30 މާޗް 2022 - 14:06

ސްޓެލްކޯގެ އޮންލައިން ނިޒާމަށް ދިން "ރެންސަމްވެއާ އެޓޭކް" ގެ ސަބަބުން މެދުކެނޑުނު ހިދުމަތްތަކުގެ ތެރެއިން މޯބައިލް އެޕްލިކޭޝަނާއި އީޕޭގެ ހިދުމަތް ރަނގަޅުކޮށްފި އެވެ.
އެޕްލިކޭޝަނާއި އީޕޭ އަކީ ކަރަންޓް ބިލު ދައްކަން އެ ކުންފުނިން ތައާރަފު ކޮށްފައިވާ ހިދުމަތްތަކެވެ. ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ހިދުމަތް އަލުން ރަނގަޅުކޮށް، ލައިވްކުރީ އިއްޔެ އެވެ.
އެޕްލިކޭޝަން ރަނގަޅުވި ނަމަވެސް ބައެއް ގެތަކުގެ ކަރަންޓް ބިލްތައް އަދި އެއިން ނުދައްކަ އެވެ. އެހެން ދިމާވީ، ރެންސަމްވެއާ އެޓޭކާ ގުޅިގެން ހިދުމަތްތައް ޑައުންވުމުގެ ސަބަބުން ސްޓެލްކޯ އަށް ބިލްތައް އަޕްޑޭޓް ނުކުރެވި ހުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ މަހުގެ ބިލްތައް އެޕްލިކޭޝަނަށް އެންޓާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. މިހާރު ބިލުތައް ފެންނަ ކަސްޓަމަރުންނަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ސްޓެލްކޯ އަށް ރެންސަމްވެއާ އެޓޭކެއް ދިނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އެއާއެކު ހުރިހާ ހިދުމަތެއް މެދުކެނޑުނަސް އިއްޔެ އިން ފެށިގެން އެ ކުންފުނީގެ މައި އޮފީހުން ބައެއް ހިދުމަތްތައް ދޭން ވަނީ ފަށައިފަ އެވެ.
ހެކަރުން ދޭ ރެންސަމްވެއާ އެޓޭކްތަކުގައި، އޮންލައިންކޮށް ލިބޭ ޑޭޓާތައް ކޮންޓްރޯލުކޮށް، އެ ޑޭޓާތައް ބްލޮކް ކުރުމުގެ ބާރު ހޯދަ އެވެ. އަދި ޑޭޓާތައް އަނބުރާ ދޫކުރަން ފައިސާ އަށް ވެސް ޑިމާންޑް ކުރާ ހާލަތުތައް އާދެ އެވެ.
ނަމަވެސް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ އެއްވެސް ޑިމާންޑެއް ހެކަރުންގެ ފަރާތުން އެ ކުންފުންޏަށް މިހާތަނަށް ނުލިބޭ ކަމަށެވެ.