02 އެޕްރީލް 2022 - 06:46

މީހަކު އެކަނިވެރިވެ، ހިތްދަތިވެފައިވާކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ވޭނާއި އުދާހުން ހިތެއް ފުރި ބަންޑުންވަމުންދާކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ހިތްދަތިވެ، ހިތްފަޅައިގެން ދިއުމުގެ ކުރިން އެ ހިތް އޮތް ގޮތް ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ؟
އަމިއްލަ އަށް މަރުވުމުގެ ހިޔާލުގައި މީހަކު ބަނދެވި ނެތި ނިމި ދިއުމުގެ ކުރިން އެ ވަކިތަކުން ކޮށައި މީހަކު ސަލާމަތްކުރާނީ ކިހިނަކުން ހެއްޔެވެ؟
ނަފުސާނީ ބަލީގެ ތަޖުރިބާކާރެއްގެ އުނގަށް މި ހުރިހާ ސުވާލުތަކެއް އޮއްސާލައިފި ނަމަ އެމީހުން ބައިވަރު ސަބަބާއި ހަގީގަތް ކިޔައިދޭނެއެވެ. އެކަނިވެރިކަމުގެ ފުރަތަމަ އަލާމާތަކީ އެކަނި މާ އެކަނި، ހަޔާތުގެ ގިނަ ވަގުތު ހޭދަކުރުން ކަމުގައި ބުނާނެތެވެ. ހަޔާތުގެ ދަތުރުގައި ތިބާ ކުރިމަތިލާ އެއްވެސް ކަމަކުން ފާގަތި ނަތީޖާތަކެއް ނުނެރެވުމަކީ އެކަނިވެރި ހިތްދަތި ހަޔާތެއްގެ މިސާލު ކަމުގައި ބުނާނެތެވެ. ވަހުމުވެރި ވިހަ ފިކުރަށް އަޅުދާސްތުވެފައި ވުމަކީ ވޭނާއި އުދާހުގެ ހިތަކަށް ގެނބި އަރަގުވަމުންދާ ކަމުގެ މިސާލު ކަމުގައި ބުނާނެތެވެ.
ހިތްދަތިވެ، ހިތްފަޅައިގެންދާން މެދުވެރިވަނީ އަމިއްލަ ނަފުސު ދެކެ ވާން ޖެހޭ ލޯބި ނުވެވުމުން ކަމުގައި ވިސްނައިދޭނެތެވެ. ނަފުސު ދެކެ ރުޅި އައުމާއި، ފޫހިވުމާއި އަމިއްލަ ނަފުސަށް ޖިސްމާނީ އަނިޔާ ދިނުމަކީ އެކަނިވެރި ހިތެއްގެ އަޖަލު ފެށިގެން އަންނަ ގޮތް ކަމުގައި ބުނާނެތެވެ.
އެކަމަކު އިމްރާނަކީ އެކަނިވެރިވެ، ހިތްދަތިވެފައިވާ ބަލިކަށި ނަފުސެއްކަން އަހަރެންނަށް ކަށަވަރުކޮށްދިނީ މި ސިފަތަކެއް ނޫނެވެ. އަހަރެންނަށް އެ ޔަގީންކަން ދިނީ އޭނާގެ ނިއަނެތިވި ހިނިތުންވުމެވެ. އެ ހިތް އަދި ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް އަހަރެންނަށް ފެނުނު އެންމެ އުފާވެރި މޫނަކީ އެއީ އެވެ.
އެ ޖިސްމާއި ނަފުސު ކިތަންމެ ބަލިކަށިވެފައިވިޔަސް އެހައި ސާފު ތެދުވެރި، އުޖާލާ މޫނެއްގެ ވެރިޔަކު އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. – އެކަމަކު އެއީ އެކަނިވެރި، އަނދިރި ހަޔާތެއް ފޮރުވަން އޭނާ ކޮންމެ ދުވަހަކުވެސް ކުރަހަމުން ގެންދިޔަ މަންޒަރެކެވެ. އޭގައި ފެށުމެއް، އަސްލެއް އަދި ނިމުމެއް ނެތް މަންޒަރެކެވެ. – އިމްރާންގެ ހިތް އޮތް ގޮތް އަހަންނަށް ފެނުނީ އެ މަންޒަރުގެ ތެރެއިންނެވެ. ބިއްލޫރިހާ ސާފު އެކަމަކު ކުލައެއް ނެތް މަންޒަރެކެވެ. ކުރިކީލި، އިދިކީލި ހަޔާތެކެވެ.
އެ ހިތުގައި އޮތް އެކަނިވެރިކަން އަހަންނަށް ދެއްކީ އޭނާ ކުރެހި ނަލަ، ޗާލޫ މަންޒަރެވެ. އެ ނަފުސު ގެނބެމުން ދިޔަ ހިތި ކަނޑުގައިވީ ފުންކަން ބުނެދިނީ ވިޔެ އެމުނި ހިތްގައިމު ޅެންބަހުރުވައިންނެވެ.
"މި ވޭނާއި ތުރާލަކީ އަލާމާތެކެވެ"
"އުފާވެރި ހަޔާތެއްގެ ސަމާސާއެކެވެ"
"ނުވަތަ އަޖަލު ގެނެސްދޭނެ ބަލާއާފާތެކެވެ"
"މި ނަފުސުގެ މުސީބާތެވެ."
"މި ލޭގާ ވަނީ ސާފުސީދާ ކެހިވެރިކަމެވެ"
"މި ހިތް ބޭނުންވާ ސާފު ރޮގުކުރެހުމެވެ"
އިމްރާންގެ ފަރިތަ، ހަލުވި ގަލަން ކުއްލިއަކަށް ހުއްޓިއްޖެއެވެ. އާދައިގެ މަތިން އޭނާގެ ހިޔާލުތައް ކަޅު ބޯ ވިލާގަނޑެއްގެ ސިފައަށް ބަދަލުވީ އެވެ. ކަށިކުނބުރު ޖަންގައްޔަކަށް ވަދެ ގެއްލުނީއެވެ. އަބަދުވެސް ވާ ގޮތެވެ. އަބަދުވެސް ގޮސް ގެއްލޭ ހިސާބެވެ. އަބަދުވެސް ހަމަ އެއްގޮތަކަށެވެ. އެކަމަކު ދެން އޭނާ ސަލާމަތެއް ނުވާނެއެވެ. އެނބުރި އަންނާކަށް ނޭނގޭނެއެވެ. އިމްރާންގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އޭނާގެ ހާލާއި ހާލަތު އަހަރެންނަށް މިހާރު އެނގޭތީ އެވެ.
އަހަރެމެން ދެ މީހުން ބައްދަލުވީ މީގެ ހައެއްކަ މަސް ކުރިންނެވެ. ކޮވިޑްގެ ފުރަ ބޮޑު ބަންދުގައި ވިލިނގިލީގެ މި ބީޗުންނެވެ. ފަޅުކަމާއި އެކަނިވެރިކަމުގައި ބީޗު ހަޓު ކުޑައެއްގެ ހިޔަލުގައި ފޫހިވެފައި ވަނިކޮށެވެ.
އޭނާ ވެސް އައީ އެކަންޏެވެ. އަހަރެން ވެސް އިނީ އެކަންޏެވެ.
އެތައް ދުވަހެއްގެ އެކަނިވެރިކަމަށް ފަހު ފުރާނަ ލެއްވި އިންސާނަކާ ބައްދަލުވުމުން އަހަރެންގެ ހިތަށް ފިނިކަމެއް އިހުސާސުކުރެވުނެވެ. ބޮޑު ބަންދުގެ އުދާސްތައް ބޭރުކޮށްލާނެ މީހަކާ އެންމެފަހުން ބައްދަލުވުމުންނެވެ. ނަމަވެސް އިމްރާންގެ އެ ފުރާނާގައި އެއްވެސް ރޫޙެއް ނެތެވެ. އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތެވެ. ނުވަތަ އަހަރެންގެ މި ހުރިހާ ތުރާލަކަށްވުރެން އޭނާގެ އަމިއްލަ ހަޔާތުގެ ބުރަ މާ ބޮޑީ އެވެ.
އެހެންކަމުން އެ ދުވަހު، ދެ މީހުން ބައްދަލުވުން ފިޔަވައި އިތުރު އެއްވެސް ހިތްހަމަޖެހުމެއް ތަގުދީރުގެ އެ މިންވަރުފުޅުން ހާސިލުވާގޮތެއް ނުވިއެވެ. އިމްރާން މަޑުމަޑުން ހިނގާލާފައި އައިސް ބީޗު ހަޓު ކުޑައިގެ ހިޔަލަށް ވަދެ ސަންގުމަރުމަރު ހިލައިގެ އަރާމުގައި ޖައްސާލި ގޮތަށް އިރު އޮއްސެން ދެން އެތަނުގައި އެގޮތަށް އިނީ އެވެ.
ފިނި ފިނި ރޯޅި އާއި ރާޅާއި ކާޅާއި، ކޮވެލީގެ އަޑުން އެ ތުންފަތުގައި ހިނިތުންވުމެއްގެ އަސަރު ކުރެހިޔަސް އެ ލޮލުގައިވީ އިހުސާސެއް ބުނެދޭކަށް ނޭނގެއެވެ. ލޮލުގައި އަޅާފައި އޮތް އަވިއައިނުގެ ނިވަލަށް ވަދެ އެ ހުރިހާ އިހުސާސްތަކެއް، އެމީހުންގެ މޮޅިވެރި ސާހިބު މީހާގެ ވަފާތެރިކަމުގައި ފިލައި ތިބި ކަހަލައެވެ.
އިރުއޮއްސި އަނދިރިވުމުން އިމްރާން ތެދުވެގެން ރަށު ތެރެއަށް ހިނގައިގަތެވެ. އަހަރެން އަނެއްކާވެސް އެކަނިވެރިވީއެވެ.
އެހާ ދުވަސްކޮށްފައި މީހަކާ ބައްދަލުވިއިރު ވެސް އެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވިއެވެ. ނަމަވެސް އިމްރާނުގެ ހޫނާއި ސެންޓުގެ އަސަރު އޭނާ ދިޔައީ މުޅި ހިސާބުގަނޑަށް ދޫކޮށްފައެވެ. އެކަމަކު ރޯކޮށް ހުސްކުރި ސިނގިރޭޓުގެ ދުމާއި ވަސްގަނޑުން މާހައުލު އޮތީ ސެންޓުގެ އެ ހިތްގައިމު ވަސް ވަކިކުރަން ނޭނގޭ ވަރަށް، އެއިން އުފަލެއް ނުލިބޭނޭ މިންވަރަށް ތަޣައްޔަރުކޮށްފައެވެ.
ދުންފަތުގެ ނުބައި އާދައަށް އަޅުދާސްތުވެފައިވިޔަސް އިމްރާނުގެ އޮތީ ސާފު ހިތެކެވެ. އެ ހިތް އޮތް ގޮތް ނުފެނުނަސް އެ ހިތުގައިވީ އިހުސާސް އަހަރެންގެ މި ހިލަ ހިތަށް ވެސް ކުރުވި ކަހަލައެވެ. އެއީ ސާފު ތެދުވެރި ހިތެކެވެ. ނަމަވެސް ގިލަންވެރިކަމުގައި ތަތްތެޅި، އެ ހިތާމަ އާއި ހިތްދަތިކަމުން ނުކުތުމަށް ތޮޅެމުން ދިޔަ ދިރޭ މަސްގަނޑެކެވެ.
އިމްރާނަށް ބޭނުންވަނީ އާ ދުވަހެކެވެ. އައު ފެށުމެކެވެ. އަހަންނަށް ޔަގީންވީ އެކަމެވެ.
އެކަމަކު ބައެއް ހާލަތްތަކުގައި އާ ދުވަހަކާއި އައު ފެށުމަކަށް ވެސް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނޯވެއެވެ. އަމުދަކުން، ހަސްނެތިފައިވާ ހިތަކާއި ހަޔާތަކަށް ގެނެސްދެވޭނީ ވެސް ކޮން އާރޯކަމެއް ހެއްޔެވެ؟
ނަމަވެސް އަހަރެމެން ދެ މީހުން ބައްދަލުވި ދެ ވަނަ ދުވަހަކީ މޫސުން ކުރިއަށް ވުރެ ރަނގަޅު ދުވަހެކެވެ. އުޑުމަތި ސާފު ނަލަ ރީތި ދުވަހެއްގެ އިތުރުން އިމްރާނުގެ އުޖާލާކަން ވެސް ވަކިން ބޮޑު ދުވަހެކެވެ. އަނެއްކޮޅުން އަހަރެންނަށް ވެސް ލިބުނު އުފާވެރިކަން ވަރަށް ބޮޑެވެ. އަލުން އަނެއްކާވެސް އިމްރާނާ ބައްދަލުވީމައެވެ. ވަބާއީ ފުރަބަންދެއްގައި ވެސް އިމްރާން އަހަރެން ފެންނަ ހިސާބަށް އަނެއްކާވެސް އައީތީއެވެ.
މީހަކާ ދެ ވަނަ ފަހަރަށް ބައްދަލުވެގެން އެވަރުގެ ބޮޑު އުފާވެރިކަމެއް ލިބުނު ހަނދާނެއް އަހަރެންގެ ނެތެވެ.
އިމްރާން އައިސް ހަޓުގެ ހިޔަލުގައި، ސަންގުމަރުމަރުގެ އަރާމު ފިނީގައި ޖައްސާލިއެވެ. މިއަދު އޭނާ ހުރީ ޖީންސަކާއި ޓީޝާޓެއް ލައިގެންނެވެ. އެ ޓީޝާޓުގައި އިނގިރޭސި ބަހުން ލިޔެފައިވެއެވެ.
"އަޅި ނުވަތަ ޖަވާހިރަށް ވިޔަސް"
"ހަތުރުން ނުވަތަ މިތުރުން ކަމުގައި ވިޔަސް"
"ނެތި ނިމިދާއިރު އަހަރެމެން އެންމެންވެސް އެއްވަރެވެ."
"ޗިސްވެ، ކުނޑިވެ، އަޅިއަށްވެގެންނެވެ."
ފުރަތަމަ ދުވަހު އޭނާ ހުރީ ގަމީހާއި ފަޓުލޫނުގައި ބެގީކޮށް ބޫޓަށް އަރައިގެންނެވެ. އަތުގައި އޮތީ ކަޅު ކުލައިގެ ޓައީ އެކެވެ. ނުވަތަ އެއީ އޭނާގެ ހިތް ވެސް އޮތް ގޮތެވެ. އޮތް ކުލަ އެވެ.
މިއަދު އޭނާގެ އަތުގައި އެ އޮތީ ހެޔޮވަރުވަރެއްގެ ދަބަހެކެވެ. ހިތެއްގެ ސިފަ ޖެހިފައިވާ ކަޅު ކުލައިގެ ކުޑަކުޑަ ދަބަހެކެވެ. އެކަމަކު އެ ހިތް އުނގަށް ލައި ހުޅުވާލުމުން ފެނުނީ ހީކުރި މަންޒަރެއް ނޫނެވެ. އެ ދަބަސް ތެރެއިން އެތައް ހާސް ކުލައެކެވެ. ކުރަހާ ސާމާނާއި އާލާތެވެ. އެހެންވީމަ މިއަދު، އިމްރާނަކީ އެހެން މީހެކެވެ. އެތައް ބައިވަރު ކުލައެކެވެ.
އިއްޔެ، އޭނާ އަކީ އެކަނިވެރި މުސާފިރެކެވެ. އެންމެ ކުލައެއް ނުވަތަ ކުލައެއް ނެތް ހަޔާތެކެވެ. ނުވަތަ އޮފީހުގެ ބުރަ އާއި ތުރާލާއި ފޫހިކަން ކޮނޑަށް ލައިގެން އައި ޒުވާނެކެވެ. މިއަދު އެ އައީ އޭނާގެ މުޅިން އެހެން ހަޔާތެއްގެ ފުލް ކިޓު ހިފައިގެންނެވެ.
މިއަދު އޭނާ އެ އައީ ކުރެހުންތެރިއެއްގެ ކުލަތައް ހިފައިގެންނެވެ. އަހަރެންނަށް ފޮނިދައްކަން ކަމުގައި ވަނީ ނަމަ ތިޔަ ތަސްވީރެއް ނުކުރެހިޔަސް މަށަށް މިހާރު ވެސް ފުދިއްޖެއެވެ.
އެކަމަކު އިމްރާންގެ އެއްވެސް ޝައުގުވެރިކަމެއް ނުވަތަ ސަމާލުކަމެއް ވެސް އަހަންނަކަށް ނެތެވެ. ކުރަހާ ސާމާނުތަކާއި އާލާތްތައް ނަގައި ދަބަސް އަހަންނަށް ދީފައި ފެންކުލައިން އޭނާ ކުރަހަން ފެށީ ދުވަހުގެ ހިތްގައިމު މަންޒަރެވެ. އެ މަންޒަރުގެ ޖާދޫ އިމްރާންގެ ކެންވަސް އަށް މަޑުމަޑުން ފޭދެމުން ކުލަވަމުން ދިޔައިރު ހީވަނީ އަލީ ރަމީޒުގެ "ފިނިފެންމަލެކޭ" ލަވައިގެ ބޮޑުބެރާއި ބީޓަށް ބޯވަޅު އެޅި ރަތް ލިބާހެއްގައި އަންހެން ކުއްޖަކު ފަރިވެ ފޮޅެމުން، ބަނޑިއެއްލަމުން ދިޔަހެންނެވެ.
އިމްރާންގެ ހުނަރަށް ގެއްލި ހުއްޓައި އަހަރެން ހޭލައްވާލީ ފޯނުން ޖަހަމުން ދިޔަ އަލީ ރަމީޒުގެ އެ ލަވަ ނިމި އެހެން ލަވައެއް ފެށުނު ހިސާބުންނެވެ. ދެން ވެސް އަލީ ރަމީޒުގެ ލަވައެކެވެ. އެކަމަކު "ފިނިފެންމަލަކަށް" ވުރެން ކުލަ މަޑު، މަޑު މޮޅި އަދި މޮޅިވެރި އަސަރުން ފޯވެފައިވީ ލަވައެކެވެ.
"ނުދާށޭ އެކަނިވެރިކޮށްފާ"
"ހަނދުން ހަނދުވަރު ފިލާ ދިޔަޔަސް"
"މަލުން ކުލަޔާ ވަހާ ނެތުނަސް"
"ދެތަން ވެ ނުދާނަމޭ ބުނެފާ"
"ހުވާ ވައުދާ އުވާލީހޭ"
އެ ލަވަ، އިމްރާންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސް އޭނާ ޝިކާރަކޮށް ވައްޓާލިއެވެ. ކޮޕީ ރާގަކަށް ކިޔާފައިވާ ދިވެހި ލަވައެއް އަޑުއިވިގެން މީހަކަށް އެވަރުގެ އަސަރެއްކުރި މަންޒަރު މި ފެނުނީ އަލަށެވެ. ނަމަވެސް އިމްރާނުގެ ހިތް އޮތްގޮތާއި އެ ހިތަށް ވެރިވެފައިވާ އެކަނިވެރިކަމުގެ އަސްލު އަހަންނަށް ވެސް އެހިސާބުން އެނގުނީއެވެ. ކަށަވަރުވީއެވެ. އެ ލަވަޔާއި ޕްލޭލިސްޓް އިމްރާން ބޭޒާރުކޮށްލީއެވެ.
ކިޔާ ފޮތާއި، ބަލާ ފިލްމަކުން މީހެއްގެ ހިތް އޮތް ގޮތް ނޭނގުނަސް، އެމީހެއްގެ ޕާސަނަލް ޕްލޭލިސްޓްގައި ހިމެނޭ ލަވަތަކާއި ކޮންމެ ދުވަހަކު އަޑުއަހާ މިއުޒިކުން ހަޔާތެއްގެ ވަރަށް ބައިވަރު ވާހަކަ ކިޔައިދެއެވެ. އަލީ ރަމީޒުގެ މި ކްލެސިކް ލަވައިގައި ކިޔައިދެނީ އެންމެ ލޯބިން އެކުގައިވި މީހަކު ވަކިވެދިއުމުގެ އުދާހާއި ހިތާމައެވެ. އެ ލަވައިގެ ވީޑިއޯގައި ފެންނަނީ މަރު އައިސް އެ ބައިވެރިޔާ ޖަހައިގެން ގެންދިއުމުން ވެރިވާ އެކަނިވެރިކަމާއި ގެނބިގެންދާ ފުން ގިލަންވެރިކަމެވެ.
އިމްރާންގެ ހަޔާތާ މި ލަވައާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އިމްރާނާ އެކު ލޯބިން އުޅުނު ބައިވެރިޔަކު ވަކިވެ ދިޔައީ ހެއްޔެވެ؟ ދެ މީހުންގެ ދެމެދަށް މަރު ވަދެ ކުޓުވީ ހެއްޔެވެ؟ ޓަކިދިނީ ހެއްޔެވެ؟ ތެދުވެރި ހިތަކަށް މީހަކު ބޭވަފާތެރިވީ ހެއްޔެވެ؟
އަހަންނަކަށް ނޭނގެއެވެ.
ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކުން މީހެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ކަމަށް ބުންޏަސް އޭގެ ކޮންމެ ލަވައެއް، ވަކި ވަކި މީހަކަށް ހާއްސަވަނީ، ވަކި ވަކި ސަބަބުތަކާ ވެސް ހެދި އެވެ. ހަމަ މިގޮތަށް އެމީހެއްގެ ލިޔުމާއި ކުރެހުންތައް ވެސް މާނަކުރެވިދާނެއެވެ. ކޮންމެ ކުލަ އަކާއި އަކުރަކާއި ފިއްޔެއްގައި ވެސް މާނަ ތަފާތެވެ. ނަމަވެސް އިމްރާންގެ ލިޔުންތަކާއި ކުރެހުމާއި ޕްލޭލިސްޓުގައިވީ މާނަ އަބަދުވެސް ފެންނަން އޮތީ ވަރަށް ވެސް ފުސްކޮށެވެ. ފަނޑުކޮށެވެ.
އޭނާ ލިޔުނީ ހިތާމައިގެ ޅެންބަހުރުވައެވެ. އަޑުއަހަނީ އަލީ ރަމީޒުގެ އެންމެ އުފާވެރި ލަވަ އާއި އެންމެ ހިތާމަވެރި ލަވައެވެ. ކުރަހަނީ ދުވަހުގެ އެންމެ ހިތްގައިމު، އެންމެ އަލިގަދަ މަންޒަރެވެ. އޭގައި އެތައް ހާސް ކުލައެކެވެ. ދެ ލޯ ކަނުކޮށްލާހާ ބާރެވެ. ނުވަތަ އެހެން ދުނިޔެ އަކަށް ގެންދިއުމުގެ އާދަޔާހިލާފު ބާރެވެ.
އަހަރެން އޭނާއާ ވާހަކަ ދައްކަން މަސައްކަތްކުރީމެވެ. އެކަމަކު ލޯބީގައި ހިތް ހަލާކުވެ ހަސްނެތިފައިވާ މީހަކު ހިފަހައްޓާނެ ގޮތެއް އަމުދަކުން އަހަންނަށް ވަކި އެނގޭނެ ހެއްޔެވެ؟ ނުވަތަ މީހެއްގެ ކުލަޔާއި އުޅުމާއި ފެންނަ ފެނުމަށް ބަރޯސާވެ އެހާ އަވަހަށް، އެހާ ފަސޭހައިން ގޮތް ނިންމާ މީހަކަށް ފޯރުކޮށްދެވޭނީ ވެސް ކޮން އިންސާފެއް ހެއްޔެވެ؟ ކޮން ނަސޭހަތެއް ހެއްޔެވެ؟ ކޮންކަހަލަ އޯގާވެރިކަމެއް ހެއްޔެވެ؟
ކުރެހި މަންޒަރު ފުރިހަމަނުކޮށް، އެ ހުރިހާ އެއްޗެއްސާއި އާލާތެއް "ހިތަށް" ލައިގެން އިމްރާން މިފަހަރު ވެސް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަންނާ ބެހޭ، ޖެހޭ ކަމަކަށް ނުވިޔަސް ހީވީ އަހަރެން ދެކެ ހިތްހަމަނުޖެހި ރުޅިއަރައިގަނެގެން، ނެއްޓިގެން، ފެއްސިގެން ދިޔަ ހެންނެވެ.
ނަމަވެސް އޭނާ ދިޔައީ ކުރެހި މަންޒަރު ދޫކޮށްލައިފައެވެ. ނުވަތަ އެ މަންޒަރު އަހަރެންގެ އެކަނިވެރި ހަޔާތަށް ހަދިޔާކޮށްފައެވެ. އަހަރެންގެ އަނދިރި ހަޔާތަށް އެ މަންޒަރުގައިވީ ކުލަތައް ފޭދި، އެ ކުލައިން ދިއްލި، އާރޯކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު ހިތަކީ އަބަދުވެސް މޮޔަ އެއްޗެއްކެވެ. އަދި އަމުދުން، ވަރަށް އެދުންބޮޑު އެއްޗެކެވެ. ދުވަހަކު ނުވެސް ފުރޭ އެއްޗެކެވެ.
ދުނިޔޭގައިވީހާ އުފަލެއް އެކަކަށް ވެސް ނުލިބޭނެ ކަމީ ދުނިޔަވީ އެންމެ ބޮޑު ހަގީގަތެވެ. އެހެން ނޫން ނަމަ މިކަހަލަ ވާހަކަ ކިޔައިދޭން ތިބޭނީ ވެސް ކޮން ބައެއް ހެއްޔެވެ؟
އިމްރާން ދޫކޮށްލާފައި ދިޔަ 'ރަތްދަކަ އަވީ' ގެ ކުރެހުން ދިއްލިފައި ހުރީ އަހަރެންގެ ކުރިމަތީގައެވެ. ފުރިހަމަނުވިޔަސް އޭގައި ވަނީ ފުރިހަމަކަމެވެ. އެކަމަކު އެ ހިތްގައިމު ކަމުގައި އަތްލާން ކިތަންމެ ބޭނުންވިޔަސް އަހަންނަކަށް އެ އިހުތިޔާރެއް ނެތެވެ.
އެ މަންޒަރަށް ގެއްލެމުން ދަނިކޮށް ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. ވަޔާ އެކު ހިމަފޮދުވާރޭ އައިސް ފެންކުލައިގެ ކުރެހުމަށް ކަނިން ހަމަލާ ދޭން ފަށައިފިއެވެ. ލޯ ކުރިމަތީގައި އެ މަންޒަރު ފޭދި، ވާރެއާ ތަތްތެޅި ވަޔާއެކުގައި ޖަހައިގަނެގެން ގެންދިޔައިރު ވެސް އަހަންނަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތެވެ.
ބީޗު ހަޓު ކުޑައިގެ ދަށުގައި އިނދެ އަހަރެން ވެސް ތެމިފޯވީ އެވެ. އެ ކެރިގަނޑުގެ ގަދަ ވަޔާއި ފިނީގައި އަހަރެންގެ ހިޔާލާއި ޖިސްމު ހަމަޔަކަށް އަޅުވަމުން ގެންދިޔައީ އިމްރާނުގެ ހޫނާއި ހިޔާލާއި ފިކުރެވެ. އިންސާނެއްގެ އިހުސާސާއި އުނދަގޫ އެގޮތަށް، އެވަރަށް އަހަރެންގެ މި ހިލަހިތަށް ކޮށްފާނެ ކަމަކަށް ދުވަހަކުވެސް ވިސްނިފައެއް ނެތެވެ.
ނަމަވެސް އިމްރާނުގެ ހަ ފޫޓު ދިގު އިސްކޮޅާއި ބޮލުގައި އޮތް ރާޅު އިސްތަށިގަނޑާއި ހަމުގައިވީ ގަދަ މުށިކުލައިގެ އަސަރު ސަންގުމަރުމަރު ހިލަ ތޮރުފައި އޭގެ އެންމެ އެތެރެއަށް ވަދެގެންދިޔައީއެވެ. އޭނާގެ ކަރުގައި އޮތް ރިހި ފަށާއި އެ ފަށުގައިވީ ތަރި ފުލުގެ ވިދުވަރާއި ބެބުޅުމާއި ދަޅައިން އަހަރެން ކަނުވެ، އަހަރެންގެ ނަފުސު އެކުގައި ގޮސް ގެއްލުނީ އެވެ. އޭނާގެ ޓީޝާޓުގައި ލިޔެފައިވީ ޅެންބަހުރުވަ އާއި އޭނާގެ ޖޭބީއެލް ފްލިޕުން ޖަހަމުންދިޔަ އަލީ ރަމީޒުގެ ލަވައިގެ އަސަރުގައި ޖެހި މޮޔަކޮށްލީއެވެ. އޭނާ ލިޔުނު ޅެމާއި ކުރެހި މަންޒަރުގެ ފުން މާނަ އަށް ގޮސް ގެއްލުނީއެވެ. އޭނާ ގެނައި ކޮފީ އާއި ރޯކުރި ސިނގިރޭޓުން އެއްވަސްކުރުވި މާހައުލަށް އެންމެފަހުން އަޅުވެތިވެ އިމްރާނަށް ހިތް ހިބައިން ދެވުނީއެވެ.
އެކަމަކު ހިލަ ހިތަކަށް މި ޖެހުނީ ކޮން ފަދަ ހާލެއް ހެއްޔެވެ؟ އަނެއްކޮޅުން ބަލިކަށިވެފައިވާ އިންސާނެއްގެ ކިބައިން އެވަރުގެ ފައިދާތަކެއް ލިބިގަތުމަށް އަހަރެންގެ ހިތުގައި އެވަރުގެ އެދުންވެރިކަމެއް އުފެދުމަކީ ހާދަހާވާ ވިޔާނުދާ އަދި ހަރާންކޯރު ހުތުރު އަމަލެކެވެ.
އެކަމަކު، ލޯތްބަކީ ވެސް ފާޑެއްގެ އެއްޗެކެވެ. އިމްރާންގެ ހިތް ވެސް ހަލާކުކޮށް ފޫއަޅުވާލީ ލޯތްބެވެ. ހިނިތުންވި އުޖާލާ މޫނަކާ އެކު އޭނާ އަހަރެންނާ ކޮންމެ ދުވަހަކު ބައްދަލުކުރިޔަސް އެ ހިތް އޮތީ މީހަކު ދިން ލޯބީގެ ހަމަލާއެއްގައި ޒަޚަމްވެ މަރު ބައްޔަށް ވެއްޓިފައެވެ.
އެންމެފަހުން އެ ފަހު ނޭވާއާ އަރައި ހަމަކުރުމަށް އެންމެ ހާއްސަ މަންޒިލަކަށް މި ވިލިގިލީގެ ބީޗާއި މި ކުޑަކުޑަ ހަޓާއި ކުޑައިގެ ހިޔަލަށް އިމްރާން ކޮންމެ ދުވަހަކު ކާފިއުގެ އަމުރުތަކަށް ކިޔަމަންނުވެ އަންނަ ސަބަބު ވެސް ވަރަށް ސާފެވެ. އޭނާގެ ހިތް ހަލާކުކޮށްލި ލޯބީގެ ވާހަކަ ފެށުނީ ވެސް މި ބީޗު ހަޓު ކުޑައިގެ ދަށުގައެވެ. އެ ދުވަހު ވެސް ހެކިވެރިޔަކަށް ހުރީ އަހަންނެވެ. އިރާއި ހަނދާއި ތަރިތަކަށް ވުރެ ގާތުން އެ މަންޒަރު ފެނުނީ އަހަންނަށެވެ. އެ ދެ މީހުންގެ ހިތާއި ލޮލާއި ބޮލުގައި ކުރަހައި ކުލަޖެއްސި ހުވަފެންތައް އެންމެ ގާތުން ބެލީ އަހަންނެވެ.
އެކަމަކު ލޯބީގެ ކޮންމެ ވާހަކަ އަކީ ނުވަތަ ލޯބި ކޮންމެ ވާހަކަ އަކީ އެޔަށް އުފާވެރި ނިމުމެއް ކަށަވަރުވާ ޖަޒުބާތީ ފަލްސަފާއެއް ނޫނެވެ. އިމްރާން އައިސް ލިޔުނު ޅެން ބައިތުތަކުގައި ކިޔައިދިން ގޮތަށެވެ. އެ ޅެން ބައިތުތަކުގައި ޢަޖުޒާއި ޞަދުރާއި ކާފިޔާ ހަމަނުވިޔަސް، އެއީ ހިތް އޮތް ގޮތެވެ. ކަން އޮތް ގޮތެވެ. ލޯބީގެ، ހަގީގަތެވެ.
"ތަރަހަ ކިތަންމެ ވަރުގަދަކުރިޔަސް"
"ލޯތްބެއް ނުހިފެހެއްޓޭނެއެވެ"
"އަރަގުވެ ނިމިދާ ކަނޑެއްހާ ފުން"
"ފެށުމެއް ނިމުނެއް ނެތް ޖަޒުބާތަކަށްވީމައެވެ"
އިމްރާންގެ ޅެން ފޮތުގެ ގަނޑުތައް ވަޔާއެކުގައި ހެލެމުން ތެޅެމުން މުރުމުރުލައްވަމުންދިޔައިރު އޭނާގެ ނަޒަރު ގޮސް ހުއްޓިފައި ހުރީ އުދަރެހުގެ ހުސްކަމަށެވެ. މިއަދު އޭނާ އެހެރީ އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ބޮޑު ފިކުރެއްގައެވެ.
ލޯތްބަކީ އުފާވެރި އިހުސާސެކެވެ. އެކަމަކު މީހަކަށް އެންމެ ބޮޑު އަނިޔާއެއް ދޭ އިހުސާސަކީ ވެސް ލޯތްބެވެ. ކޮން ކަހަލަ ދެފުށްކެހެރި އިހުސާސެއް ހެއްޔެވެ؟
އިމްރާނާއި މަޒީނާގެ ފުރަތަމަ އަރާރުން އިއްޔެ ހިނގި ތަޅާފޮޅުމެއްގެ ގޮތުގައި އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ސިކުނޑި އަށް އެބަ ސިފަކުރެވެއެވެ. އާނއެކެވެ. މިހުރިހާ ހަލާކަކާއި ތުރާލަކާއި ބަލާއެއްގެ އަސްލަކީ އެ ވިހަ މުޑުދާރު މަޒީނާއެވެ.
އިމްރާން އޭނާ ގޮވައިގެން އައި ފުރަތަމަ ދުވަހު ވެސް އަހަރެންގެ ހިތަށް އެރީ މިހެންނެވެ. މަޒީނާ އިމްރާންގެ ޒަމާން ދުއްވާލާނެއެވެ. އެކަމަކު ލޯތްބަކީ ފާޑެއްގެ އެއްޗެއް ނޫން ހެއްޔެވެ؟ ލޯބީގައި ކަނުވުމަކީ އަސްލަށް ވެސް ހަގީގަތެކެވެ. މަޒީނާގެ އަސްލު އަހަންނަށް ފެނުނަސް އިމްރާނަކަށް ނުފެނުނެވެ. އިމްރާނު އެ ލޯބީގައި ކަނުވީމައެވެ.
އަނެއްގޮތަކީ އިމްރާނާއި މަޒީނާގެ ލޯތްބަށް އަހަރެންގެ ހިތުގައި ހަސަދަ އުފެއްދީއެވެ. މި ވާހަކައިގައި އަސްލު ކަން ހިނގައި ދިޔަ ގޮތް އޮޅޭ ގޮތަށް ނުވަތަ ކަންތައް މާ ބޮޑުކޮށްލައިގެން، މަޒީނާ ވެސް މާ ބޮޑަށް ގޯސްކޮށްލައިގެން އަދި ކުއްލިއަކަށް އޭނާގެ ވާހަކަ މިގޮތަށް އަހަރެން ކިޔައިދިނުމުގެ ފަހަތުގައި އޮތީ ހަމަ އެންމެ ސަބަބެވެ. މަޒީނާގެ ނަސީބާއި އުފަލަށް އަހަރެން ހަސަދަވެރިވީއެވެ. މި ވާހަކަ އަށް މަޒީނާ ގެންނަން އަހަރެން އަސްލު ބޭނުމެއް ވެސް ނުވެ އެވެ. އޭނާއާ ނުލައި އިމްރާނާއި އަހަރެންގެ އެކަނި ވާހަކައަކަށް މި ވާހަކަ ހަދަން އަހަރެން ބޭނުންވެފައި ހުރިވަރު ބޮޑުކަމުންނެވެ.
އެއީ ވެސް ވެދާނެ ގޮތެކެވެ. ވުން އެންމެ ގާތް ވެސް ގޮތެވެ. އެކަމަކު މިއަދު އިމްރާނަށް ޖެހިފައިވާ ހާލު އަހަރެންގެ އެ ހުރިހާ ލަފާކުރުމަކަށް އެބަ ހެކިވެއެވެ. ނަމަވެސް ސަންގުމަރުމަރު ހިލަ ހިތަކަށް ލޯތްބާއި އިންސާނެއްގެ ޖަޒުބާތު މިގޮތަށް ލަފާކުރަން އެނގޭނީ ވެސް ކިހިނެތް ހެއްޔެވެ؟
ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެހެންވީމަ ކަމަށް ވެދާނެއެވެ.
އިމްރާން މިއަދު އައީ އޭނާގެ ފުލް ކިޓުގައެވެ. ޅެން ފޮތާއި ހަޔާތުގެ ޑައިރީ އާއި ކުރެހި މަންޒަރުތަކާއި އޭނާގެ ހަޔާތުގެ ހުރިހާ ކުލައެއް ފޮރުވައިގެން ގެންގުޅޭ 'ހިތް' ވެސް ހިފައިގެންނެވެ.
އެ ހިތް ހުޅުވައި އަހަރެންގެ އަތަށް ދިނުމަށް ފަހު ކެންވަސް ސެޓުކޮށް އިމްރާން ކުރަހަން ތައްޔާރުވެއްޖެއެވެ. ހިފައިގެން ގެނައި ކޮފީ ތަށިން ފޮދުވަރެއް ބޯލުމަށް ފަހު އެ ވެސް އަހަރެންގެ އަތަށް ދީފައި ސިނގިރޭޓެއް ރޯކޮށް ދުންގަނޑެއް އަރުވާލިއެވެ. އެ ދުމުގެ އަސަރަށް ކޮށިއަރައިގެންދާވަރުވިޔަސް މިއަދަކީ އަނެއްކާވެސް ރީތި ދުވަހެކެވެ.
ކަނޑާއި އުޑުގައި ނޫކުލަ ގަދަ ދުވަހެކެވެ. ރާޅާއި ފޮންޏާއި ހުދު ކަފަ ވިލާ އާއި ދޮން ވެއްޔެވެ. ވަޔާއި އައްވާއި ކޮވެއްޔާއި ވައްލައިގެ ހިތްގައިމު އަޑާއި އިހުސާސެވެ.
ގުދުރަތުގެ މި ސުވަރުގޭގައި ދެން އޭނާ ކުރަހަން ފެށީ އަހަންނެވެ. އެވަރުގެ ބޮޑު އުފާވެރިކަމެއް އަހަންނަށް މީގެ ކުރިން ނުލިބޭފަދަ އެވެ. އަހަރެން އަބަދުވެސް އެންމެ ބަލަން ބޭނުންވި މަންޒަރު އެންމެފަހުން ލޯކުރިމަތީގައި ފުރިހަމަވެގެން އަންނަ މަންޒަރު ބަލައިލުމުގެ ނަސީބު ލިބުނީމައެވެ.
ނަމަވެސް އެ ކުރެހުން ފުރިހަމަވަމުން ދިޔަ ވަރަކަށް ފާޅުވަމުން ދިޔަ އުޖާލާ މޫނަކީ އަހަރެންގެ މޫނެއް ނޫނެވެ. ފާޅުވަމުން ފުރިހަމަވަމުން ކުލަ އަރަމުން ދިއްލެމުން ދިޔައީ އެއްކަލަ މަޒީނާގެ މޫނެވެ. އެކަމަކު އަހަރެންނާއި މަޒީނާ އެއް ތަސްވީރެއްގައި އެގޮތަށް ފްރޭމުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި މަޒީނާ އަށް ވުރެ ދަށު ދަރަޖައެއް އިމްރާންގެ ހިތާއި ފިއްސާއި ކުލަ އާއި މި ތަސްވީރުގައި އަހަންނަށް ދޭން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟
މަޒީނާ އެ އިނީ އަހަރެންގެ ބުރަކަށިމަތީގައި އިށީނދެލައިގެންނެވެ. މިއީ އަޅެ ފަހެ ދެން ކޮން ސަކަރާތެއް ހެއްޔެވެ؟ ކޮން ފަދަ ބޮޑު ފުރައްސާރައެއް ހެއްޔެވެ؟ ރޯދަ މަހެއް ނޫން ނަމަ ރޯ އަވަގުރާނައިން މި ވާހަކައެއްގެ ބާކީބައި ލިޔާ ވަރުގެ ކަމެކެވެ.
އަޅެ ފަހެ ކީއްވެ ހެއްޔެވެ؟ ނުވަތަ އަނެއްކާ މަށަށް މަގޭ ފެންވަރު އޮޅުނީ ހެއްޔެވެ؟
އިމްރާންގެ ކުރެހުން ފުރިހަމަކޮށް އޭނާ އަނެއްކާވެސް ސިނގިރޭޓެއް ރޯކޮށްލިއެވެ. ފިނިވެފައި ހުރި ކޮފީތަށިން ފޮދުވަރެއް ބޯލިއެވެ. އޭގައިވީ ހިތްޗާއި ދުންފަތުގައިވީ ދިލައިގެ އެއްވެސް އަސަރެއް އޭނާ އަށް ނުކުރާ ކަހަލައެވެ. އިމްރާންގެ ހުރިހާ ސަމާލުކަމެއް ގޮސް ހުއްޓިފައި ހުރީ ކުރަހައި ނިންމި މަޒީނާގެ ތަސްވީރަށެވެ. ނުވަތަ އަހަރެންނަށް އޭނާ ކުރި މި މަލާމާތަށެވެ.
ސިނގިރޭޓު ބޮއެ ހުސްކޮށްލުމަށް ފަހު އިމްރާން ތެދުވެ ހިނގައިގަތެވެ. އޭނާ ގޮސް އެރުނީ ވިލުނޫކުލައިގެ މޫދަށެވެ.
އޭނާގެ ހަޔާތުގައިވީ ހުރިހާ އެއްޗެއް އަހަރެންގެ އަތަށް ދީފައެވެ. ބީޗު ހަޓު ކުޑައިގެ ހިޔަލުގައި އަހަރެން އެ 'ހަޔާތް' އުނގަށް ލައިގެން، ވިލުނޫކުލައަށް ގެއްލެމުން ދިޔަ އޭނާގެ ޖިސްމަށް ގެއްލި އިންދައި އަހަރެންގެ ސަމާލުކަން ކުއްލިއަކަށް ޖަހައިގަތީ ގަދަ ވައިރޯޅިއަކާ އެކު ހުޅުވާލި އިމްރާންގެ ހަޔާތުގެ ޑައިރީއެވެ. އެއީ އޭނާގެ ހަޔާތުން އަހަންނަށް މިހާތަނަށް ނުފެނިވީ ހުރިހާ މަންޒަރެކެވެ. ނުވަތަ މަޒީނާ އާއި އިމްރާންގެ ހަޔާތުން އަހަންނަށް ނޭނގޭ ހުރިހާ ވާހަކައެކެވެ.
އެކަމަކު އަހަރެން އެ ޑައިރީ ކިޔަންވީ ހެއްޔެވެ؟ އިމްރާނުގެ ހިތުގައި މަޒީނާ އަށް އޮތް ލޯބީގެ ވާހަކަ ކިޔަންވީ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އަބަދުވެސް މަޒީނާ ސިފަކުރި ގޮތް އެހެން ގޮތަކަށް ބަދަލުކުރަންވީ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އޭނާ އަށް ހަމްދަރުދާއި ކުލުނު އުފަންކުރުވަންވީ ހެއްޔެވެ؟
ކީއްކުރަން ހެއްޔެވެ؟
އަނެއްކޮޅުން މީހެއްގެ ހުއްދަ ނުހޯދައި މީހެއްގެ ޒާތީ ދިރިއުޅުމަށް ބޯކޮށްޕަންވީ ވެސް ކީއްކުރަން ހެއްޔެވެ؟ ހިއްސާކުރަން ބޭނުން ނުވި ހަޔާތެއް ހާވައި ހާވިޔާކޮށްލަންވީ ކީއްކުރަން ހެއްޔެވެ؟
އެނބުރިގަތް ރޯޅިއަކާ އެކު ޑައިރީގެ ގަނޑުތައް އަނެއްކާވެސް ހެލިގަތެވެ. އަހަރެން އެ ސަފުހާތަކަށް ބަލަން ކިތަންމެ ބޭނުންނުވިޔަސް، އިމްރާންގެ އެ ހަޔާތަށް ވަންނަން ކިތަންމެ ބޭނުންނުވިޔަސް ގުދުރަތުގެ ބާރުތައް އެހެން ގޮތެއް ބޭނުންވާ ކަހަލައެވެ. މި ވާހަކަ އެހެން ގޮތަކަށް ނިންމަން ބޭނުންވާ ކަހަލައެވެ.
ރޯޅިތަކާ އެކު ހެލިގަތް ގަނޑުތަކުގެ ތެރެއިން ފޮޓޯގަނޑެއް ފުންމައިގެން އައިސް އަހަރެންގެ އުނގަށް ވެއްޓިގަތެވެ.
އެއީ މަޒީނާގެ ތަސްވީރެކެވެ. އެކަމަކު އަހަރެން ކީއްކުރާ 'މަޒީނާއެއް' ހެއްޔެވެ؟ އަމުދުން ބަލި އެނދެއްގައި ކަސްތޮޅު ޖެހި މަރަށް ތޮޅެމުންދިޔަ ބަލި ނަފުސެއްގެ ނުތަނަވަސްކަން މިވަގުތަށް އަހަންނަށް މުހިންމެއް ވެސް ނޫނެވެ.
މި ވާހަކަ ނިންމާނީ އަހަރެން ބޭނުންވާ ގޮތަށެވެ. އެކަމަކު އިމްރާން މިހާރު ކޮބައި ހެއްޔެވެ؟ އަހަންނަށް މުހިންމީ އިމްރާނެވެ.
ފޮޓޯގަނޑަށް ސަމާލުކަމެއް ނުދީ އަހަރެންނަށް ބަލައި ހޯދާ ލެވުނީ މޫދަށް އެރިގެން ދިޔަ އިމްރާނު ފެނޭތޯއެވެ.
އެކަމަކު ހަޔާތުގެ މި ހުރިހާ ސަފުހާތަކާއި ކުލަތަކެއް އޭނާ އަހަރެންގެ އަތަށް ދީފައި ދިޔަ ސަބަބަކީ ކޮބައި ހެއްޔެވެ؟
ފަހަރެއްގައި މިއީ، އޭނާ ފަހަތުން ނުދިއުމަށް އެދި ދިން އިޝާރާތެކެވެ. މަޑު ނޫކުލައިގެ ވިލާއި ފަޅާއި ފުއްޓަރު ފަހަނަޅައި ގޮސް ކަނޑަށް އެރި މަރުވަން ދިޔަޔަސް އޭނާ ސަލާމަތްކުރަން ނުދިއުމަށް ދިން ރިޝްވަތެކެވެ.
އެކަމަކު މި ރިޝްވަތު އަހަރެން ބޭނުމެއް ނޫނެވެ. އިމްރާން ކޮބައި ހެއްޔެވެ؟
އަހަރެންގެ ހަތަރެސްފައި ވެލިގަނޑު ތެރެއަށް ވަދެ ހަރުވެ، ގަނޑުވެއްޖެއެވެ. އިމްރާން ސަލާމަތްކުރަން ދާން އަހަރެން ކިތަންމެ ބޭނުންވިޔަސް އެ ބާރެއް އަހަރެންގެ ކިބައިގައި ނެތެވެ. އަނެއްކާވެސް އޭނާ އަހަރެން ދޫކޮށްލާފައި އެ ދިޔައީ އެވެ.
އިމްރާން ދޫކޮށްލާފައި ދިޔަ ސަފުހާތައް، ހިތާއި ދެކޮޅަށް އަހަރެން އެންމެ ފަހުން ހުޅުވާލީމެވެ. އަހަރެން ކިޔައި ނުދޭން އުޅުނު ލޯބީގެ ވާހަކަ އެންމެ ފަހުން ކިޔަން މަޖުބޫރުވީ އެވެ.
އެކަމަކު ލޯބި ކޮންމެ ވާހަކަ އަކީ ނުވަތަ ލޯބީގެ ކޮންމެ ވާހަކަ އަކީ އެޔަށް އުފާވެރި ނިމުމެއް ކަށަވަރުވާ ޖަޒުބާތީ ފަލްސަފާއެއް ނޫނެވެ. ހަޔާތުގެ އެ އުފަލާއި އަރާމު ބަރޯސާވަނީ އެ މީހެއްގެ މާނަ ކުރުމާއި ކިޔައިދިނުގެ ގާބިލިއްޔަތަށެވެ.
މިސާލަކަށް މި ވާހަކައެވެ.
މި ވާހަކަ ފެށުނީއްސުރެ، އެންމެ އުފާވެރި، އެންމެ އަރާމު، އެންމެ ފިނި ހިޔަލުގައި އިނީ އަހަންނެވެ. އެކަމަކު އެންމެ ބޮޑު އެކަނިވެރިޔަކީ ވެސް އަހަންނެވެ. ލޯބި ހާސިލުނުވީ ވެސް އަހަންނަށެވެ. އުފަލުގައި ނޫޅެވުނީ ވެސް އަހަންނަށެވެ.
އައީވެސް އެކަންޏެވެ. އިނީ ވެސް އެކަންޏެވެ.
އެކަމަކު އަހަރެންގެ މި ހާލާތު ދެނަހުރީ ކާކު ހެއްޔެވެ؟ އަހަރެން މިއީ ކާކުކަން، ދެނަހުރީ ކާކު ހެއްޔެވެ؟
އެހެންވީމަ ބުނެބަލާށެވެ.
މީހަކު އެކަނިވެރިވެ، ހިތްދަތިވެފައިވާކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ އަޖަލު ނުޖެހެނީސް އަޖަލު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟