31 މާޗް 2022 - 20:17

އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ބެންޗަކާއި ސްމާޓް ޕޯލްއެއް ސެންޓްރަލް ޕާކްގައި ހަދައިފި އެވެ.

މި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް ތައާރަފު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ހަލުވި ސްޕީޑްގައި ރާއްޖެ ކުރިއަރަމުން އަންނައިރު އެޗްޑީސީން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ސްމާޓް ބެންޗަކާއި ޕޯލްއެއް ހެދުމަކީ އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއީ އާންމުންނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތެއް ކަމަށާއި ރާއްޖޭގެ ތިމާވެށި ދެމެހެއްޓުމަށްޓަކައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"ރާއްޖެ ފަދަ އިޔާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުން ކުރެވެމުން އަންނަ ގައުމެއްގައި މިއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވިގޮތުގައި، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ހިދުމަތްތައް ގާއިމް ކުރެވޭނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ސެންޓްރަލް ޕާކްގައި ސްމާޓް ބެންޗާއެކު، ޕާކަށް ދާ މީހުންނަށް އިތުރަށް ލުއިފަސޭހަވާނެ ކަމަށެވެ.
އެ ބެންޗު މަތީގައި ފޯނު ބޭއްވުމުން ފޯނު ޗާޖު ކުރެވޭނެ އެވެ. އެ ތަނުގައި ހުރި ޕޯލް އަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އުފައްދާ އެއްޗެކެވެ. އެ ނިޒާމުން ވައިންނާ އަވިން ހަކަތަ އުފައްދާނެ އެވެ. އަދި ޕޯލްގައި ހުންނަ ޓީވީ ސްކްރީނުން އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ސުހައިލް ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ހުޅުމާލޭގެ ކާބަން އެމިޝަން ކުޑަކުރުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް ކަމަށެވެ.
"މިއީ ޕައިލޮއިޓް ޕްރޮޖެކްޓެއް. މީގެ ނަތީޖާ އަށް ބަލާފައި ކުރިއަށް އޮތްތަނުގައި މިކަން ކުރަމުން ގެންދާނަން. މި ޕޯލުން އުފައްދާ ކަރަންޓުން އިޝްތިހާރު ކުރުމުގެ އިތުރަށް އެހެން ކަންކަމަށް ވެސް ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަގްސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ ވަރު 90 ޕަސެންޓަށް ކުޑަ ކުރެވޭނެ އެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.
ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރު އަދި މުހިއްމު އާންމު މައުލޫމާތާއި ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދިނުމުގެ އިތުރުން ޑިޖިޓަލް އިޝްތިހާރުތައް ދެއްކުން ވެސް ހިމެނެ އެވެ. ކަރަންޓު ކެނޑޭ ވަގުތުގައި ވެސް މި ޕޯލްތަކުގައި ހިމެނޭ ބެޓެރީ ސްޓޯރޭޖުން ބޮކި ދިއްލުމާއި ކެމެރާ ފަދަ ހިދުމަތް ދޭނެ އެވެ.
ސްމާޓް ބެންޗުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖިން ސްޓޭޝަން ހިމެނެ އެވެ.