ޖަހަތު
ޖަހަތު

އާދިއްތަ ދުވަހާ ގުޅޭ

ދެން ވާނެ ގޮތަކާ މެދު ފިކުރެއް ހިޔާލެއް ނެތިއެވެ. ސޮއިކުރި ފަހުން ހިތަށްއެރިއެވެ. މި ކުރެވުނީ ކީއް ހެއްޔެވެ؟ އެ ދުވަހު ގެއަށް އައި އިރު ވެސް އަހަރެންގެ ހިތުގައި އުފެދިފައިވަނީ އެ ސުވާލެވެ. ކާޑުގައި އަހަރެން ސޮއިކުރީ ކީއްކުރަން ހެއްޔެވެ؟ އެއީ، ކޯޗެއް ސާބިތުކޮށްދޭން އަހަރެން ކުރި ކަމެއް ހެއްޔެވެ؟ ފަހަރެއްގައި މިފަންނު އަލުން އެ ކާޑަށް ނުބަލަފާނެއެވެ. ބެލުމުގެ ބޭނުމެއް ވެސް ނެތެވެ. ވީމާ، އަހަރެންގެ ނަން ކާޑުގައި އަލުން އޮތަސް އެކަކަށް ވެސް އެ ކަމެއް ނޭނގޭނެއެވެ. އެ ހިތްހަމަޖެހުމުގައި އަހަރެން ކާޑުގެ މަތިން ހަނދާންނައްތައިލީމެވެ. އެހެނަސް، މިފަންނު މަތިން ހަނދާން ނައްތައެއް ނުލެވުނެވެ.

މިފަންނު ކުރި އެންމެ ކަމެއްގެ ސަބަބުން އަހަރެންގެ ހިތުގައި އުފެދުނީ ކޯޗެއް ހެއްޔެވެ؟ އެއީ ޝުއޫރެއް ހެއްޔެވެ؟ ލޯބި ހެއްޔެވެ؟ އެ ގުޅުމަށް ދޭނެ ނަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ދުވަހަކު ވެސް މީހަކު ދެކެ ލޯތްބެއް ނުވަމެވެ. ލޯބިވުމުން ދެން ވަނީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ، އެންމެ ފޫހިވި މީހާއަކީ އެންމެ ގަޔާވާ މީހާ ކަމުގައި ވެއްޖެކަމެވެ. އެންމެ ބޮޑާކަމަށް ހީކުރި މީހާއަކީ އެންމެ އޯގާވެރިމީހާ ކަމުގައި ވެއްޖެކަމެވެ. އޮފީސް އެންމެނަށް ވީ ގޮތް އަހަންނަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް، ހަގީގަތް ވާނީ ހަގީގަތަށެވެ.

އާ ދުވަހަކަށް އިރުއެރިއެވެ. އޮފީހަށް ދާ ހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެ ކަން ވެސް އެނގޭނީ އަހަންނަށް އެކަންޏެވެ. ސައިބޯން އިން އިރު ވެސް ގިނައިން އަހަންނަށް ބެލުނީ ގަޑިޔަށެވެ. މަންމަ އެ ކަމާ ސުވާލު ވެސް ކުރިއެވެ. ސުވާލު އިވުނުކަމަކަށް އަހަރެން ނަހަދަމެވެ. އޮފީހަށް ވަދެފައި އަހަންނަށް ބެލެނީ މިފަންނުގެ ކޮޓަރިއަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތާ އަހަރެން ސުވާލުކުރީމެވެ. ހިތް ބުންޏެވެ. މާފަށް އެދެން އަހަރެން ބޭނުންވަނީއެވެ. ހިތަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

ލޯބިވެރިންގެ ދުވަސް ކައިރިވަމުން އައެވެ. އޮފީސް ތެރޭގައި ވެސް އެ ވާހަކަ ދެކެވުނެވެ. ކޮންމެ މީހެއްގެ ވެސް ހަދިޔާ ދޭނެ މީހަކު ހުއްޓެވެ. އަހަންނާއި ޝިފާ ފިޔަވައެވެ. އަހަރުމެންނަށް ކުރެވުނުހާ ވެސް ކަމަކީ ހިޔާލީފޮލާ ކެއްކުމެވެ. އަހަރުމެންގެ ފޮނި ހުވަފެންތައް މަތިން ހަދާންކުރުމެވެ. އަހަރެން ދުށް ގޮތުގައި މާލެއިން "ރީތި" ފިރިހެނުން ހުސްވެއްޖެއެވެ. ބޭރުން މުދާ އެތެރެކުރާހެން ރީތި ފިރިހެނުން ވެސް އެތެރެކުރާ ހިސާބަށް މައްސަލަ ސީރިޔަސް ވެއްޖެއެވެ. ފިރިހެނުންގެ އަހަންނަށް ކަމުދާ ސިފަތައް ޝިފާއަށް ކިޔައިދެނިކޮށް، ތި ކިޔައިދެވެނީ މިފަންނުގެ ސިފަތަކޭ ހިތް ބުންޏެވެ. އެ ހިސާބުން އަހަންނަށް މަޖުބޫރުވީ މިފަންނާ ދިމާ އިދިކޮޅު ސިފަތަކެއް ކިޔާށެވެ.

"އަހަންނާ އެންމެ ކްލޯސް މީހަކީ ރީމާ. އެހެންވެ ރީމާއަށް ވަރަށް ޓްރަސްޓުކޮށްފަ ވާހަކައެއް ބުނެފާނަން،" ވަށައިގެން ބަލައިލަމުން، މަޑުމަޑުން ޝިފާ ބުންޏެވެ. "އަހަރެން ހިތަށްއަރާ ބޮސްއާ މެރީކުރެވޭނެ ނަމައޭ."

މިފަންނު ދެކެ އެހެން މީހަކު ލޯބިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް ޝިފާ ކުށްވެރިކުރާނީ ކިހިނެއް ހެއްޔެވެ؟ މިފަންނު ފެންނަ ކޮންމެ މީހަކު ވެސް އޭނަ ދެކެ ލޯބިވާނެއެވެ. ޝިފާ ކަހަލަ އަންހެނުން ހާދަހާ ގިނަވެއްޖެއެވެ. އެ މީހުން މަރުވާނީ ލޯބިވެރިޔާ ގާތުގައި ލޯބިވާ ވާހަކަ ބުނަން ނުކެރިއެވެ. އެ ލިސްޓަށް ނަން އަރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ނިންމީ އެ ވާހަކަ ބުނާށެވެ. ހިމޭން ބަހުރުވައިން ވިޔަސް ވެހެވެ.

ދެން އެންމެ އަވަހަށް ބައްދަލުވުމެއް ބޭއްވި ދުވަހު އަހަރެން ހުރީ، ދުރާލައި ތައްޔާރުވެގެންނެވެ. މިފަންނާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު، ވިހަލައިފައިވާ ތީރެއް އަހަރެން ފޮނުވަން ފެށީމެވެ. މިފަންނު ނޫން މީހަކަށް އެ ކަމެއް ނޭނގޭނެއެވެ. ފުރަތަމަ ތިން ފަހަރު ތީރު އަމާޒަކަށް ވާސިލެއް ނުވިއެވެ. އެކަމަކު ހަތަރުވަނަ ފަހަރު މިފަންނުގެ ހިތް ފޫއަޅުވައިލީމެވެ. އޭނައަށް އެރި ލޮޅުމާއި، ވީ ތަދާއި، ލިބުނު ހައިރާންކަން އަހަރެން ދުށީމެވެ. އެ ބައްދަލުވުން ނިންމައިލަމުން އަހަރެން މަޑުކޮށްލުމަށް މިފަންނު އެދުނެވެ. އެއީ އާ ކަމެއް ނޫނެވެ. އެކި ބައްދަލުވުންތަކުގައި އެކި މުވައްޒަފުން ގާތުގައި މިފަންނު އެހެން ބުނެއެވެ.

އެންމެން ހުސްވިއެވެ. ޖަލްސާ ކޮޓަރީގައި ތިބީ އަހަންނާއި މިފަންނެވެ. ޔަގީނުން ވެސް އަހަރެންގެ ހިތް މެޔަށް ނުތަކާ ވަރުވިއެވެ.

"ރީމާއަށް މިހާރު އެނގޭނެ އަހަރެންގެ ޑިޕާޓުމަންޓާ މި އޮފީހުގެ އެހެން ޑިޕާޓުމަންޓުތަކާ ކިހާ ތަފާތުކަން،" އިނގެރޭސި ބަހުން މިފަންނު ބުންޏެވެ. "އަހަރެންގެ މުވައްޒަފުންނަކީ އަހަރެންގެ އާއިލާ. ވަރަށް ގާތްކޮށް އަހަރެން އުޅޭނީ. އަހަރެން އެބަ ގަސްތުކުރަން މުވައްޒަފުންގެ އުފަންދުވަސް، ޑިޕާޓުމަންޓު ފެންވަރުގަ ފާހަގަކުރަން. އެހެންވީމަ، ރީމާ ކޮށްދޭންވީ ކަމަކީ އެންމެންގެ އުފަންދުވަސް ޖަހާފަ ލިސްޓެއް ތައްޔާރުކޮށްލަންވީ. ފުރަތަމަ ހިނގާ އަހަރުމެންގެ ނަން ޖަހަމާ ދޯ."

މިފަންނުގެ ނަން އަހަރެން ނޯޓުކުރުމުން އޭނަގެ އުފަންދުވަސް ބުންޏެވެ. އަހަރެންގެ އުފަންދުވަސް އެހިއެވެ. ނޯޓުކުރަން ބުންޏެވެ. އެއަށް ފަހު، ވީހާ ވެސް އަވަހަކަށް ލިސްޓު ތައްޔާރުކުރަން ބުނެފައި އޭނަ ދިޔައީއެވެ. މިފަންނު ކަންތައްކުރީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ކުރި އިޝާރާތް އެނގި ހުރެ މިފަންނު ނޭނގޭކަމަށް ހެދީ ހެއްޔެވެ؟ އެ ވަގުތު އަހަރެން ހީކުރީ އެހެންނެވެ. އެ ދުވަހު އަހަރެން އުޅުނީ އެ ލިސްޓެއް ތައްޔާރުކުރުމުގައެވެ.

އަހަރެން ފޮނުވައިލި ތީރާއި މިފަންނު ހަވާލުކުރި މަސައްކަތް ގުޅުވައިލެވުނީ ރޭގަނޑުއެވެ. އެ ކަން އަހަންނަށް ކޮށްދިނީ އަހަރެން ނިކަމެތި ހިތެވެ. ހިތް ބުންޏެވެ. މިފަންނު އެ ބުނެދިނީ ދެ މީހުންގެ މެދުގައި ހުރި އުމުރުގެ ފަރަގެވެ. މާނައަކީ، އަހަރެން "ބުނީ" ކީކޭކަން މިފަންނަށް އެނގިއްޖެއެވެ. އޭނަ ބޭނުންވީ އެ ވާހަކަ ނުވެސް ދައްކާ އަހަންނަށް ވިސްނައިދޭށެވެ.

"ސީރިޔަސްލީ؟" ހިތާހިތުން އަހަންނަށް ބުނެވުނެވެ. "އަހަންނަށް ތީތި ގެޓްނުވިކަމަށް ހަދައިފިއްޔާ ޔޯ؟"

މިފަންނުގެ އުފަންދުވަސް އައެވެ. އެ ދުވަހުގެ މެންދުރު އޮފީހުގައި އުފަންދުވަސް ފާހަގަކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އަހަރެން އޮފީހަށް ދިޔައީ ޗޮކުލެޓެއް ގަނެގެންނެވެ. އޮފީހަށް ގޮސް އިނދެގެން އަހަރެން އެ ޗޮކުލެޓު ތެރެއަށް ނޯޓެއް ލީމެވެ. އެ ނޯޓުގައި އޮންނާނީ އިނގެރޭސި ތިން ލަފުޒެވެ. އައި ލަވް ޔޫއެވެ. އެ ވާހަކަ ބުނެގެން އަހަންނަށް ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް އަހަރެންނަކަށް މައްސަލައެއް ނެތެވެ. މައްސަލައަކަށް ވާނީ އެ ސިއްރު ގަބުރުސްތާނުގައި ވަޅުލެވިއްޖެ ނަމައެވެ. އަހަރެން ގަލަމުން ލިޔެލައިފައި ކަރުދާސްކޮޅު، ޗޮކުލެޓުގެ އުރައިގެ ތެރެއަަށް ކޮއްޕައިލީމެވެ. ޗޮކުލެޓު ދަބަހަށް ލީމެވެ. މިފަންނުގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަތީމެވެ. އެ ވަގުތު އަހަރެންގެ ފޯނަށް ކޯލެއް އައެވެ. ގުޅީ މިފަންނެވެ. ކޮޓަރިއަށް އައުމަށް އެދުނެވެ. އަހަރެން ހިތަށްއެރިއެވެ. ކިހައި ރަނގަޅު ދަނޑިވަޅެއް ހެއްޔެވެ؟

"ދޮރު ލައްޕާލާ!" ކޮޓަރިއަށް ވަނުމުން، ކުރިން ނުބުނާ އެއްޗެއް މިފަންނު ބުންޏެވެ.

އަނެއްކާ ވެސް ނަސީބު އަހަރެންގެ އަތުގައި ހިފި ކަހަލައެވެ. މިފަންނު އެހެން ނުބުނި ނަމަވެސް އަހަރެން ދޮރު ލެއްޕީމުހެވެ. އިށީނުމަށް އިޝާރާތްކުރުމުން އަހަރެން އިށީނީމެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އަހަރެން ދަބަސް ހުޅުވައިލީމެވެ.

"އަހަންނަށް އެބަ ހީވޭ ރީމާ ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން." މިފަންނު އިނގެރޭސިބަހުން ބުންޏެވެ.

އަހަރެން ޗޮކުލެޓު ނަގަން އުޅެނިކޮށް މިފަންނު ޗޮކުލެޓެއް ދައްކައިލިއެވެ. އޭގެ ތެރެއިން ކަރުދާސްކޮޅެއް ނެގިއެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ދަބަހަށެވެ. އަހަރެންގެ ދަބަހުގައި ޗޮކުލެޓު އޮތެވެ. މިފަންނު ކަރުދާސްކޮޅު ނިއުޅުވައިލިއެވެ.

"އައި ލަވް ޔޫ!" ކަރުދާސްކޮޅުގައި އިނގެރޭސިބަހުން ޓައިޕުކޮށްފައި އޮތެވެ.

"ހިޔެއްނުކުރަން އެ ވަރަށް ވިސްނައިދިނީމަ މި ކަހަލަ މޮޔަކަމެއް ކުރާނެކަމަކަށް،" އިނގެރޭސިން މިފަންނު ބުންޏެވެ. "ރީމާ ދޯ މޭޒުމަތީގައި މި ޗޮކުލެޓު ބޭއްވީ؟"

އެ ކަން ކުރާނެކަމަށް އަހަންނަށް ބެލެވުނީ އެންމެ ކުއްޖެކެވެ. ޝިފާއެވެ. އޭނަ އެންމެ ފަހުން ހިތް ހުޅުވައިލީތާއެވެ. ދެރައީ އެހައި ފިނޑިކޮށް އެ ކަން ކުރީމައެވެ. ކުޑަ މިނުން ނަން ޖަހައިލަން ޝިފާއަށް ނުކެރުނީމައެވެ.

"ރީމާ! އަހަރެން އުޅެނީ މީހަކާ އިނދެގެން. ފަސް ކުދިން އެބަ ތިބި." މިފަންނު ބުންޏެވެ.

އަހަރެންގެ ހުވަފެން ކުނޑިކުނޑިވެގެން ބިމަށް ފޭބި އަޑު ގައިމު ވެސް އަހަންނަށް އިވުނެވެ. ވަގުތުން އަހަރެން ރަތް ރޮނގު ދަމައިލީމެވެ.

"ތީ އަހަރެން ބޭއްވި އެއްޗެއް ނޫން،" އަހަރެން ދަބަހުން ޗޮކުލެޓު ނަގަމުން ބުނީމެވެ. "މިއޮތީ އަހަރެން ގެނައި ޗޮކުލެޓު."

ވަގުތުން މިފަންނުގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އިތުރު އެއްޗެއް ނުބުނެ އަހަރެން އެ ތަނުން ތެދުވީމެވެ. ފިނޑިކަމަކުން ނޫނެވެ. ލޮލުން ފޭދުނު ކަރުނަ މިފަންނަށް ނުދައްކަން ވެގެންނެވެ. އަހަރެން އައި ގޮތަށް އައީ ގެއަށެވެ. ކޮޓަރިއަށް ވަދެ މޫނުމަތީގައި ބާލީސްއަޅައިފައި ރޮއިގަތީމެވެ. އަޑުގެކޮޅަށް ހަޅޭއްލަވައިގަތީމެވެ. ހިތް ދިނުމުގެ ކުރިން، އެ އުމުރުގެ މީހަކު ހުސްހަށިބަޔަށް ނުހުންނާނެކަން އަހަންނަށް ވިސްނުނު ނަމައެވެ. އަހަރެން ލެވި ހަޅޭކާއި، ކަރުނަ ވެސް ބާލީހަށް އޮބުނެވެ. އަހަރެން ދުށް ހުވަފެންތައް ވެސް މެއެވެ. އެ ދުވަހު އަހަރެން ވަޒީފާއިން ވަކިވީމެވެ. އެއީ އަހަރެން އުންމީދުކުރި ގޮތެއް ނޫނެވެ.

އަހަރެން ސޮއިކުރި ކާޑު، ކޮންމެވެސް ދުވަހަކުން މިފަންނަށް ފެންނާނެކަން ޔަގީނެވެ. އެ ދުވަހަކުން އޭނަ ހިތަށްއަރާނީ ކީކޭކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ދުވަހެއްގައި އަހަރެން ހުންނާނީ، ހަޔާތުގެ ކިހާ ހިސާބެއްގައިކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ފިރިޔަކު ހުރެދާނެއެވެ. ދަރިން ވެސް ތިބެދާނެއެވެ. އެކަމަކު، އަހަރެންގެ ހިތުގެ ބަގީޗާގައި ދެން މަލެއް ނުފޮޅޭނެއެވެ. އެހެން މީހެއް ދެކެ ދެނެއް ލޯތްބެއް ނުވެވޭނެއެވެ. މީހުން ބުނެއެވެ. ކޮންމެ ވާހަކައަކަށް އުފާވެރި ނިމުމެއް އަންނަންޖެހޭނެއެވެ. ލޯބިވާ މީހެއް ހުރުން އެއީ އުފަލެއް ނޫން ހެއްޔެވެ؟ ދެކޭ ހިތްވާ މީހެއް ހުރުން އެއީ ނަސީބެއް ނޫން ހެއްޔެވެ؟ ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ. އެއްވެސް މީހަކަށް އޭނަގެ ފުރަތަމަ ލޯތްބެއް ކާމިޔާބެއް ނުވާނެއެވެ.

ނިމުނީ