އިންޑިއާ އިން އިތުރު 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ލަންކާ އިން އެދިއްޖެ
އިންޑިއާ އިން އިތުރު 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ލަންކާ އިން އެދިއްޖެ

ސްރީ ލަންކާ އަށް ކޮންމެހެން ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް އިންޑިއާ އިން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އެދިއްޖެ އެވެ.

އިންޑިއާ އިން އިތުރު 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ލަންކާ އިން އެދިއްޖެ
އިންޑިއާ އިން އިތުރު 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ލަންކާ އިން އެދިއްޖެ

ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ކާރިސާއާ ގުޅިގެން، އެ ގައުމަށް ބޭނުންވާ އަސާސީ ބައެއް ސާމާނު އިމްޕޯޓް ކުރެވޭނެ ގޮތެއް ނެތުމުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ގާތްގަނޑަކަށް 22 މިލިއަން މީހުން ދިިރިއުޅޭ ލަންކާގެ ރިޒާވް ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 70 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ގައުމުގެ ރިޒާވްގައި ހުރީ 2.3 މިލިއަން ޑޮލަރެވެ.

ލަންކާ އިން 1.5 ބިލިއަން ޑޮލަރުގެ އެހީތެރިކަމަށް އިންޑިއާގައި އެދުނުއިރު، މި މަހުގެ ކުރީކޮޅު ވެސް އެ ގައުމުން ވަނީ އެއް ބިލިއަން ޑޮލަރުގެ އެހީއެއް ލަންކާ އަށް ދީފަ އެވެ.

ލަންކާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު އަޖިތް ނިވާދް ކެބްރާލް ވިދާޅުވީ، އެ ގައުމަށް ކޮންމެހެން ބޭނުންވާ ބައެއް އިމްޕޯޓް މުދަލާއި ތެޔޮ އިމްޕޯޓް ކުރުމުގައި ވެސް އިންޑިއާއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ލަންކާގައި ވިއްކާ ތަކެތީގެ އަގު އިންތިހާ އަށް އުފުލެމުން ދާއިރު އިގްތިސާދީ ހާލަތާ މެދު ހިތްހަމަނުޖެހި ގިނަ ބަޔަކު އަންނަނީ މުޒާރާ ކުރަމުންނެވެ.

އިންޑިއާ އިން ލަންކާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މަހިންދަ މަރާޖަޕަކްސަގެ އާއިލާ ވެރިކަމަށް އައިއިރު ވަނީ ޗައިނާއާ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް، ބޮޑެތި ލޯނުތަކެއް އެ ގައުމުން ވަނީ ނަގައިފަ އެވެ. މިކަމާ ގުޅިގެން އޭރު އިންޑިއާ އާއި ލަންކާއާ ދެމެދު އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އެރި އެވެ. ނަމަވެސް އެ ގައުމުގެ އިގްތިސާދީ ހާލަތު އަޑި އަޅައިލުމާ ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ ވެސް އިންޑިއާ އެވެ.

މިހާތަނަށް އިންޑިއާގެ ކްރެޑިޓް ލައިން ލޯނު އެހީގެ ދަށުން ތެޔޮ ގަތުމަށް އިތުރު 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އަދި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެއް އިންޑިއާގެ ރިޒާވް ބޭންކުން ފޯރުކޮށްދިނެވެ.

ލަންކާ އިން ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާގެ ތެރެއިން މި އަހަރުގެ ތެރޭގައި ހަތަރު ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހެ އެވެ. އޭގެ ތެރޭގައި ސޮވެރިން ބޮންޑަށް ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މި އުނދަގޫ ހާލަތުން އަރައިގަތުމަށް 2.5 ބިލިއަން ޑޮލަރު ދިނުމަށް ޗައިނާގެ ކިބައިން ވެސް ލަންކާ ވަނީ އެދިފަ އެވެ.

ލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމާ ގުޅޭ ގޮތުން އައިއެމްއެފާއެކު މަޝްވަރާ ކުރުމަށް އަންނަ މަހު ރާޖަޕަކްސަ ވޮޝިންޓަން ޑީސީ އަށް ވަޑައިގަންނަވާނެ އެވެ.