މިސް ޔުނިވާސް ފަލަކަމުން މީހުން އޭނާ އަށް ޖޯކް ޖެހިއިރު، ސަބަބަކީ ބައްޔެއް
މިސް ޔުނިވާސް ފަލަކަމުން މީހުން އޭނާ އަށް ޖޯކް ޖެހިއިރު، ސަބަބަކީ ބައްޔެއް

މިދިޔަ އަހަރު މިސް ޔުނިވާސްގެ ތާޖު އުފުލާލީ އިންޑިއާގެ ޗަންދީގަޅަށް އުފަން، ހަރުނާޒް ސަންދޫގެ ހަށިގަނޑަށް މިފަހުން އައި ބަދަލުތަކާ އެކު ގިނަ ބައެއްގެ ފުރައްސާރައާ ކުރިމަތިވެ އެކަން ދިމާވާ ސަބަބު އޭނާ ކިޔައިދީފި އެވެ.

މިސް ޔުނިވާސްގެ ތާޖު އުފުލާލިއިރު، ކިތަންމެ ލޫޅާފަތިކޮށް ހުއްޓަސް މިހާރު ހަރްނާޒުގެ ހަށިގަނޑުން ފެންނަ އެންމެ ބޮޑު ބަދަލަކީ މީހާ ތަންކޮޅެއް ފަލަވެފައި ހުރުމެވެ. މީހާގެ މޫނު މަތިން އެކަން ވަރަށް ބޮޑަށް އެނގެ އެވެ. އެ ބަދަލާ އެކު ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އޭނާއަށް ކުރިމަތިވަމުންދެ އެވެ.

ބައެއް މީހުން ހަރްނާޒް ހަށިގަނޑަށް ނުބަލަނީތޯ ސުވާލު އުފައްދަމުން ދާތީ އެކަމާ ގުޅިގެން ފުރަތަމަ ފަހަރަށް އޭނާ ވަނީ ވާހަކަދައްކައިފަ އެވެ.

އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ހަރްނާޒް، 21 ބުނީ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއް އޭނާ ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އެއީ ގްލޫޓެން އެކުލެވޭ ބާވަތްތައް ކެއުމުން އިމުއުން ރިއެކްޝަނެއް އަންނަ ބައްޔެކެވެ. އޭގެ ސަބަބުން ކޮންމެ ކޮންމެ އެއްޗެއް ނުކެވި، ހަށިގަނޑަށް ބޭނުންވާ ނިއުޓްރީޝަން އެންމެ ފުރިހަމަ އަށް ނުލިބެ އެވެ.

ހަރްނާޒް ބުނީ އޭނާ އަކީ އެންމެ ފުރަތަމަ "މާހިކިވުމުގެ ސަބަބުން" ބުލީގެ ޝިކާރައަކަށްވި މީހެއް ކަމަށެވެ. އަދި މިހާރު "މާފަލަވެއްޖެ" ކަމަށް ބުނެ މީހުން މަލާމަތްކުރަމުން އަންނަ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ނޭނގޭ ކަމަކީ އޭނާ ބައްޔެއް ތަހައްމަލުކުރަމުން ދިއުން ކަމަށް ބުންޏެވެ.

"އަހަންނަކީ އަބަދުވެސް ބޮޑީ ޕޮޒިޓިވިޓީ ގަބޫލުކުރާ މީހެއް. މިސް ޔުނިވާސްގެ ޕްލެޓްފޯމަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ކުރިއެރުމުގެ ވާހަކަ ދައްކާ ތަނެއް. އަހަންނަށް އެނގޭ މިސް ޔުނިވާސްއަކަށްވެ އަހަރެން މިކަމުގައި [ބަލީގައި] އުޅޭއިރު ޓްރޯލްކުރާނެ ކަން. އެއީ މައްސަލައެއް ނޫން. އެއީ އެމީހުންގެ ވިސްނުން ހުންނަ ގޮތް،" އޭނާ ބުންޏެވެ.

ހަރްނާޒް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އެންމެނަކީ ވެސް އެމީހެއްގެ ގޮތުގައި ރީތި މީހުންނެވެ.

"މިސް ޔުނިވާސް އަށް އަހަރެން ހޮވުމުގެ ސަބަބުން އަހަންނަކީ އެންމެ ރީތި މީހާ ކަމަށް ގަބޫލުކުރުމަކީ ގޯހެއް. އަހަރެންނަކީ އެންމެ ރީތި މީހާ އަށް ނުވެދާނެ. އެކަމަކު އަހަންނަކީ ކަންކަން ކުރަން ކެރޭ އަދި ހިތްވަރު ހުރި މީހެއް. ފަލަވިޔަސް، ހިކިވިޔަސް، އެއީ ރީތި މީހެއް ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެން އަމިއްލަ ހަށިގަނޑު ދެކެ ލޯބިވަން،" އޭނާ ބުންޏެެވެ.

ހަރްނާޒަކީ ބޮލީވުޑްގައި މަސައްކަތްކުރަން ކެތްމަދުވެފައި ހުރި ޒުވާނެކެވެ. މިސް ޔުނިވާސް ކާމިޔާބު ކުރުމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއަށް އޮތް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާ ވަނީ ބައެއް އިޝްތިހާރުތަކުން ފެނިފަ އެވެ.