ލަންކާގައި ރޭ އުޅުނީ "އަރަބް ސްޕްރިންގެއް" ގެންނަން: ސަރުކާރު
ލަންކާގައި ރޭ އުޅުނީ "އަރަބް ސްޕްރިންގެއް" ގެންނަން: ސަރުކާރު

ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި ރޭ މުޒާހަރާ އަށް ނުކުތް މީހުން އުޅުނީ "އަރަބް ސްޕްރިންގް" އެއް ގެންނަން ކަމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އޮފީހުން މިއަދު ބުނެފި އެވެ.

ލަންކާގައި ރޭ އުޅުނީ "އަރަބް ސްޕްރިންގެއް" ގެންނަން: ސަރުކާރު
ލަންކާގައި ރޭ އުޅުނީ "އަރަބް ސްޕްރިންގެއް" ގެންނަން: ސަރުކާރު

އަރަބް ސްޕްރިންގަކީ ކޮރަޕްޝަނާއި އިގްތިސާދީ ދަށް ހާލަތުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވެރިކަން ބަދަލުކުރަން އާއްމުން ނުކުމެ މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގި ހަރަކާތެކެވެ.

"ރޭގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ގައުމު ހަލަބޮލިކޮށް، އަރަބް ސްޕްރިންގެއް ގެންނަން ބޭނުންވާ ހައްދުފަހަނަޅި މީހުން،" ރައީސްގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮލަމްބޯގައި ހުންނަ ގޯޓާބޭގެ ޕްރައިވެޓް ގެކޮޅުގެ ކައިރިއަށް އެއްވި މީހުން ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.

ރޭގެ މުޒާހަރާ އަށް ނުކުތް މީހުން ވަނީ ސިފައިންގެ ދެ ބަހާއި ފުލުހުންގެ ޖިޕެއްގައި އަލިފާން ރޯކޮށްލައިފަ އެވެ. އަދި ފުލުހުންނާ ދިމާލަށް އެޅިގާ އުކައި ކޮލަމްބޯގެ މައި މަގުތަކަށް ވަނީ ރޯކޮށްފައިވާ ޓަޔަރުތައް އުކައިފަ އެވެ. ކޮލަމްބޯގެ ގިނަ ސަރަހައްދުތަކެއްގައި ރޭ ކާފިއު އިއުލާންކުރި ނަމަވެސް މިއަދު ހެނދުނު ވަނީ ކާފިއު އުވާލައިފަ އެވެ.

ފުލުހުން ބުނީ ރޭގެ ހަމަނުޖުންތަކުގައި އާއްމުންގެ އެކަކަށް އަނިޔާވެ އަދި ފުލުހުންގެ ފަސް މީހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ހަމަނުޖެހުންތަކާ ގުޅިގެން ވަނީ 53 މީހުން ހައްޔަރުކޮށްފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުގެ ދެ ވަޒީރަކު ވަނީ ވެރިކަމުގައި ތިބި މީހުންގެ ފުރާނަ އަށް ނުރައްކާކޮށްފައި ވަނީ އިންޓަލިޖެންސް ވަރަށް ބޮޑަށް ފެއިލްވެގެން ކަމަށް ވިދާޅުވެފަ އެވެ. މުޒާހަރާ އަށް މީހުން ނުކުތް އިރު ގޯޓާބޭ ގެކޮޅުގައި ނޫޅުއްވަ އެވެ.

ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ ރައީސް ގޯޓާބޭ އާއި އަނބިކަނބަލުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއް ރޭ މެދުވެރިވީ އިންޓަލިޖެންސްގެ ފެއިލިއާއެއްގެ ސަބަބުން ކަމަށެވެ.

ޓްރާންސް މިނިސްޓަރު ދިލުމް އަމުނުގަމާ ވިދާޅުވީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ "ޓެރަރިސްޓުން" ކަމަށެވެ.