ހުޅުމާލޭގައި ޓްރަކެއްގެ ދަށުވެ، އަންހެނަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ޓްރަކެއްގެ ދަށުވެ، އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ޓްރަކެއްގެ ދަށުވެ، ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާން ހުރަސްކުރާ ބްރިޖުން ދިޔަ ސައިކަލަކާއި ޓްރަކެއް ޖެހިގެން ކަމަށެވެ. ސައިކަލް ދުއްވަން އިން އަންހެންމީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފިޔަވައި، އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 35 އަހަރުގެ އަންހެނަކަށް އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސައިކަލު އޮތީ އެ ޓްރަކްގެ ކުރިމަތީގެ އެއް ފުރޮޅުގެ ދަށުގަ އެވެ. ބައެއް މީހުން ބުނީ އެ އަންހެންމީހާގެ ފައި ވަނީ ޗިސްވެފަ އެވެ. ނަމަވެސް އެ މައުލޫމާތު އަދި ކަށަވަރެއް ނުވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދާ ބްރިޖުތަކާ ކައިރީގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. އެ ތަނުގައި ޓްރެފިކް ލައިޓް ހަރުކޮށްދޭން ވެސް އާންމުން އެދިފައިވެ އެވެ.