30 މާޗް 2022 - 12:22

ރޯދައަށް ބޭނުންވާ ތަކެތި ގަންނަން ހއ. އުތީމުން އެ އަތޮޅު ދިއްދުއަށް ދިޔަ މީހަކު އެކްސިޑެންޓުވެ ސީރިއަސް ޒަަހަމްތަކެއް ވުމުން ފަރުވާއަށް ރޭ މާލެ ގެނެސްފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ފިރިހެން މީހާ އިއްޔެ ހަވީރު އެކްސިޑެންޓުވީ ސައިކަލަކަށް އަރައި ސްޓާޓްކޮށްލުމާ އެކު ސްޕީޑު އަރައިގެން ގޮސް ކޮންޓްރޯލް ނުވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އެއާބްލޭޑް ސައިކަލް ސްޓާޓްކޮށްލުމާ އެކު ޖެހިގެން ހުރި ފިހާރައިގެ ބިއްލޫރިގަނޑުގައި ޖެހި، އެ ފިހާރައިގެ ތެރެއަށް ވިއްސައިގެން ދިޔައީ އެވެ.
ބިއްލޫރިގަނޑު ތަޅައިގެން ދިއުމުން އޭނާގެ އަތުގެ ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުރި ކަމަށް އާއިލާއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
އިއްޔެ ހަވީރު އެކްސިޑެންޓުވުމާ އެކު އެ މީހާ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކަމަކު، އިތުރު ފަރުވާ ދޭން ޖެހޭތީ ރޭ މާލެ ގެނައީ އެވެ.
އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެތަނުން މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.