25 ޑިސެމްބަރ 2016 - 06:26

ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ އާމިރު ޚާންގެ "ދަންގަލް" ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. މިއީ ވަރަށް ހީނުކުރާ ކަހަލަ ކަންތައްތަކެއް ބޮލީވުޑް ފިލްމުތަކަށް ދިމާވި އަހަރެކެވެ. ހީވެސް ނުކުރާ ކަހަލަ ފިލްމުތައް ބޮކްސް އޮފީހުގައި މާ ރަނގަޅަށް ހިނގާފައި އެބަ ހުއްޓެވެ. އަދި ރަނގަޅު ވާހަކަ ހިމެނޭ ބައެއް ރީތި ފިލްމުތަކަށް ނާކާމިޔާބު ވެސް ވި އެވެ.
ނަމަވެސް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި "ދަންގަލް" އަށް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ފެށުމެއް ލިބޭނެ އެވެ. ފުރަތަމަ ދުވަހުގެ ކަލެކްޝަން 30 ކްރޯޑު (300 މިލިއަން ރުޕީސް) ވަރު ވާނެ ކަމަށް، ތަޖުރިބާކާރެއް ކަމަށްވާ އަމުލް މޯހަން ލަފާކުރެ އެވެ.
މި އަހަރު އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑް މިހާރު އޮތީ ސަލްމާން ޚާންގެ "ސުލްތާން" އަށެވެ. ފިލްމީ ވިޔަފާރީގެ މާހިރުން ބުނަނީ "ސުލްތާން" އަށް ވުރެ "ދަންގަލް" ރަނގަޅަށް ހިނގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ދަންގަލް"ގެ ޚާއްސަ ސްކްރީނިންއެއް ވަނީ ބާއްވާފަ އެވެ. ފިލްމު ފެނުނު އެންމެންނަށް ވެސް "ދަންގަލް" ރީތިވެގެން އެ ވާހަކަ ވަނީ ދައްކައިފަ އެވެ. އެހެންކަމުން ހުކުރުދުވަހަކު "ދަންގަލް" ރިލީޒްކުރިޔަސް ވިޔަފާރި ރަނގަޅުވާނެ ކަމަށް ލަފާކުރެ އެވެ.
މިހާރު ވެސް ބައެއް މީހުން ބުނެފައި ވަނީ މިއީ މި އަހަރުގެ އެންމެ މޮޅު ފިލްމު ކަމަށެވެ.