24 ޑިސެމްބަރ 2016 - 06:47

ޝާހްރުކް ޚާންގެ އެވޯޑު ހަރުގަނޑުގައި މިހާރު 150 އަށް ގިނަ އެވޯޑު އެބަ ހުއްޓެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް އޭނާއަށް އަދި ނެޝަނަލް އެވޯޑެއް ލިބިފައެއް ނެތެވެ.
ޝާހްރުކް ގަބޫލުކުރާ ގޮތުގައި ނެޝަނަލް އެވޯޑު އޭނާ އަށް ނުލިބެނީ އެ ހައްގު ވާވަރަށް އެއްވެސް ފިލްމެއްގައި އޭނާ އަށް އެކްޓްކުރެވިފައި ނުވާތީ އެވެ.
"އަހަންނަށް ހީވަނީ ބެލުންތެރިންނާއި ފަނޑިޔާރުންގެ ގޮތުގައި ތިބޭ މެމްބަރުން އަދި ފިލްމު އުފައްދާ މީހުންގެ ރަނގަޅުކަމުން ހެން މިހާތަނަށް ވެސް އަހަންނަށް އެވޯޑުތައް ލިބިފައިވަނީ. އެވޯޑެއް ނުލިބުނު ސަބަބާ މެދު ވިސްނަން ވެއްޖިއްޔާ އަހަންނަށް ހީވަނީ އެއީ އެވޯޑަށް ވެސް ކުރެވޭ ބޭއިންސާފަކަށް ހެން ވާނީ،" އިންޑިއަން އެކަޑަމީ އެވޯޑްސް އިއުލާންކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހްރުކް ބުންޏެވެ.
"އަހަންނަށް އެ އެވޯޑް ނުލިބޭނީ އެއީ އަހަންނަށް ހައްގު އެއްޗަކަށް ނުވާތީ."
ސިނެޔުގްގެ ފަރާތުން މުޅިން އަލަށް އިންތިޒާމްކުރާ މި އެވޯޑަކީ ހޮލީވުޑް، ބޮލީވުޑް އަދި ޓޮލީވުޑް (ތަމަޅަ ފިލްމު އިންޑަސްޓްރީ)ގެ ފިލްމުތަކުގެ ހުނަރުތަކަށް ދޭން ފަށާ ފުރަތަމަ އެވޯޑެވެ. މި އެވޯޑުގެ ފުރަތަމަ އިވެންޓު އޮންނަނީ އެމެރިކާގެ ކެލިފޯނިއާގެ ސިލިކަން ވެލީގަ އެވެ.
ގައުމީ އެވޯޑާ ބެހޭ ގޮތުން އޭނާ އެހެން ބުނީ "ޗަކް ދޭ" އާއި "ސްވަދޭސް" ފަދަ ފިލްމުތަކުން އިންޑިއާގެ އެންމެ މަތީ ޝަރަފު ނުލިބުނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.
ޝާހްރުކް ބުނީ މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކުގައި ދެއްކުނީ ނެޝަނަލް އެވޯޑު ހައްގުވާ ފެންވަރުގެ ހުނަރެއް ކަމަކަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އޭނާ ފިލްމު ކުޅެނީ އެވޯޑު ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ވެސް ބުންޏެވެ.
ޝާހްރުކް ބުނީ އެވޯޑުތަކުގެ މަގުސަދު ހަލާކުކޮށްލީ ޓީވީތަކުން ކަމަށެވެ. ސަބަބަކީ ޓީވީގެ ބައެއްގެ ގޮތުގައި އެވޯޑްތައް ހަދަން ވެގެން ކުރި މަސައްކަތްތަކުގައި އެކަން ބޮޑު ވިޔަފާރިއަކަށް ބަދަލުވުމެވެ.
އެކަމަކު ޝާހުރުކް ބުނީ އެވޯޑްތައް ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ.
"އަހަރެން އެކަމަކާ ދެކޮޅެއް ނުހަދަން. އަހަންނަކީ އެކްޓްކުރާހިވާ އަދި ފިލްމީ ތަރިއަކަށް ވާހިތްވާ މީހެއް. އެހެންވެ އަހަރެން ކުރާ މަސައްކަތަށް އެވޯޑު ލިބުނީމަ އުފާވަނީ. އަދި އަހަންނަށް އެވޯޑު ނުލިބޭ ފަހަރު ވަރަށް ދެރަ ވެސް ވޭ،" ޝާހްރުކް ބުންޏެވެ.