ރަކުލްގެ ހިތް އަދިވެސް އޮތީ ރާއްޖޭގައި
ރަކުލްގެ ހިތް އަދިވެސް އޮތީ ރާއްޖޭގައި

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަކީ "ކުޑަކުޑަ މުމްބާއީ" އެކެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރި އެވެ. އޭގެ ތެރެއިން ބައެއް ތަރިން ތަކުރާރުކޮށް، އެތައް ފަހަރަކު ރާއްޖެ އައިސްފައިވެ އެވެ. އެގޮތަށް، ޗުއްޓީ އަށް އައި އެއް ޖޯޑަކީ ރަކުލް ޕްރީތު ސިންގް އާއި އޭނާގެ ލޯބިވެރިޔާ ޖެކީ ބަގްނާނީ އެވެ.

ރަކުލްގެ ހިތް އަދިވެސް އޮތީ ރާއްޖޭގައި
ރަކުލްގެ ހިތް އަދިވެސް އޮތީ ރާއްޖޭގައި

އިންޑިއާގެ ނޫހަކަށް މިފަހުން ދިން އިންޓަވިއުއެއްގައި ރަކުލް ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ވާހަކަތައް ކިޔައިދީފަ އެވެ. ރަކުލް އޭނާ ސިފަކުރީ މޫދަށް "މޮޔަވެފައި" ހުންނަ މީހެއްގެ ގޮތުގަ އެވެ. އެ ޗުއްޓީ ދަތުރުތަކާ މެދު ވަރަށް ހިތްހަމަޖެހިފައި ހުރެގެން އޭނާ ބުނީ ގޮނޑުދޮށުގައި ރާޅުގެ އަޑުއަހާލަން އިނުމާއި އިރުއޮއްސޭ މަންޒަރު ބަލަން ހުރުމާއި ވޯޓާ ސްޕޯޓްސްގެ ހުރިހާ ކުޅިވަރެއް ކުޅުނު ކަމަށެވެ.

"ސްކޫބާ ޑައިވިނަށާއި މަހަށް ގޮސްލައި ޖެޓްސްކީ ދުއްވާލައި ސަފާރީ އަށް ގޮސްލުމުގެ އިތުރުން ވޯޓާ ބޯޑިން އާއި ސްނޮކްލިން އަށް ދިޔައިން. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ކަންތައްތަކެއް އޮންނާނެ،" ތެލުގޫ އަދި ތަމަޅަ ފިލްމުތަކުގައި މަސައްކަތްކޮށް ބޮލީވުޑުން ފުރުސަތު ހޯދި ރަކުލް ބުންޏެެވެ.

އެ ހުރިހާ ތަޖުރިބާތަކަކީ ވެސް ވަރަށް މަޖާ ތަޖުރިބާތަކެއް ކަމަށާއި އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ތަޖުރިބާ އެންމެ ރަނގަޅުވަނީ ބިޒީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ދުރުވެ، އަމިއްލަ ނަފްސަށް ކުޑަ ބްރޭކެއް ދެވޭތީ ކަމަށް އޭނާ ދެކެ އެވެ. ކުރިއަށް އޮތީ އަނެއްކާ ވެސް ވަރަށް ބިޒީ ދުވަސްތަކެއް ކަމަށް އޭނާ ބުންޏެވެ.

އުމުރުން 31 އަހަރުގެ ރަކުލް ބޮލީވުޑަށް ނިކުތީ 2018 ގައި ނިކުތް "އައިޔާރީ" އިންނެވެ. އޭނާ ބޮލީވުޑްގައި މަގުބޫލުވީ، 2019 ގައި އަޖޭ ދެވްގަންއާ އެކު ކުޅުނު ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އިންނެވެ.