31 މާޗް 2022 - 11:34

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ދިފާއުގައި 18 ހެއްކެއް އެމަނިކުފާނުގެ ފަރާތުން ހުށަހަޅައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އަދި ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅީ ހަތް މީހަކާއި 11 ލިޔުމެކެވެ. އެ ހެކިތަކުގެ ތަފްސީލުތައް ލިޔުމުން ކުރިން ކޯޓަށް ހުށަހަޅާފައިވާތީ އާއި ވަގުތު ސަލާމަތް ކުރުމަށްޓަކައި ހެކިތަކުގެ ތަފްސީލަކަށް މިއަދު ނުދެ އެވެ.
ޔޫސުފް ނައީމްގެ ފަރާތުން ދިފާއުގައި ހުށަހެޅީ 13 ހެއްކެކެވެ. އެއީ ތިން މީހަކާއި 10 ލިޔުމެކެވެ.
އެ މައްސަލަ މިހާރު އޮތީ މަދަނީ މިންގަނޑުން ހެކިތަކަށް ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ. އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ވަކި އަޑުއެހުމެއް ބާއްވަން ޔާމީންގެ ވަކީލުން މިއަދު އެދިވަޑައިގަތެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބޭއްވުމަށެވެ.
އާރަށް މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.