30 މާޗް 2022 - 14:41

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރާ ދެ ސަރަހައްދުގައި، އަސްކަރީ ހަރަކާތްތައް މަދުކޮށް ރަޝިޔާ ސިފައިން ފަހަތަށް ޖެހެނީ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް، ޔޫކްރޭނުން ބުނެފި އެވެ.
ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގައި، ރަޝިޔާގެ މަންދޫބުންނާއި ޔޫކްރޭންގެ މަންދޫބުން އިއްޔެ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ، ހަމަލާތައް މަދުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށްބޭރުގަޔާއި ޔޫކްރޭނާއި ބެލަރޫސް ގުޅޭ ސަރަހައްދުގައި އޮންނަ ޗެރްނިހީވްގައި ހިންގަމުން އައި އަސްކަރީ ހަރަކާތްތައް މަދުކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު އޮލެކްސެންޑާ ޑަނީލިޔޫކް ވިދާޅުވީ އެ ދެ ސަރަހައްދުގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް މަދުކޮށްލީ ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަޝިޔާ ސިފައިން އިއްޔެ އިން ފެށިގެން ކުރި ކަމަކީ، އެހެން ސަރަހައްދުތަކުން އެ ދެ ސަރަހައްދަށް އިތުރު ސިފައިން ގެނައުމެވެ.
އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ވިދާޅުވީ، އެ ދެ ސަރަހައްދުގައި އިއްޔެ ހަމަލާ ބަދަލުކުރި އަޑު ވަރަށް ބޮޑަށް މަދުވެގެން ދިއުމަށް ފަހު، މިއަދުގެ އިރު އެރުމާއެކު އެ ދެ ސަރަހައްދަށް ވެސް ރަޝިޔާ ސިފައިން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ ވެރިރަށް ކިޔޭވް އަށެވެ. ނަމަވެސް މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ކިޔޭވް ނުހިފުމުން ރަޝިޔާ އިން ބުނެފައިވަނީ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމުނީ ކަމަށާއި، ދެވަނަ މަރުހަލާގައި ބޮޑަށް އަމާޒުކުރަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ކަމަށެވެ.
އެ ގޮތުން ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް އަދި ރަޝިޔާ އިން ވެސް އެކަން ބަލައިގެންފައިވާ، ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ތިބި ހަނގުރާމަވެރިންނަށް މަދަދު ފޯރުވައި، އެ ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިކޮށްލުމަށް ރަޝިޔާ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިންގެ ބާރުގަދަކުރުމުގެ ބޭނުމަކީ، އޮލެކްސެންޑާ ޑަނީލިޔޫކް ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިކޮށްލައި ހަނގުރާމައިގައި ރަޝިޔާ ކާމިޔާބު ހޯދައިފިކަން ދުނިޔެ އަށް ދެއްކުމެވެ. އެހެން ނަމަވެސް، ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް ކުރިމަތިވި ނާކިޔާބަށް ބަލާއިރު، ދޮންބާސް ސަރަހައްދުން ވަކިވެގަތުމަށް ބޭނުންވާ ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިކޮށްލުމަކީ ރަޝިޔާ އަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.