ރާއްޖޭގެ ފުރަތަަމަ އެއިރޯޑްރޯމް ކޮންޓްރޯލް ޓްރެއިނިން ނިންމާލައިފި
ރާއްޖޭގެ ފުރަތަަމަ އެއިރޯޑްރޯމް ކޮންޓްރޯލް ޓްރެއިނިން ނިންމާލައިފި

އެމްއޭސީއެލުން ކުރިއަށް ގެންދިޔަ އެއިރޯޑްރޯމް ކޮންޓްރޯލް ޓްރެއިނިން އިއްޔެ ނިންމާލައިފި އެވެ.

މިއީ މިފަދަ ތަމްރީނެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރު ކަމަށް ވާއިރު އެ ކުންފުނީގައި މަސައްކަތްކުރާ އަށް މުވައްޒަފަކު އެ ތަމްރީނުގައި ބައިވެރިވި އެވެ.

ތަމްރީނު ނިންމި މުވައްޒަފުންނަށް ސެތްފިކެޓް ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ.

އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މިފަދަ ތަމްރީނެއް ރާއްޖެ އިން ބޭރުގައި ބާއްވާ ނަމަ ދާ ހަރަދު ބޮޑުވާނެ ކަމަށާއި އެ ތަމްރީނުން އެކަނި ވެސް ބައި މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވުނު ކަމަށެވެ.

އެ ތަމްރީނު ކުރިއަށް ގެންދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި އެއިރޯޑްރޯމް ސިމިއުލޭޓަރުގަ އެވެ. އެއީ އެއާޕޯޓު ޓަވަރުގައި ތިބޭ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހިންގި ތަމްރީނެކެވެ.

ނުވަ ހަފުތާ އަށް ކުރިއަށް ގެންދިޔަ ތަމްރީނުގެ ބައިވެރިންނަށް ކިޔަވައިދިނީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުގެ ކްރައިޓީރިއާއާ އެއްގޮތަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

ތަމްރީނު ކުރިއަށް ގެންދިޔައީ ރާއްޖޭގެ ސިވިލް އޭވިއޭޝަނުގެ ބެލުމުގެ ދަށުންނެވެ.

އާ ޓެކްނޮލޮޖީ އަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިމަގުގައި އެކި ޑިޕާޓްމަންޓުތަކަށް ތަމްރީނު ޕްރޮގްރާމްުތައް ހިންގަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.