30 މާޗް 2022 - 19:22

ރޯދަ މަހާ ދިމާކޮށް ގޭތެރެޒީނަތްތެރިކުރުމަށް ފަޅުރަށްތަކާއި ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ވެލި ނަގާ މައްސަލަ ބޮޑުވެ، އެކަން ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި ފަޅުރަށްރަށުންނާއި ފިނޮޅުތަކުން ވެލިނަގާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބޭ ކަމަށެވެ.
އީޕީއޭ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ވެލި ނެގުމުގެ ސަބަބުން ރަށްރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ މައްސަލަތަކާ ކުރިމަތިވަމުންދާތީ އެވެ. އީޕީއޭ އިން ބުނީ ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރުމަކީ ވަރަށް ހަރަދު ބޮޑު އަދި އެހާ އުނދަގޫ މަސައްކަތެއް ކަމަށެވެ.
އީޕީއޭ އިން ބުނީ ވެއްޔާއި އަކިރި ނަގަންވާނީ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ގާނޫނާއި ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދުގައިވާ ގޮތަށް އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.
އީޕީއޭ އިން ބުނި ގޮތުގައި ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް ގެދޮރު ޒީނަތްތެރިކުރުމުގެ ބޭނުމުގައި ވެލި ނަގާކަން ފާހަގަކުރެވެ އެވެ. އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ވެލި ނަގަން ހާއްސަ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅައި އެކަން ކައުންސިލްތަކާ ހިއްސާކޮށްފައިވާ ކަމަށާއި ކައުންސިލްގެ ބެލުމުގެ ދަށުން އެ ސަަރަހައްދުތަކުން ވެލި ނެގުމަށް ވެސް އީޕީއޭ އިން އިލްތިމާސްކުރެ އެވެ.
އީޕީއޭ އިން ވަނީ ގަވައިދާ ހިލާފަށް ވެލި ނަގާ ނަމަ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެކަން ހަނދާންކޮށްދީފަ އެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިން އާދަވެ ކުރަމުން އަންނަ ކަންކަމުގެ ތެރޭގައި ގޭތެރެ ޒީނަތްތެރިކުރުން ހިމެނޭއިރު ގޭގެ އާއި މިސްކިތްތަކުގެ ގޯތިތެރެއަށް ދޮންވެއްޔާއި ކަށިވެލި ލުމަކީ އިސްކަން ދީގެން ކުރަމުން އަންނަ ކަމެކެވެ.