މަރިއުޕޯލަށް ދޭ ހަމަލާތައް ރަޝިޔާއިން ހުއްޓާލަނީ
މަރިއުޕޯލަށް ދޭ ހަމަލާތައް ރަޝިޔާއިން ހުއްޓާލަނީ

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ މަރިއުޕޯލް އަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތައް މިއަދުން ފެށިގެން ހުއްޓައިލާނެ ކަމަށް ރަޝިޔާގެ އަސްކަރީ ވުޒާރާ އިން ބުނެފި އެވެ.

ޔޫކްރޭންގެ އިރުދެކުނުން އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް، ރަޝިޔާ ސިފައިންގެ ހިސޯރުގައި ބާއްވައިގެން އެ ސަހަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަތާ މިހާރު މަސްދުވަސްވަނީ އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން މަރިއުޕޯލްގެ ކަރަންޓު ވިއުގަ ހަލާކުވެ، ބޯފެން އުފައްދާ ޕްލާންޓްތަކާއި ފެން ރައްކާކުރާ ތާނގީތައް ހަލާކުވެފައިވާތީ، އެ ސަހަރުގެ ގިނަ މީހުން ތިބީ ކަރަންޓުގެ ހިދުމަތާއި ބޯފެން ލިބުމުން މަހުރޫމްވެފަ އެވެ.

ރަޝިޔާ އިން އިއްޔެ އިއުލާންކުރި ގޮތަށް ހަމަލާތައް ހުއްޓާލައިފި ނަމަ، އެ ސަހަރު ދޫކޮށް ދާން ބޭނުންވެފައި އޮތެއް އެތައް ހާސް ބަޔަކު މިއަދު މަރިއުޕޯލް ދޫކޮށް އެހެން ސަރަހައްދުތަކަށް ދިއުމަށް ނުކުންނާނެ އެވެ. ނަމަވެސް މަރިއުޕޯލްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިން، އެކަމަށް މަގު އަމާންކޮށްދޭނެ ކަމާ މެދު މާބޮޑު ޔަގީންކަމެއް ނެތް ކަމަށް، ޔޫކްރޭން ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނެ އެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި މަރިއުޕޯލްގައި ހިނގި ހަނގުރާމައިގައި އާންމުންނަށް ގެއްލުން ލިބިފައިވާ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫކްރޭން ސިފައިންނެވެ. ސަބަބެއް ކަމަށް ރަޝިޔާގެ ހާރިޖިއްޔާ އިން ބުނީ، މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިން އެ ސަހަރުގެ އާންމުން ނިވާފައްގަނޑަކަށް ހަދައިގެން ތިބެ ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމެވެ.

އޭގެ އިތުރުން ޔޫކްރޭންގައި ހުންނަ ފައްޅިތަކާއި އާންމުން އަޅުކަން ކުރާ ތަންތަން ވެސް، ޔޫކްރޭން ސިފައިން މިހާރު ބޭނުންކުރަނީ، ހަނގުރާމަވެރި ހަތިޔާރު އެއްކޮށް، ސިފައިންނަށާއި އާންމުންނަށް ހަތިޔާރު ދޫކުރާ މަރުކަޒުތަކެއްގެ ގޮތުގައި ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

މަރިއުޕޯލް އަށް ހަމަލާދިނުން ހުއްޓާލާނެ ކަމަށް ރަޝިޔާ އިން ބުންޏަސް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އެ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޔޫކްރޭންގެ ހަނގުރާމައިގެ ފަސް ވަނަ ހަފުތާ ނިމިގެން ދާއިރު، މިހާތަނަށް ކަންތައް މެދުވެރިވި ގޮތުން، އެއްވެސް ބަޔަކަށް އިތުބާރު ނުކުރާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މަރިއުޕޯލް އަށް ދޭ ހަމަލާތައް ހުއްޓައިލަނީ، އެ ސަހަރުގައި ދިރިއުޅޭ އާންމުންގެ ތެރެއިން އެހެން ސަރަހައްދުތަކަށް ދާން ބޭނުންވާ މީހުންނަށް އެކަމަށް މަގު ފަހިކޮށްދިނުމަށެވެ. ހަމަލާތައް ހުއްޓައިލާނީ ރަޝިޔާ ގަޑިން މިއަދު ހެނދުނު 11 އިން ފެށިގެން ކަމަށާއި، މަރިއުޕޯލުން ނުކުންނަން ބޭނުންވާ ކޮންމެ މީހަކަށް، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ބާޑިއަންސްކް ބަނދަރުގެ ތެރެއިން ލާފައި ނުކުމެވޭނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

މަރިއުޕޯލުން ނުކުންނަން ބޭނުންވާ މީހުން އެ ސަހަރުން ނުކުތުމުގެ މަސައްކަތް ކުރިއަށް ދާންވާނީ، ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަންގެ ސީދާ ބައިވެރިވުން އޮވެގެން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ. އަދި މަރިއުޕޯލްގެ އާންމުންނަށްޓަކައި ރަޝިޔާ އިން އަމާންކޮށްދިން މަގުން އާންމުން ނުކުތުމުގެ މަސައްކަތް ކުރިއަށް ދާއިރު، ހަމަލާދިނުން ހުއްޓައިލުމަށް ރަޝިޔާ އިން ނިންމި ނިންމުމަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް، ޔޫކްރޭން ސަރުކާރަށް ރަޝިޔާ އިން ވަނީ ލިޔުމުން އަންގައިފަ އެވެ.

އޭގެ އިތުރުން މަރިއުޕޯލް އިން ޒަޕަރޯޖިއާ އަށް ދާން ބޭނުންވާ މީހުންނަށްޓަކައި ހަތަރު މަގެއް އަމާންކޮށްދިނުމަށް، ޔޫކްރޭން ސަރުކާރުން ހުށަހެޅި ހުށަހެޅުން ވެސް ރަޝިޔާ ސަރުކާރުން ބަލައިގެންފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ.