި ފޮތްތަކާއި މަޖައްލާ ސަފުހާތަކުގެ ތެރެޔަށެވެ. ވަކިން ހާއްސަކޮށް ފަތްތޫރައިގެ ތެރެއަށެވެ. އޭނާގެ ހިތުގައި ޅެންވެރިކަމަށް ވެސް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ބައްޕަ ފަރާތުން އައި ކަމެކެވެ. ފޮތާއި މަޖައްލާތައް ގެއަށް ގެނެސް އެއްކުރި މީހަކީ ބައްޕަ، ހުސެންދީއެވެ. ޒުލްފާ އަކީ އަބަދުވެސް ދޭހަވުމުގެ މައްސަލަ އުޅުނު މީހެކެވެ. ހުސެންދީގެ ސާފު ތެދުވެރި ލޯބި އެކަންޏެއް ނޫނެވެ. ފޮތަކުން އޭނާ ދަސްކުރި އިލްމެއް ހިލްމެއް ވެސް ނެތެވެ.

ހުސެންދީ އަކީ އަމިއްލަ އަށް ޅެންވެރިޔަކަށް ހެދިގެން އުޅުނު މީހެކެވެ. އެއްގޮތަކަށް ވެސް މޮޅު ޅެންވެރިއެއް ނޫނެވެ. އެކަމަކު އަބަދުވެސް ތަފާތު އެކި މައުލޫތަކަށް 'ޅެން' ހަދައި ޓީވީ އާއި ރޭޑިއޯގެ ޕްރޮގްރާމުތަކަށް ފޮނުވައި އުޅުނެވެ. ފަހުން ދިޔައީ ބޭރުބޯޓު ދަތުރުކުރާށެވެ. އާއިލާއާ ދުރުގައި ކަނޑުމަތީގައި ހޭދަކުރި ދެ ތިން އަހަރު ތެރޭގައި ހުސެންދީގެ ޅެންވެރިކަމުގެ ހުނަރު ރާޅުތަކަށް ވުރެ މައްޗަށް އެރިހެން ހީވިއެވެ.

އެކަމަކު ލިބުނު ބޭރު ފައިސާތައް ހިފައިގެން އައިސް އަމިއްލަ ވިޔަފާރިއެއް ރަށުގައި ފެށި ގޮތަށް، ހުރިހާ ވަގުތަކާއި ހަކަތައެއް ފަހުން ހޭދަކުރީ ހަޔާތެއް ކޮޅަށް ޖެހުމަށެވެ. ޅެންވެރިކަމުގެ ޝައުގުވެރިކަމުން ކޮކާތައް އަބަދުގެ އަބަދަށް އުދުހިގެން ފިލައިގެން ދިޔައީއެވެ. އަދި ޒުލްފާއާ އެކު ދެ ވަނަ ދަރިއަކު ނުލިބި ދެ މީހުންގެ ކައިވެނި ވެސް ރޫޅިގެންދިޔައީއެވެ.

ހުސެންދީ އޭނާގެ ވިޔަފާރި ކޮޅަށް ޖަހައި، ރަށުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު ހޯދައިގެން އޭނާއާ އިނދެ ދަރިއަކު ލިބުނުއިރު ނީޒާގެ އުމުރުން 18 އަހަރު ފުރިއްޖެއެވެ. އޭގެ ދެ އަހަރު ފަހުން އިތުރު އައުލާދެކެވެ. ހުސް އަންހެން ދަރިންނެވެ.

ފުރާވަރުގެ ދުވަސްތައް ނިމެމުން ދިޔައިރު އަލީ ރަމީޒުގެ އުފާވެރި ލަވަތަކަށް ވުރެ ބޮޑަށް ނީޒާގެ ހިތް ޖެހިފައިވީ އައްޔަގެ އަސަރުގަދަ އަޑުން ކިޔައިދިން ލޯބީގެ ހިތާމަވެރި ލަވަތަކަށެވެ. އަމާގެ ކައިވެނި ރޫޅި ބަރުބާދުވުމަކުން ނޫނެވެ. އެކަމަކު ލޯތްބަކީ ކޮބައިކަން ރަނގަޅަށް ނޭނގި، ދަސްނުވެ އުޅެނިކޮށް ފުރާވަރުގައި އަމިއްލަ ހަޔާތަށް އެރި ސަކަ މިޒާޖެއްގެ ރީތި ފިރިހެނަކު އޭނާގެ ހިތް ހަލާކުކޮށް ކުދިކުދިކޮށްލި ދުވަސްވަރަކަށް އެ ދުވަސްވަރު ވުމުންނެވެ.

އޭރު ނީޒާ ދިރިއުޅެނީ މާލޭގައެވެ. ކިޔަވަމުން ދިޔައީ އެގާރަ ބާރައިގައެވެ. އޭނާގެ މަންމަ އުޅުނީ މާލޭ މީހަކާ އިނދެގެން އޭނާގެ ކަޅަށް ޖެއްސުންތަކާ ހެދި ބޯގޮވައި ހަދާނެ ގޮތް ހުސްވެގެންނެވެ. ޒުލްފާ މާލޭ މީހަކާ އިނީ ރަށުގައި ދިރިއުޅުނު ހަސަންދީ އަށް ވުރެ މޮޅު މީހަކާ އިންނަންވެގެންނެވެ.

ހަސަންދީ އަށް ވުރެން ލިރާރު ހުރިހާ ގޮތަކުން ވެސް ޒުވާންވެފައި ރީއްޗެވެ. ބޮލުގައި އިސްތަށި ހުއްޓެވެ. އަދި ދޮންބައްޕައެއްހެން ހީނުވާ ވަރަށް ނީޒާ އަށް ވެސް ހެޔޮވެފައި ރަނގަޅެވެ. ހަމައެކަނި މައްސަލައަކަށްވީ ހިލޭ އެހެން އަންހެނުން ހޯދަން އޭނާ އުޅުނު ވިޔާނުދާ އުޅުމެވެ.

"ވަޓް ކޭން އައި ސޭއި،" އޭނާ ބުނީ މިހެންނެވެ.

ޒުލްފާ އާއި ލިރާރުގެ އުމުރުގައި ތަފާތު ހުއްޓެވެ. ހިތާއި އިސްޓައިލުގައި ވެސް ތަފާތު ހުއްޓެވެ. ލިރާރު ގެންގުޅުނު ވަގު ލޯބިވެރިންގެ އާންމު އުމުރަކީ ވިހި ބާވީހެވެ. އޭނާ އަށް އޭރު ބައްތިރީހެވެ. ޒުލްފާ ހުރީ ސާޅީހުން މައްޗަށް ގޮސްސައެވެ. އެކަމަކު އެއީ ވެސް ހަމަ ވިހި ބާވީސް އަހަރުގެ ރީތި ކަމެކެވެ. ލިރާރުގެ ހިތް ޒުލްފާއާ އެކު ނުފުރުނު ސަބަބެއް ދެ މީހުން ކުރެ ހަމަ އެކަކަށް ވެސް ނޭނގެއެވެ. ކިތަންމެ ވަރަކަށް އެއްކުރިޔަސް އެއްނުވި ހިސާބަކީ މިއެވެ.

ނީޒާގެ ކިޔެވުން ނިމުނުއިރު ޒުލްފާ އާއި ލިރާރުގެ ޒަވާޖީހަޔާތް ވެސް ނިމުމަކަށް އަތުވެއްޖެއެވެ. އެކަމަކު ދެން ވެސް މީހުންނާ އިނުމުގެ ފޯރި ޒުލްފާގެ ކިބައިން ކެނޑިދާ ގޮތެއް ނުވިއެވެ. އަދި ރީތިކަން ވެސްމެއެވެ.

އުމުރުން ދުވަސްވި ވަރަކަށް އޭނާގެ ރީތިކަން ދިޔައީ އިތުރުވެ ފާޅުވަމުންނެވެ. އޭނާ މުސްކުޅިވަމުން ދިޔައީ އޭނާގެ ހިތުން އަބަދުވެސް ހުރިހާ ޖާގައެއް ދީގެން އުޅުނު ބަތަލާ ރޭކާ ވެސް މުސްކުޅިވަމުން ދިޔަ ގޮތަށެވެ. އިދިކޮޅަށެވެ. އުމުރަށް އަދަދުތަކެއް އިތުރުވަމުންދިޔަ ނަމަވެސް ބުރުސޫރައިން ފާޅުވަމުން ދިޔައީ މުޅިން ތަފާތު ނަމްބަރު ތަކެކެވެ.

އޭނާގެ މި ރީތިކަމުގެ ޖާދޫގައި ދެން ޖެހުނީ އަންވަރު ލޭމާ ނަމަކަށް ކިޔާ މީހެކެވެ. އަންވަރަކީ ޒުލްފާ އަށް ވުރެން ހުރިހާ ގޮތަކުން ވެސް މަތީގައި އުޅުއްވި ބޭފުޅެކެވެ. މާލޭގައި އާރާއި ބާރު އޮތް ސިޔާސީ ބޭ--ފުޅެކެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ޒުލްފާގެ ބުރުސޫރަ އެވެ. އޭރު ޒުލްފާ މަސައްކަތްކުރަމުން ދިޔައީ އަންވަރު ވެސް ނިސްބަތްވި ސިޔާސީ މި ޕާޓީގެ މައި އޮފީހުގައެވެ.

ހިންދީ ފިލްމަށް އޮތް ޝައުގުވެރިކަން އެންމެފަހުން ޒުލްފާގެ ހިތުގައި ދިވެހި ސިޔާސީ ޑްރާމާ އަށް އުފެދި ސިއްކަޖެހި ނިމުނީއެވެ.

އޮފީސް ތެރޭގައި ދެ މީހުން ގަތްގަނޑެއް ގަނެ އެންމެ ފަހުން އިންނަ ހިސާބަށް ދިޔައީއެވެ. އަހަރެން މި ވާހަކަތައް މި ކިޔައި ދެނީ ރޯދަމަހަށް ވިސްނާފަ ވަރަށް ބޮޑަށް ސެންސަރު ވެސް ކޮށްގެންނެވެ.

އެހެން މީހަކާ އެކު އޭރު އަންވަރުގެ ކުދިން ވެސް ތިއްބެވެ. ފުރަތަމަ އަންވަރު ބޭނުންވީ، ޒުލްފާ ދެ އަންބަށެވެ. އެކަމަކު ޒުލްފާ އަކީ ދެ ވަނަ ދޭ ވަރަށް ވުރެން މާ ރީތި އަންހެނެކެވެ. ޒުލްފާ އަންވަރަށް ސާބިތުކޮށްދޭން ޖެހުނީ އެވަރަށެވެ.

އަންވަރު އަކީ ހުސެންދީ ވެސް ޖެހިލުންކޮށްލި ޝަހުސިއްޔަތެކެވެ. ޖެހިލުމަށް ވުރެ ރަނގަޅުވާނީ ޖޭކޮށްލި ޝަހުސިއްޔަތެކޭ ބުނިއްޔާއެވެ. އަދި އެވަރުގެ ބޭފުޅަކު ޒުލްފާގެ ހަޔާތުގައި 'ޖެހިދާނެ' ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ވެސް ނުކުރެއެވެ. ޚުދު ނީޒާ ވެސް ހުރީ އޭނާގެ އަމާގެ ފަންވަރު ފެނި އަޖައިބު އަންތަރީސްވެފައެވެ.

އަންވަރު އާއި ޒުލްފާގެ ކައިވެންޏާއެކު ނީޒާގެ ދިރިއުޅުން ވެސް އެއްކޮށް ބަދަލުކޮށްލިއެވެ. އަންވަރަށް ޕާޓީގެ ޓިކެޓް ލިބި އޭނާގެ ދާއިރާގެ ގޮނޑި އަށް ނުކުތުމާ އެކު ޒުލްފާ ވެސް ސިޔާސީ ސީދާ ހަރަކާތްތަކުގައި އަވަދިނެތި އުޅެން ޖެހިއްޖެއެވެ. އަދި އެއަށް ވުރެ ބުރަކޮށް އުޅެން ޖެހުނު މީހަކަށްވީ ނީޒާއެވެ. ޕޮލިޓިކަލް މެނޭޖުމަންޓްގެ ދާއިރާއިން ކިޔަވައި ނިމިގެން އައި ގޮތަށް އޭނާގެ ފުރަތަމަ އަސްލު އިމްތިހާނަކަށްވީ އަންވަރުގެ ކެމްޕޭނެވެ. އޭނާ މަސައްކަތްކުރީ ދޮންބަފާގެ ކެމްޕޭން މެނޭޖަރަކަށެވެ.

ކިޔެވުމަށާއި ހަޔާތުގެ ދަތުރުގައި އެއްވެސް ކަމެއް ހާސިލުކުރުމުގެ ހިޔާލެއް ފިކުރެއް ނެތި ފުރާވަރުގެ ދުވަސްތައް ހިންދީ ފިލްމާއި އަލީ ރަމީޒުގެ ލަވަޔަށް ދުއްވާލި އަންހެން ކުއްޖެއްގެ ހަޔާތް މިގޮތަށް ބަދަލުވެދާނެ ކަމަށް ގަބޫލުކުރާނީ ވެސް ކާކު ހެއްޔެވެ؟ އަމުދުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވިދައި ގުގުމަމުން ދިޔަ ޝަހުސިއްޔަތެއްގެ ސިޔާސީ ހަޔާތުގެ ހުންގާނު ނީޒާގެ މަޑު ދެ އަތަށް އެރުން ވެގެންދިޔައީ އޭނާގެ ދެ އަތް ވެސް ތުރުތުރުލީ ކަމަކަށެވެ. އެކަމަކު އޭނާގެ އަމާގެ އިތުބާރު ރަންކޮކާ ސިނަމާގައި އޭނާ އަށް އަބަދުވެސް އޮތް ގޮތަށް މިފަހަރު ވެސް އޮތެވެ. އަދި އަންވަރަށް އޮތް މަގްބޫލުކަން ފެނުމުން ނީޒާގެ ހިތުން ވެސް ބިރުވެރިކަން ފިލައިގެން ދިޔައެވެ.

ނަމަވެސް އާހިރުގައި ހުރިހާ ކަމެއް ވެސް ދިޔައީ ހަމަ ފަނުފުލުންނެވެ. އަޣުލަބިއްޔަތުގައި އިންތިހާބު ކާމިޔާބުކުރީ އަންވަރުގެ ވާދަވެރި އިދިކޮޅު ކެންޓިޑޭޓެވެ.

ނީޒާ އަށް ސާމިރު ތައާރަފްވި ހިސާބަކީ މިއެވެ. ސާމިރު ޔޫސުފެވެ.

އޭނާ އަކީ ސިޔާސީ ކެމްޕޭން މެނޭޖަރެއް ނޫނެވެ. އެކަމަކު ނީޒާއާ ދެކޮޅަށް ވަރަށް ގަދަ އަށް މަސައްކަތްކުރި ރުންކުރު، ފިސާރި ވަރުގަދަ އަދި ހަޔާތް އެހާމެ ކުޑަ ސިޔާސީ އެކްޓިވިސްޓެކެވެ. އާދައިގެ ވަރެއްގެ ވިޔަފާރިވެރިއެއް ވެސްމެއެވެ.

އަންވަރު ބަލިކުރަން އޭނާގެ ހުރިހާ ފައިސާއެއްހެން ތަޅައި ބުރުވަމުން ކެމްޕޭނުގެ އެންމެ ކުރީގައި އަބަދުވެސް އުޅުނު އެކަކެވެ. އަދި އަންވަރުގެ ޓީމު ބަލިވުމުން އެންމެ ބޮޑަށް އުފާފާޅުކޮށް ނީޒާއާ ގޮސް އެންމެ ބޮޑަށް ދިމާކޮށްލި އެކަކަކީ ވެސް އޭނާއެވެ.

އެ ދެ މީހުންގެ ސިޔާސީ މި ވާދަވެރިކަމާއި ހަނގުރާމަ ފެނި ދަސްވެފައިވީ އެއްވެސް މީހަކު، އެ ދެ މީހުން ސިޔާސީ ޒުވާބަކުން ނޫން ގޮތަކަށް އޭރު އެކުގައި ފެނިދާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރާނެއެވެ.

ތެލާއި ފެން އެކެއް ނުވާނެއެއް ނޫން ހެއްޔެވެ؟

އެކަމަކު އެ ދެ މީހުން އެކަކު އަނެކަކަށް ފުރައްސާރަކުރަމުން ދިމާކުރަމުން ގޮސް ވީ މަސްހުންޏެއްގައި ހަނާވެ ހިތާވެ އެންމެފަހުން އިނީ އެވެ. ސަހަރޯއެވެ.

އެ ވާހަކަ އަޑު އެހި އެކަކު ވެސް އެންމެ ފުރަތަމަ އެކަން ގަބޫލެއް ނުކުރިއެވެ.

ނަމަވެސް ސިޔާސީ ޚަބަރުތައް ފަނޑުކޮށްލި ސުރުހީއަކަށްވީ ސާމިރު އާއި ނީޒާގެ ކާވެންޏެވެ.

އެކަމަކު އެ ލޯތްބާއި ގުޅުން ފަނޑުކޮށްލި ސުރުހީ އަކީ ވަރަށް ބިރުވެރި ވާހަކައެކެވެ. ލިޔުންތެރިން ލިޔަން ވެސް ޖެހިލުންވާ ވާހަކައެކެވެ. އެކަމަކު އަހަރެން މިއީ ލިޔުންތެރިއެއް ނޫނެވެ. އަހަރެން މިއީ ހުރިހާ ކަމެއް އެނގުހުރި ހިލަހިތެކެވެ.

ސިޔާސީ ހަތުރުވެރިއެއްގެ ގޮތުގައި ނީޒާއާ ބައްދަލުވި އިރު ސާމިރު އަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަމުން ދިޔަ މީހެކެވެ. އަމިއްލަ ނަމަކާއި ބްރޭންޑެއް ގެންގުޅުނު ހެޔޮވަރު ވަރެއްގެ ސޭޓެކެވެ. އެކަމަކު ސިޔާސީ މުޑުދާރުކަން އުފެއްދި ހަސަދަ އާއި ތަޢައްސުބު އެންމެފަހުން އޭނާގެ އެ ކެޔޮނިރު ކޮށައި ކުދިކުދިކޮށްލީއެވެ. ސިޔާސީ ގޮތުން ކުޅެމުން ދިޔަ ކުޅީގައި ސައިވެ ބަލިވެ ބަނގުރޫޓުވީއެވެ.

އެކަމަކު އޭގެ މާ ކުރިން ވެސް އޭނާގެ ހަޔާތުގައި ތިބި ހަމައެކަނި އެކުވެރިންނަކީ ސިޔާސީ އެކުވެރިންނެއް ނޫނެވެ. ނަމަވެސް އަސްލު އެކުވެރިންނާއި ރަހުމަތްތެރިންނަކީ ކޮބައިކަން ވަކިކުރަން އޭނާ އަށް ދަސްވީ ސިޔާސީ ކަނޑުގައި ކަނޑުވި ހިސާބުންނެވެ.

ދެން ޖެހުނު އޮއެވަރުގައި ވަޔާއެކު މަޑުމަޑުން ބެހެމުން ގޮސް އޭނާގެ ސިކުނޑި ބީހުނީ މުޅިން އެހެން ފިކުރަކަށެވެ. ސާމިރަށް ކުރިން ދަސްނުވި ވަރަށް ގިނަ ކުލަ އޭނާ ދަސްކުރީ މި ދަތުރުމަތީގައެވެ. އޭރު ނީޒާގެ ހިތަށް ވެސް ދިޔައީ ސާމިރަށް ކަމުދިޔަ ހުރިހާ ކުލައެއް މަޑުމަޑުން ފޭދެމުންނެވެ. ރީތި ނުވިޔަސް ހިތުން ހިތަށް ފޭދެމުންނެވެ. އަދި ނީޒާ އެގޮތް ބޭނުން ނުވިޔަސް ސާމިރު ގެންދިޔައީ ބޭނުން ކުލައެއް ޖައްސަމުންނެވެ.

އިންސާނެއްގެ ހިތް ވަރަށް ފަސޭހައިން ފަސާދަވެދެއެވެ. އަދި އިންސާނެއްގެ ނަފުސަކީ ވަރަށް ބަލިކަށި ޖިސްމެކެވެ. ވަކިން ހާއްސަކޮށް އަމިއްލަ އިހުތިޔާރުގައިވީ ހުރިހާ ބާރެއް މުށުން ބީވެގެންދާ ހިސާބުންނެވެ. ނުވަތަ ބިރުގަނެ، ފަސްޖެހި ފިނޑިވެ، އެ ހުރިހާ ބާރުތަކެއް އެހެން މީހަކަށް ދީދައިލާ ހިސާބުންނެވެ.

ނީޒާގެ ޅަދުވަސްވަރުގެ ހާލަކީ ވެސް ހަމަ މިއެވެ. ތަފާތަކީ އޭރުގެ އުޖާލާ އަލިގަދަ ކުލަތަކެވެ. ފިލްމާއި މިއުޒިކު ޝޯތަކުގައި ނިވި ދިއްލުނު ހަޔާތެއް ކަމެވެ. އެކަމަކު ނީޒާ އަކީ ދުވަހަކުވެސް އޭނާގެ ފުރިހަމަ މިނިވަންކަމުގެ އިހުތިޔާރު ބޭނުންކުރި އަންހެން ކުއްޖެއް ނޫނެވެ.

އޭރު އޭނާ އޮތީ މަންމަގެ އުނގުގައެވެ. ދިޔައީ މަންމަގެ އަތުގައި ހިފައިގެންނެވެ. ދުއްވައިގަތީ މަންމަ ދެއްކި މަގުންނެވެ. އެ މަގު ގޮސް ނިމުނު ހިސާބުން ސާމިރުއާ ބައްދަލުވެ ސާމިރުގެ އަޅަކަށް ބަދަލުވީ އެވެ.

މިހައި ހިސާބުން އުފެދޭ ސުވާލަކީ މިއެވެ.

މި މައުނަވީ، މި އައު ދުނިޔޭގައި އަންހެނާގެ މަގާމަކީ ކޮބައި ހެއްޔެވެ؟ އަންހެނަކަށް ދަރަޖަ އާއި މަގާމާއި ހައިސިއްޔަތު ދޭން ޖެހޭނީ އެ އަންހެނެއްގެ ކިބައިގައި ހުރި ހިތްވަރެއްގެ މައްޗައް ހެއްޔެވެ؟

ނުވަތަ، މި މައުނަވީ އައު ދުނިޔޭގައި އިންސާނާގެ މަގާމަކީ ކޮބައި ހެއްޔެވެ؟ އިންސާނަކަށް ދަރަޖަ އާއި މަގާމާއި ހައިސިއްޔަތު ދޭން ޖެހެނީ އެ އިންސާނެއްގެ ކިބައިގައި ހުރި މިންނަތެއްގެ މައްޗަށް ހެއްޔެވެ؟

ނޫނެކެވެ. އެ ހުރިހާ ކަމެއް ބިނާވަނީ އޭނާ އިހުތިޔާރުކުރާ އިހުތިޔާރުކުރުމަކަށެވެ. އެކަމަކު އިންސާނާގެ ބަލިފަޔަކީ އަބަދުވެސް އޭނާގެ ހިތެވެ.

ހަސަންދީ، ޒުލްފާ، ލިރާރު، އަންވަރު، ސާމިރު އަދި ނީޒާގެ ހަޔާތުގެ މިސާލަކީ ވެސް މިއެވެ. ވަކިން ހާއްސަކޮށް ނީޒާގެ ހަޔާތެވެ. ނުވަތަ ނީޒާ އާއި ސާމިރުގެ ހަޔާތެވެ.

ސާމިރު ގޮސް ޖެހުނީ އަނދިރި ފިކުރެއްގައެވެ. ދީނީ ގޮތުން ވަރަށް ހަރުކަށި ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވެ ބަރޯސާވި ބައެއްގެ އަތް މައްޗަށް އޭނާގެ ހުރިހާ ބާރެއް ދޫކޮށްލީއެވެ. އެމީހުން ބުނާ ގޮތުން ނަމަ ސާމިރު ކުރިން އުޅުނީ އެއަށްވުރެ އަނދިރި ފިކުރެއްގެ ތެރޭގައެވެ.

އަބަދުވެސް އެހެން މީހުންނާއި، އެހެން މީހުންގެ ފިކުރުތަކާއި ބާރުތަކަށް ކިޔަމަންވެ ބޯލެނބުމުގެ ސިލްސިލާއެކެވެ.

އެންމެފަހުން އެ އަނދިރިކަން ނީޒާގެ ހަޔާތް ވެސް ނިއްވާލީއެވެ. ސާމިރުގެ ކަސްތޮޅުން އެންމެފަހުން ސަލާމަތްވިޔަސް ކަޅުފޮއި ރޭތަކާ ރައްޓެހި އެކަނިވެރި ނަފުސަކަށް ނީޒާ އެއްކޮށް ބަދަލުކޮށްލީއެވެ.

އަހަންނަށް ނީޒާ ފެނުނީ އެ އެކަނިވެރިކަމުގައި ގެއްލިފައި ވަނިކޮށެވެ. އަހަރެން ވެސް އެކަނިވެ ފޫހިވެފައި ވަނިކޮށެވެ. ކަޅުފޮއި ރޭގަނޑެއްގައެވެ.

މިކަހަލަ ކަޅުފޮއި ރެއެއްގައެވެ.

މިރޭ ވެސް ނީޒާ އަހަރެންގެ ދަރުބާރަށް އަންނާނެކަން އެނގެއެވެ. އެކަމަކު އަހަރެން މިރޭ މިއިނީ އެކަންޏެއް ނޫނެވެ. އަހަރެންގެ ސަންގުމަރުމަރު ހިލަ ހިތާއި ދަރުބާރުގައި މިރޭ އިތުރު ބައިވެރިޔަކު އެބަ އިނެވެ. އޭނާގެ ނަމަކީ ޖަމާލް އެވެ.

ނީޒާ އާއި ޖަމާލްގެ ހަޔާތުން އެއްގޮތް ސިފަތަކެއް ފާހަގަކުރެވުނަސް ޖަމާލަކީ ކަޅުފޮއި ރޭތަކާ ރައްޓެހި ނަފުސެއް ނޫނެވެ. އަބަދުވެސް އޮއްސޭ އިރާއެކު އަހަރެންގެ ދަރުބާރުން ނުކުމެގެންދިޔަ ޒުވާނެކެވެ. އެކަމަކު މިއަދު އޭނާ މަޑުކުރީއެވެ. އިހުތިޔާރުގެ ފުރިހަމަ ބާރު ބޭނުންކުރީއެވެ. ނުވަތަ ހިތް، އޭނާ އަށް ކެއްސެއް ދޭން ރާވަނީއެވެ.

ރަތްވިލާތައް މަޑުވަމުން ފަނޑުވަމުން، އަނދިރިވަމުން ގޮސް މުޅި މާހައުލު ފުސް އަނދިރިކަމެއްގެ ތެރެއަށް ގޮސް ގަންބާލިއެވެ.

ޖަމާލް އިނީ މަޑުންނެވެ. އަހަރެން އަދި އެއަށް ވުރެ މަޑުންނެވެ.

"މި އަނދިރިކަން އަހަންނަށް ގެނެސްދޭނީ ކޮން އެއްޗެއް ހެއްޔެވެ؟"

ޖަމާލްގެ ހިތް ބުނާ ކަހަލައެވެ.

ކުއްލިއަކަށް އަހަރެންގެ ގައިގައި ބާރަކަށް ހިފަހައްޓައި ޖަމާލްގެ ނޭވާ އަދި އެއަށް ވުރެ ބާރަށް ހިފަހައްޓައިގަތެވެ. އޭރު އަހަރެމެންގެ ސަންގުމަރުމަރު ހިލަޔާ ދިމާލަށް ހިޔަންޏެއްގެ ސިފައިގައި މީހަކު އަންނަތަން ފެނެއެވެ. އެއީ އެއްގޮތަކަށް ވެސް ޖަމާލުގެ ހަޔާތް އުފެއްދި ފުރޭތައެއް ނޫނެވެ. އޭނާ އެ ހީކުރާ ހިޔަންޏެއް ނޫނެވެ. ދެއްވެއް ނޫނެވެ.

އެއީ ކަޅުފޮއި ރެއާ ދޯޅު ނީޒާ ހަސަން އެވެ. ނުވަތަ ޖަމާލުގެ އިހުތިޔާރެވެ. ކަޅާއި ހުދުގެ ބައްދަލުވުމެކެވެ.