29 މާޗް 2022 - 22:12

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތުން ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ބޭނުންވި ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާ އަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ފުލުހުންގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެެރުވުމަކީ މި ސަރުކާރާ ރައްޔިތުން ހަވާލު ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.

ރައްޔިތުން ބޭނުންވީ ޔުނިފޯމުގައި ހުންނަ ފުލުހަކު ފެނުމުން އެއީ ނުރައްކަލެއް ނޫން ކަން އިހުސާސްވާން ކަމަށާއި ފުލުސް ޔުނިފޯމާއި ބެލްޓުގައި ހުންނަ އާލަތްތަކަކީ ހިމާޔަތެއް ކަމުގައި ގަބޫލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިހާރު އެ ބަދަލު ގެނެވިއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ، ތަސްވީރުގެ ކުލަ ރީތި ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
މި އަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރާނެ ކަމަށާއި 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި މަދު ރަށްރަށެއްގައި ނެއިބާހުޑް ޕޮލިސިން ހިންގާނެ ވާހަކަ ވިދާޅުވިނަމަވެސް މިހާރު ފުލުހުންގެ ހިދުމަތް ގާއިމްވެފައި ހުރި ހުރިހާ ރަށެއްގައި އެ ހިދުމަތް ދިނުމަށް ތަމްރީންތައް ކުރިޔަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ބޮޑީ ވޯން ކެމެރާ ފަދަ ޒަމާނީ އާލަތްތައް ފުލުހުންގެ ހިދުމަތުގެ ތެރެއަށް ތައާރަފް ކުރުމާުގެ މުހިންމު ކަމާއި ކުރިޔަށް އޮތް ތަނުގައި އާ ޓެކްނޮލޮޖީގެ ވަސީލަތްތައް އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އައްޑިހަ ނުވަ އަހަރު ވިޔަސް ހަގީގަތުގައި ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރީ މާޒީގައި ހުއްޓިފައި،" ރައީސް ވިދާޅުވި އެވެ. "ސަރުކާރުން މަސައްކަތް ކުރާނީ ތިބޭފުޅުންނަށް އޮތް މި ބުރަ ލުއި ކުރުމަށް. އަދި ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް."
ރާއްޖޭގައި އިންތިޒާމް ވެގެން ހިންގާ ކުށްތަކާއި ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށާއި މިހާރު އެކަމަކީ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލަކާ ހަމަޔަށް އުފުލާ މަންޒަރު ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހުއްޓުވައި ކޮންޓްރޯލްކުރަން ޓާސްކްފޯހެއް އެކުލަވާލައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގޭ ބިންގަރާހުގައި ގުދަން ކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން، އެ މީހުންގެ ބޯޓުތަކުން ރާއްޖެ ވަނުމުގެ ކުރިން ހިފަހައްޓާ އަތުލައިގަތުމުގައި އަވަށްޓެރި ގައުމުތަކުން އެހީތެރިވޭ، މިކަމުގައި އެ މީހުންނަށް ހިމަ ނަރެއްގެ ޖާގަ ވެސް ނުދެވުމަށް ތިޔަ ކުރައްވާ މަސައްކަތް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އަންހެނުންގެ ލީޑާޝިޕްގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ޒަމާނީ ތަހުގީގީ ހުނަރު ލިބިފައި ތިބި ފުލުހުން އުފައްދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.