"ދަންގަލް" އަކީ އަހަރުގެ އެންމެ މޮޅު ފިލްމު: ފާޑުކިއުންތެރިން
"ދަންގަލް" އަކީ އަހަރުގެ އެންމެ މޮޅު ފިލްމު: ފާޑުކިއުންތެރިން

އާމިރު ޚާންގެ ފިލްމުތަކަށް އަބަދުވެސް ގިނަ ބަޔަކު އިންތިޒާރުކުރެ އެވެ. ނަމަވެސް އެއީ އަހަރަކު އެއް ފަހަރު ލިބޭ ފުރުސަތެކެވެ. އާމިރު ފިލްމު ކުޅެނީ އެ ސްޕީޑްގަ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް އާމިރު ލީޑް ރޯލު ކުޅެފައިވާ "ދަންގަލް" އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އެ ބެލި ގިނަ ނޫސްވެރިން ބުނަނީ މިއީ މި އަހަރުގެ އެންމެ މޮޅު ފިލްމު ކަމަށެވެ. އަދި މިއީ އާމިރު މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ފިލްމު ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ނޫސްވެރިން ދެން ފާހަގަކުރި ތަންކޮޅަކީ 'ދަންގަލް" އާއި ސަލްމާން ޚާންގެ "ސުލްތާން" އާ އެއްވެސް ކަހަލަ އެއްގޮތް ކަމެއް ނެތްކަމެވެ. އޭގެ މާނައަކީ "ސުލްތާން" އަށް ވުރެ "ދަންގަލް" މޮޅުވުމެއް ވެސް ނޫނެވެ. ސަބަބަކީ އެއީ މުޅިން ތަފާތު ދެ ފިލްމަށް ވާތީ އެވެ. ދެ ފިލްމުގެ އޮތް ހަމައެކަނި އެއް ގޮތް ކަމަކީ ރެސްލިން ތެޅުމަށް ބިނާކޮށްފައި އޮތުމެވެ.

ފިލްމުގައި އާމިރުގެ ދެ ދަރިންގެ ރޯލު ކުޅެފައިވާ ފާތިމާ ސަނާ ޝޭޚް އާއި ސަންޔާ މަލްހޯތުރާ އަށް ވެސް ފާޑުކިޔާ މީހުން ވަރަށް ބޮޑަށް ތައުރީފުކުރި އެވެ. މުޅިން އަލަށް ފިލްމު ކުޅެން ފެށި ނަމަވެސް މި ދެ ބަތަލާއިންނަށް ދީފައިވާ ވަރުގަދަ ތަމްރީނުތައް އެމީހުންގެ އެކްޓިން އިން ހާމަވާ ކަމަށް ވެސް ފާޑުކިޔުންތެރިން ބުނެ އެވެ.