02 އެޕްރީލް 2022 - 06:42

އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަށް ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެެވެ. އެކަމަކު އަދިވެސް އެ ކުއްޖާ އަށް ދޭނެ ނަމެއް ޔަގީންނުވެގެން އެ ކުއްޖާ އަށް ނަން ނުކިޔާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕްރިޔަންކާއާ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހަކުން ބުނީ ޕްރިޔަންކާ އަށް ލިބުނު އަންހެން ދަރިފުޅަށް ނަން ކިޔުމަށް އެމީހުންގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ ފަރާތުން އެކި ނަންތައް ހުށަހެޅި ކަމަށެވެ. އެކަމަކު އެއިން އެއްވެސް ނަމެއް އެ ދެމަފިރިންނަށް ކަމަކު ނުދެ އެވެ.
އެހެންވެ މިހާތަނަށް ކުއްޖާ އަށް އެއްވެސް ނަމެއް ދީފައިނުވާ ކަމަށާއި އެހާ އަވަސް އަރުވާލައިގެން ކުއްޖާ އަށް ނަމެއްދޭން ވެސް އެމީހުން ބޭނުން ނުވާ ކަމަށް ބުންޏެވެ.
އެ ނޫހަށް މައުލޫމާތުދިން މީހާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިޔަންކާ ބޭނުންވަނީ އިންޑިއާ އާއި އެމެރިކާއާ ވެސް ގުޅޭ ކަހަލަ ނަމެއް ކުއްޖާ އަށް ކިޔުމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ސަރޮގޭޓްކޮށްގެން ކުއްޖަކު ލިބުނަސް އެކަން ސަަޕޯޓަރުންނަށް އެންގީ ހަފުތާއެއް ފަހުންނެވެ. ޕްރިޔަންކާ އެ ދުވަހު ކުރި ޕޯސްޓުގައި ބުނީ ކުއްޖަކު ލިބުމުން ވަރަށް އުފާވާ ކަމަށާއި އާއިލާއިން މިވަގުތު ޕްރައިވެސީ ބޭނުންވާ ކަމަށެވެ.
ކުއްޖާ ލިބިގެން ދެ މަސް ވިޔަސް މިހާތަނަށް ކުއްޖާގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއަށް އޭނާ ދޫކޮށްނުލަ އެވެ.
ނިކް، 29 އާއި ޕްރިޔަންކާ، 39، ކައިވެނިކުރީ ޑިސެމްބަރު، 1، 2018 ގަ އެވެ. އެ ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، އެކި ފަހަރު މަތިން ޕްރިޔަންކާ ބަނޑުބޮޑުކަމުގެ އަޑުތައް އެރި އެވެ.