ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް
ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް

ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ދިމާވި ގޮތް ފުޓުބޯޅަ ބަލާ އެންމެންނަށް އެނގޭނެ އެވެ. މާޒިޔާ އަށް އެކަނި ފުޓްބޯޅަ ޑޮމިނޭޓް ނުކުރެވޭނެކަން ޕްރެޒިޑެންޓްސް ކަޕުން މަންޒަރު ސިފަވިހެން ހީވި އެވެ.

ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް
ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް

އެކަމަކު ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގައި ފެނުނީ މާޒިޔާ އަލުން ކްލަބް ފުޓްބޯޅައިގެ ކޮންޓްރޯލް ހޯދި ތަނެވެ. ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ. އެޓީމަށް ފައިދާ 20 ގޯލް އެބައޮތެވެ. އެހެން ޓީމަކަށް އެ އަދަދާ ގާތްކުރެވޭ ވަރެއް ވެސް ނުވެ އެވެ. މާޒިޔާ އިން ހަމަ މަގަށް އެޅުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް
ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް

"މިއީ ދުރާލައި ތައްޔާރުވެ ޕްރީ ސީޒަނެއް ހަދުމުގެ ފައިދާ،" މާޒިޔާގެ އޮފިޝަލަކު ބުންޏެވެ.

ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް
ކޮންޓްރޯލް ހޯދައި މާޒިޔާ، އަލުން ހަމަ މަގަށް

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަތްދަށުލި ވެލެންސިއާ ވެސް ލީގުގައި އަޑިއަޅާލައިގެން ހިނގައްޖެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި، ޕްރެކްޓިސް ހުއްޓާލާފައިވާކަން މީޑިއާގައި ވަނީ ތިލަވެފަ އެވެ.

"ކުރިން ވެސް އެނގޭ ޕްރިމިއާ ލީގު ކަހަލަ ދިގު މުބާރާތަކަށް ދާއިރު މާޒިޔާ އެކަނިކަން އެއް ފެންވަރެއްގައި ވާދަކުރެވޭ ޓީމަކަށް އޮންނާނީ،" ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.

"ބަރާބަރަށް މުސާރަ ދެވި ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ބަރާބަރަށް ކޮށްދެވޭވަރުގެ ކްލަބަކަށް އޮތީ މާޒިޔާ. އެހެން ކަލްބެއްގައި ނެތް ފައިނޭންޝިއަލީ ވެސް އެ ސްޓްރެންތެއް."

ޕްރެޒިޑެންޓްސް ކަޕުގެ ނާކާމިޔާބަށް ފަހު އޭރު ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ދުރުކޮށް މާޒިޔާގެ ކޯޗަކަށް ހަމަޖެއްސީ ސާބިއާގެ މިއޯޑްރާގް ޖެސިޗް އެވެ. ޖެސިގެ ގޭމް ޕްލޭންގައި ތަފާތަކަށް ފެނުނީ ގޭމް އަވަސްކޮށް ވަރުގަދަ އަށް ވިއްދައިގެން ކުޅުމެވެ. ލެވެލްގެ ގޮތުން ކިތަންމެ އާދައިގެ ޓީމާކާ ޖެހުނަސް ޕްރެސިން ގޭމް މާޒިޔާއިން ދެމެހެއްޓި އެވެ. ދެން އަވަސް އަވަހަށް ބޯޅަ ސަޕްލައިކޮށްދިނުމެވެ.

ކުޅުމުގެ ސްޓައިލަށް ބަލާއިރު މާޒިޔާ އަށް މިދިޔަ އަހަރު ކޯޗުކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ކުޅުުވާ ގޭމަށް ވުރެ ޖެސިޗްގެ ގޭމް ރަނގަޅުކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ފާހަގަކުރި އެވެ. ޖެސިޗް ކޯޗު ކަމަށް ހަމަޖެއްސީ ދިވެހި ޕްރިމިއާ ލީގު ފެށެން ކައިރިވެފައި ވަނިކޮށެވެ. އެކަމަކު އެފްއޭއެމުން ލީގު ފަސް ކުރަން ނިންމި ނިންމުމަކީ ޖެސިޗް އަށް މާޒިޔާގެ ގޭމް ބަދަލުކުރަން އެކަށޭނެ ވަގުތު ލިބުނު ސަބަބަކަށްވި އެވެ.

"ލީގު ފަސް ވެގެން ހަގީގަތުގައި އޭގެ ފައިދާ މާޒިޔާއިން ހޯދި. އެހެން ޓީމުތަކަށް އޭގެ ފައިދާއެއް ނުހޯދުނު،" މެޗުތައް ގަވާއިދުން ބަލާ ތަޖުރިބާކާރަކު ބުންޏެވެ. "ލިބުނު ވަގުތުގައި ލީގު ފެށެންވާއިރަށް މާޒިޔާގެ ކޯޗު އޮތީ އޭނާ ބޭނުންވާ ގޮތަށް ކުޅުވަން މާޒިޔާގެ ޓީމު ސެޓްކޮށްފައި."

ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާ އަށް ގެނައި އަނެއް ބަދަލަކީ ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) ލައްވައި ސޮއި ކުރުވުމެވެ. މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭގައި ވަރުގަދަ ރެއާލް މެޑްރިޑް ކޮޅަށް ލަސްޕަލަމްސްގެ ޖޯޒީގައި ލަނޑު ޖަހައިގެން މަޝްހޫރުވި ފޯވާޑަކީ މިފަހުގެ ތާރީހްގައި ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެކެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ބަލިކުރި ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ދަނޑުމަތީގައި ތިބޭ 22 ކުޅުންތެރިންގެ ތެރެއިން މެޗާ މެދު އެންމެ ތޫނުފިިލިކޮށް ވިސްނާ ކުޅުންތެރިޔަކީ ޓާނާ ކަމަށެވެ.

"އޭނާ ޖަހާ ލަނޑުތައް އެކަންޏެއް ވެސް ނޫން. ދަނޑުމަތީގައި އޭނާ މެޗާމެދު ވިސްނާ ގޮތް ވެސް ތަފާތު. އިދިކޮޅު ޓީމުން ފައުލެއް ކޮށްގެން ކުޅުންތެރިޔަކު ވެއްޓުނީމަ އެހެން ކުޅުންތެރިން ފައުލަށް އެޕީލްކޮށްގެން ތިބޭ ވަގުތުކޮޅުގައި ވެސް އޭނާ މަޑެއް ނުކުރޭ ރެފްރީ ނިންމަނީ ކޮންގޮތަކަށްތޯ ބަލާކަށް. އޭނާ މަސައްކަތް ކުރަނީ ބޯޅަ އަށް ޕްރެސްކޮށްގެން ބޯޅަ ހޯދަން،" ހީނާ ބުންޏެވެ.

ޓާނާއާ ވާދަ ކުރެވޭނެ އިތުރު އެހެން ބިދޭސީ ކުޅުންތެރިއެއް މިވަގުތު ރާއްޖެއިން ފެންނާކަށް ނެތެވެ. ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގައި ރާއްޖޭގެ ކްލަބްތަކަށް އެކަށޭނެ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް، ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) މީގެ ކުރިން ބުނެފައިވެ އެވެ.

މުހިންމު ފޯވާޑަށް މާޒިޔާ އިން މަހެއްގެ މައްޗަށް 12،000 ޑޮލަރު ހޭދަ ކުރާކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެންމެ ރަނގަޅަށް ހިނގާ އެއް ކްލަބަކީ މާޒިޔާ ކަމަށެވެ. މާޒިޔާ އަށް އަބަދުވެސް އަމާޒުވާ ފާޑު ކިއުމަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބުގައި ތިބުމެވެ.

އެކަމަކު ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗަކު ބުނި ގޮތުގައި، މާޒިޔާގެ ތަފާތަކީ ގައުމީ ޓީމުގެ މެޖޯރިޓީއެއް އެކްލަބްގައި އޮތުމެއް ނޫނެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިން ކިތަންމެ ގިނައިން ތިއްބަސް މިކަމެއް ނުވާނެ ރަނގަޅަށް މަސައްކަތް ކޮށްގެން ނޫނީ. މާޒިޔާގެ ތަފާތަކީ އެ ކްލަބުން ކުރާ މަސައްކަތް. އެހެން ކްލަބަކަށް ހަގީގަތުގައި އެވަރަކަށް މަސައްކަތެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.