22 ޑިސެމްބަރ 2016 - 11:48

ކަނޑު އުޅަނދުފަހަރު އުޅޭ ސަރަހައްދު ފަސޭހަ އިން ބަލައިލެވޭ އުރީދޫ ލޮކޭޓް ސެޓަލައިޓްގެ ހިދުމަތް، ގަލްފް ކްރާފްޓުން ބަންނަ އުޅަނދުތަކުގައި ހިމެނުމަށް މިއަދު އެއްބަސްވެއްޖެ އެވެ.

އުރީދޫގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި ގަލްފް ކްރާފްޓުގެ ޕްރޮޑަކްޝަން މެނޭޖަރު ޓެރީ ސްޓަމާޓަކޮސް އެވެ.
އެ ރަސްމިއްޔާތުގައި، އުރީދޫގެ ސީއީއޯ ސިންހަ ވިދާޅުވީ ގަލްފް ކްރާފްޓް ފަދަ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކަނޑު އުޅަނދުފަހަރު ބަންނަ އެއް ކުންފުންޏާ އެކު ބައިވެރިވުމަކީ އުރީދޫ އަށް ލިބޭ އުފަލެެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އުރީދޫގެ ލޮކޭޓް ސެޓަލައިޓް ޑިވައިސް ހަރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އުޅަނދު ބަންނައިރު ގަލްފް ކްރާފްޓުން އެކަން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިންހަ ވިދާޅުވި ގޮތުގައި އުރީދޫން ހިދުމަތް ދޭ ގައުމުތަކުގެ ތެރެއިން ލޮކޭޓް ސެޓަލައިޓްގެ ހިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމަކީ ރާއްޖެ އެވެ. އިންޑޮނީޝިއާ ފަދަ އުރީދޫން ހިދުމަތް ދޭ އެހެން ބައެއް ގައުމުތަކުން ވެސް މި ހިދުމަތް ފެށުމަށް ބޭނުންވާ ކަމަށާއި ރާއްޖޭގެ ތަޖުރިބާ އަށް ބެލުމަށް ފަހު އެ ގައުމުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރާއްޖޭން ބެސްޓް ޕްރެކްޓިކްސް އެހެން ގައުމުތަކަށް ގެންދެވޭނެ އެއް ދާއިރާ،" ސިންހަ ވިދާޅުވި އެވެ.
ގަލްފް ކްރާފްޓުގެ ޕްރޮޑަކްޝަން މެނޭޖަރު ޓެރީ ވެސް ވިދާޅުވީ އުރީދޫއާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިކަމުގެ ސަބަބުން، އެ ކުންފުނިން ބަންނަ އުޅަނދުފަހަރުގެ ފެންވަރު މިހާރަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 10 ގައި ތައާރަފްކުރި އުރީދޫގެ ލޮކޭޓް ސެޓަލައިޓް، މާލޭގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު މެދުވެރިކޮށް ޕްރީ އޯޑަރު ކުރެވޭނެ އެވެ. މި ހިދުމަތް ބޭނުންކުރުމަށް ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެެވެ. އެއީ އުރީދޫ ލޮކޭޓް ސެޓެލައިޓް 599، އުރީދޫ ލޮކޭޓް ސެޓެލައިޓް 799 އަދި އުރީދޫ ލޮކޭޓް ސެޓެލައިޓް 1199 އެވެ.
މަސްވެރިންނަަށް ހާއްސަކޮށް ސެޓަލައިޓް މެދުވެރިކޮށް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ވެސް އުރީދޫން ވަނީ މިދިޔަ އޮކްޓޯބަރު މަހު ފަށައިފަ އެވެ.
މަސްވެރިންނަށް ހާއްސަކޮށް ތައާރަފް ކުރީ ތުރާޔާގެ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސްތަކެވެ. އުރީދޫން ވިއްކާ މި ޑިވައިސްތަކަކީ ސްމާޓްފޯނުތައް ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްލާ އެޑެޕްޓަރުތަކެކެވެ. އާއްމުކޮށް ދޫކުރާ ނެޓްވޯކު ލިބުން ދަތި ސަރަހައްދުތަކުގައި ބޭނުންތެރި މި ވަސީލަތްތައް މެދުވެރިކޮށް ފޯނާއި މެސެޖު ކުރެވުމުގެ އިތުރަށް، އީމެއިލް އަދި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ އެވެ. އަދި މި ދެ އެޑެޕްޓަރުގައި ވެސް ސްމާޓްފޯނެއްގެ އެހީއާ ނުލާ ބޭނުންކުރެވޭ ސަލާމަތީ (އެސްއޯއެސް) ފީޗައެއް ހިމެނެ އެވެ.
މަސްވެރިންނަށް ހާއްސަކޮށް ސެޓަލައިޓް މުވާސަލާތީ ހިދުމަތް އުރީދޫން ފެށިއިރު، ކަނޑުގައި ދުއްވާ ކޮންމެ އުޅަނދެއްގައި އަންނަ އަހަރުން ފެށިގެން ސެޓަލައިޓްގެ ހިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ހުރުން ވަނީ ލާޒިމްކޮށްފަ އެވެ.