29 މާޗް 2022 - 19:58

މޮސްކޯ (މާޗް 29) - ޔުކްރޭންގެ ދެ ސަރަހައްދެއްގައި އަސްކަރީ އޮޕަރޭޝަން ވަރަށް ބޮޑުތަން ކުޑަކުރަން ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.
ވެރިރަށް ކިޔޭވް ވަށައިގެންވާ ސަރަހައްދާއި އުތުރުގެ ޗާނިހިވް ސިޓީގައި ކޮމްބެޓް އޮޕަރޭޝަން ދަށްކުރިއިރު ސުލްހައިގެ ވާހަކަތަކުގެ އާ ބުރެއް މިއަދު ވަނީ ތުރުކީގައި ފަށައިފަ އެވެ. މިއީ ފެބްރުއަރީ 24 ވަނަ ދުވަހު ޔުކްރޭނަށް އަރައިގަތް ފަހުން، ހަމަލާތަކަށް މަޑުޖެހުމެއް ގެންނާނެ ކަމަށް ރަޝިޔާ އިން ބުނި ފުރަތަމަ ފަހަރެވެ.
ރަޝިޔާ އިން އެންމެ ބޮޑަށް ޑިމާންޑް ކުރަމުންދަނީ ޔުކްރޭން ވަކި ފަރާތަކަށް ނުޖެހި އޮތުމަށެވެ. ޔުކްރޭނުން ވަނީ ސަލާމަތީ ގޮތުން ގެރެންޓީ ދޭ ނަމަ ރަޝިޔާގެ އެ ޝަރަތަށް އެއްބަސްވެފަ އެވެ. ޔުކްރޭނަށް ރަޝިޔާ އިން ހަމަލާ ދިން ސަބަބުތަކުގެ ތެރޭގައި ވެސް ނޭޓޯގައި ބައިވެރިވާން ޔުކްރޭނުން މަސައްކަތް ކުރުން ހިމެނެ އެވެ.
ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ރަޝިޔާގެ ފޮރިން މިނިސްޓަރުގެ ނައިބް އެލެގްޒެންޑާ ފޮމިން ވިދާޅުވީ ޔުކްރޭން ވަކި ފަރާތަކަށް ނުޖެހުމާއި ނަން- ނިއުކްލިއާ ސްޓޭޓަސް އަދި ސެކިއުރިޓީ ގެރެންޓީގެ ދާއިރާއިން، ވާހަކަތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށެވެ. އަދި ހަމަލާތައް މަދުކުރަން ޑިފެންސް މިނިސްޓްރީން ނިންމީ ސުލްހައިގެ މަޝްވަރާތަކުގެ އިތުރު ބުރަކަށް ފުރުސަތު ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްތަންބޫލް މަޝްވަރާތަކުގައި ބައިވެރިވާ ޔުކްރޭނުގެ މެންބަރެއް ކަމަށްވާ އޮލެކްސަންދާ ޗާލީ ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހި އޮންނަން ހުށަހެޅީ ގައުމުގެ ސަަލާމަތާއި ރައްކާތެރިކަން، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް، ކަށަވަރު ކުރުމަށް ކަމަށެވެ.
މަޝްވަރާތަކުގައި ރަޝިޔާ ތަމްސީލްކުރާ އިސް މެމްބަރު ލަޑިމިއާ މެޑިންސްކީ ވިދާޅުވީ ވާހަކަތަކުން ކުރިއެރުން ލިބިއްޖެ ކަމަށާއި ވަކި ފަރާތަކަށް ނުޖެހި އޮތުމަށް ޔުކްރޭނުން ހުށަހެޅި، ހުށަހެޅުން ރައީސް ލަޑިމިއާ ޕުޓިންއާ ހަމައަށް ގެންދަވާނެ ކަމަށެވެ. އަދި ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ހިމެނޭ ގޮތަށް ސަމިޓެއް ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނުގެ އިރުމަތީގެ އޭރިއާތަކާއި ދެކުނުން ކްރައިމިއާ އަށް ވަދެވޭނެ ސަރަހައްދުތައް ހިފުމަށް ރަޝިޔާ އިން ބޮޑަށް ފޯކަސް ކުރި ނަމަވެސް ކިޔޭވް އަށް ހަމަލާ ދޭން ފެށި ފަހުން އަސްކަރީ އޮޕަރޭޝަނަށް ވެސް ވަނީ މަޑުޖެހުން އައިސްފަ އެވެ. ޔުކްރޭން ސިފައިން ވަނީ ރަޝިޔާ އިން ކުރިން ހިފި ބައެއް ސިޓީތައް އަނބުރާ ހޯދައިފަ އެވެ.