22 ޑިސެމްބަރ 2016 - 10:33

މިލާން (ޑިސެމްބަރު 22) – ލާޒިއޯ އަތުން 3-0 އިން މޮޅުވެ އިންޓަ މިލާން ހަމަޔަކަށް އެޅުނުއިރު، އެ ޓީމުގެ ބްރެޒިލް ތަރި ގެބްރިއަލް ބަރްބޯސާ (ގަބިގޯލް) ލޯނެއްގެ ދަށުން ސްޕެއިނުގެ ކްލަބަކަށް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ފްރޭންކް ޑި ބޮއާއާ އެކު ސީޒަނުގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ނެރުނު އިންޓަ ވަނީ އާ ކޯޗު ސްޓެފާނޯ ޕިއޯލީއާ އެކު ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. ރޭގެ މޮޅާ އެކު 30 ޕޮއިންޓް ހަމަކޮށް އިންޓަ ވަނީ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ލާޒިއޯ 34 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު އެއް ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.
ސެން ސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ދެ ވަނަ ހާފުގައި އިންޓަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ އެވާ ބަނޭގާ އަދި މައުރޯ އިކާޑީ އެވެ. މީގެ ތެރެއިން ކެޕްޓަން އިކާޑީ ދެ ލަނޑު ޖެހި އެވެެ.
މެޗަށް ފަހު އިކާޑީ ބުނީ އާ ކޯޗާ އެކު އިންޓަ އިން ކުރިއަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި މި ފޯމް ދެމެހެއްޓުން ވަރަށް މުހިއްމު ކަމަށެވެ.
އާ ކޯޗާ އެކު ވެސް ގަބިގޯލް އަށް ފުރުސަތު ނުލިބޭތީ އޭނާ ސްޕެއިނުގެ ލަސް ޕަލްމަސް އަށް ލޯނެއްގެ ދަށުން ބަދަލުވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ބްރެޒިލްގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އިންޓައާ ގުޅުނީ އޭނާ ހޯދަން ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ލިވަޕޫލާއި އާސެނަލުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަނިކޮށެވެ.
"އިޓަލީގައި ކޯޗުން ބޭނުން ހިފަނީ އުމުރުން ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންގެ. އަހަރެން ހީކުރީ ގަބިގޯލް އަށް ފުރުސަތެއް ލިބޭނެ ކަމަށް. އެކަމަކު އެފަދަ އެއްވެސް ކަމެއް ނެތް،" ސަންތޯސް އަށް ކުރިން ކުޅުނު ކުޅުންތެރިޔާއާ ގުޅޭގޮތުން އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުންޏެވެ.