ނުހައްގުން ޖަލުގައި 31 އަހަރު، ބަދަލަކަށް ލިބުނީ 75 ޑޮލަރު
ނުހައްގުން ޖަލުގައި 31 އަހަރު، ބަދަލަކަށް ލިބުނީ 75 ޑޮލަރު

ވޮޝިންޓަން (ޑިސެމްބަރު 22) - ނުކުރާ ކުށަކަށް ޖަލުގައި 31 އަހަރު ހޭދަކުރި އެމެރިކާގެ ޓެނެއްސީގެ މީހަކު ބަދަލަކަށް އެއް މިލިއަން ޑޮލަރު ހޯދަން ހުށަހެޅި ނަމަވެސް އޭނާ އަށް އަދި މިހާތަނަށް ލިބުނީ އެންމެ 75 ޑޮލަރެވެ.

އޮކްޓޯބަރު، 1977 ގައި، ދެ މީހަކުވެގެން، އަންހެނަކު ރޭޕްކުރި މައްސަލާގައި ލޯރެންސް މެކްކިނޭ ބައިވެރިވި ކަމަށް ބަލާ އޭނާގެ މައްޗަށް 1978 ވަނަ އަހަރު ވަނީ 115 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭރު އޭނާގެ އުމުރުން 22 އަހަރެވެ. އެކަމަކު އަންހެން މީހާ ފަހުން ބުނީ އޭނާ ރޭޕްކުރި އެކަކީ އަވައްޓެރިއެއް ކަމަށެވެ.

ލޯރެންސްގެ މައްސަލަ ފަހުން ބެލުމަށް ފަހު، ޑީއެންއޭ ޓެސްޓުން ވަނީ އޭނާ ކުށް ނުކުރާކަން 2008 ވަނަ އަހަރު ސާބިތުވެފަ އެވެ. އަދި 2009 ވަނަ އަހަރު އޭނާ މިނިވަންކުރި އިރު ޓެނެއްސީ ކަރެކްޝަންސް ޑިޕާޓްމަންޓުން ބަދަލަކަށް އޭނާ އަށް ދީފައި ވަނީ 75 ޑޮލަރުގެ ޗެކެކެވެ.

ލޯރެންސް ބުނީ ޖަލުން ނެރުނު އިރު އޭނާގެ އައިޑީ ކާޑެއް ވެސް ނެތް ކަމަށާއި ކާޑު ހައްދައިގެން އެ ޗެކަށް ފައިސާ ނެގޭވަރުވީ ތިން މަސް ފަހުން ކަމަށެވެ.

އުމުރުން މިހާރު 61 އަހަރުގެ ލޯރެންސް ވަނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ލިޔުން ދިނުމަށް ޓެނެއްސީގެ ގަވަރުނަރަށް ހުށަހަޅައިފަ އެވެ. އެކަމަކު ޓެނެއްސީގެ ޕެރޯލް ބޯޑުން ސެޕްޓެމްބަރު މަހު ވަނީ ލޯރެންސްގެ ހުށަހެޅުމާ ދެކޮޅު ހަދައިފަ އެވެ. ޕެރޯލް ބޯޑުން ބުނެފައި ވަނީ އަންހެން މީހާ ރޭޕްނުކުރާ ކަމަށް ލޯރެންސްގެ މައްޗަށް ސާބިތުވި ނަމަވެސް އެ ގޭން ވައްކަން ނުކުރާކަން ލޯރެންސްގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށެވެ. ލޯރެންސްގެ ކުށެއް ނެތްކަން ރަސްމީކޮށް ސާބިތުވެ ޕެރޯލް ބޯޑުން ލިޔުން ދީފި ނަމަ ބަދަލެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ހޯދަން ސްޓޭޓުގެ ކްލެއިމްސް ބޯޑަށް ލޯރެންސަށް ހުށަހެޅޭނެ އެވެ.