29 މާޗް 2022 - 22:18

މީގެ ހަތް އަހަރު ކުރިން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ، ފުލުހުންގެ ފްލެޓުތައް މި އަހަރު ތެރޭގައި ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް ވަރަށް ކުރީއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަދިވެސް ހައްލު ނުލިބޭ ކަމަށެވެ.
އެއީ ސަރުކާރުތަކުން ނެއްޓިގެން ލައްގަމުން އައި މަޝްރޫއެއް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލު ކޮށް މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް [ޕުލުހުންގެ ފްލެޓުތައް] ނިންމުން،" ރައީސް ވިދާޅުވި އެވެ.
ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ހަތް އަހަރު ވުމަކީ ފުލުހުންގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
މި ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީން މެނޭޖްުކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ މި ޕްރޮޖެކްޓް ކުރިން ހިންގީ ފުލުހުންގެ ކުންފުނި ޕޮލްކޯގެ ބެލުމުގެ ދަށުންނެވެ. މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުން އޮޑިޓެއް ހެދި އެވެ. އެކަމަކު އެ އޮޑިޓުން މައްސަލަތަކެއް ފާހަގައެއް ނުވެ އެވެ.
މި މަޝްރޫއާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ.