އުމުރުފުރާތައް އިތުރުކޮށް "އަލިމަގު" ގުރުއާން ޗެލެންޖަށް ހުޅުވާލައިފި
އުމުރުފުރާތައް އިތުރުކޮށް "އަލިމަގު" ގުރުއާން ޗެލެންޖަށް ހުޅުވާލައިފި

ކުޑަކުދިން ގުރުއާނަށް އަހުލުވެރިކުރުމަށް އަމިއްލަ ފަރާތަކުން ކުރިއަށް ގެންދާ "އަލިމަގު ގުރުއާން ޗެލެންޖް 2022" ގައި ބަައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު ބާއްވާ ގުރުއާން ޗެލެންޖުގައި އޮންލައިންކޮށް ބައިވެރިވެވޭނީ quiz.alimagu.com އިންނެވެ. އަލިމަގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ރަޖިސްޓްރީކުރެވޭނެ އެވެ.

އެކައުންޓް ވެރިފައިވުމުން އެ ދަރިވަރަކު ދަސްކުރަން ކަނޑައަޅާފައިވާ ހުރިހާ ބައިތަކެއް ހިމެނޭ ޕީޑީއެފް ފައިލެއް ފެންނާނެ އެވެ. ދަސްކުރަންޖެހޭ ބައިތައް ޑައުންލޯޑްކޮށްގެން ދަސްކުރުމާއި އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ސުވާލުތައް ފަރިތަކުރުން މިހާރު ވެސް ކުރިއަށް ގެންދެވޭނެ އެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ބާއްވާ "އަލިމަގު ގުރުއާން ޗެލެންޖު" އިންތިޒާމު ކުރައްވާ އަހުމަދު ސައީދާއި ޝުރުފަތު އަބްދުﷲ އަކީ "ގުރުއާން ކިޔެވުމަށް އަލިމަގެއް" ފޮތް ލިޔުއްވި ދެ ބޭފުޅުންނެވެ.

ސައީދު، "މިހާރު" އަށް ވިދާޅުވީ އަހަރަކަށް ވުރެ އަހަރެއް އެ ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި މިފަހަރުގެ މުބާރާތުގައި 16 އުމުރުފުރާއަކަށް އެ ޗެލެންޖުގައި ބައިވެރިވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕްރީސްކޫލުން ފެށިގެން ކޮލެޖް ދަރިވަރުން ހިމެނެ އެވެ.

މިދިޔަ އަހަރު ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ އެންމެ ފަސް އުމުރުފުރާއަށެވެ. އެކަމަކު އެފަހަރު ވެސް 365 ދަރިވަރުން އެ ޗެލެންޖުގައި ބައިވެރިވި އެވެ.

"ފުރަތަމަ ފެށިއިރު 100 އެއްހާ ކުދިން ބައިވެރިވީ. މިދިޔަ އަހަރުގެ 365 ކުއްޖަކު ބައިވެރިވި. އެހެންވީމަ ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް މި ގުރުއާން ޗެލެންޖަށް ލިބެމުންދަނީ،" އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތުގައި ގުރުއާނުގެ ކުރު ސޫރަތްތަކާއި ނަމާދާއި ގުޅޭ އާޔަތްތަކާއި މައިންބަފައިންނަށް ކިޔަމަންތެރިވުމާ ގުޅޭ އާޔަތްތަކާއި ކެތްތެރިކަމާ ގުޅޭ އާޔަތްތަކާއި ގުރުއާނުގައިވާ ބައެއް ދުއާރަކުގެ މާނަ އާއި ތަޖްވީދުގެ ބައެއް ބައިތަކާއި ގުރުއާނުގެ މައުލޫމާތުގެ ސުވާލާއި ސޫރަތުގެ ނަންތަކަށް ބަލައިގެން ސޫރަތްތައް ތަރުތީބުކުރުމާއި ސޫރަތްތަކުގެ ނަމާއި ފުރަތަމަ އާޔަތް ގުޅުވުން ހިމެނެ އެވެ. އެ ޕްރޮގްރާމްގައި ރާއްޖޭގެ ތައުލީމީ މުގައްރަރުގެ އިސްލާމް މާއްދާގެ ގްރޭޑް 1-10 ގައި ހިމެނޭ ހަދީސްތައް ވެސް ހިމަނާފައިވެ އެވެ.

އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ އެ ހުރިހާ ބައިތަކުން ވެސް ދަސްކުރަން ކޮންމެ އުމުރުފުރައަކަށް ވަކި މިންވަރެއް ކަނޑައަޅާފައިވާ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ޗެލެންޖުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

އެ ޕްރޮގްރާމަށް 118،500ރ. ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެ އެވެ. ކޮންމެ އުމުރުފުރާއަކުން ވެސް އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ބައިވެރިންނަށް ފައިސާގެ އިނާމުދޭ ގޮތަށް ހަމަޖެހިފައިވެ އެެވެ. އެންމެ ހަގު އުމުރުފުރާއަށް 1،000ރ. ގެ އިނާމެއް ކަނޑައަޅާފައިވާއިރު އެންމެ ދޮށީ އުމުރުމަށް ކަނޑައަޅާފައި ވަނީ 5،000ރ. އެވެ.