01 އެޕްރީލް 2022 - 07:31

ބޮލީވުޑްގެ ކުރީގެ އެކްޓަރު ރަންދީރު ކަޕޫރް އުޅެނީ ހަނދާން ނެތޭ ބަލީގައި ކަމަށް އޭނާ އަށް ބޮޑުބޭބެ ކިޔާ، އެކްޓަރު ރަންބީރު ކަޕޫރް ބުނެފި އެވެ.

އުމުރުން 75 އަހަރުގެ ރަންދީރު އުޅެނީ ހަނދާން ނެތޭ ބަލީގައި ކަމަށް ރަންބީރު މިފަހުން ހާމަކުރީ މަރުވެފައިވާ އޭނާގެ ބައްޕަ ރިޝީގެ އެންމެ ފަހުގެ ފިލްމު "ޝަރްޖީ ނަމްކީން" ބެލުމަށް ފަހު ރަންދީރް އުޅުނު ގޮތުންނެވެ.

ރަންބީރު ބުނީ ރިޝީގެ އެކްޓިން ކަމުގޮސްގެން ރަންދީރް އޭނާ އަށް ގުޅައި، ތައުރީފު ކުރަންވާނެ ކަމަށް ބުނި ކަމަށެވެ.
"ބައްޕަ ކޮބާހޭ ބުނީ ފިލްމު ބަލާ ނިންމާފައި. ގުޅާފައި ބުނާށޭ އެ ފިލްމު ވަރަށް ރަނގަޅޭ،" ބޮޑުބޭބެ ހަނދާން ނެތޭ ބަލީގައި އުޅޭކަން ހާމަކޮށް އޭނާ ބުންޏެވެ.
ރަންބީރުގެ ބައްޕަ، އަދި ރަންދީރްގެ ކޮއްކޮ ރިޝީ ކަޕޫރަށް ކެންސަރު ޖެހިގެން ފަރުވާދެމުން އަންނަނިކޮށް މަރުވީ 2020 ވަނަ އަހަރުގަ އެވެ. އެ މަރަށް އަހަރެއް ނުވަނީސް އަނެއްކާ ރަންދީރްގެ ދެން ހުރި ކޮއްކޮ ރާޖީވް ވެސް ވަނީ މަރުވެފަ އެވެ.
"ޝަރްމާޖީ ނަމްކީން" ގެ ޝޫޓިންތައް އެކީ ނުނިމެނީސް ރިޝީ މަރުވުމުން އޭނާގެ ރޯލު ދެން ފުރިހަމަކުރީ ޕަރޭޝް ރާވަލް އެވެ.
ރަންދީރް ކުރިން ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ދެ ކޮއްކޮ މަރުވުމުން ދިރިއުޅުން ވަރަށް ހިތްދަތި ކަމަށް ބުނެފަ އެވެ.
"އެންމެ ދިހަ މަހުގެ ތެރޭގައި އަހަރެންގެ ދެ ކޮއްކޮ ޗިންޓޫ އާއި ޗިންޕޫ [ރިޝީ އާއި ރާޖިވް] ވަކިވީ. އަހަރެންގެ މަންމަ އާއި ދައްތަ ވެސް މީގެ އަހަރުތަކެއް ކުރިން މަރުވީ. އަހަރެމެން އެންމެނަކީ ވަރަށް ގާތްކޮށް އުޅޭ ބައެއް،" ރަންދީރް އޭނާގެ އުދާސްތައް ބޭރުކޮށްލައި ބުނެފައިވެ އެވެ.