މަޝްވަރާކުގައި ރަޝިޔާ އިން ދޭ އެއްޗެހި ނުކާތި، ނުބޯތި: ޔުކްރޭން
މަޝްވަރާކުގައި ރަޝިޔާ އިން ދޭ އެއްޗެހި ނުކާތި، ނުބޯތި: ޔުކްރޭން

ކިޔޭވް (މާޗް 29) - ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ރަޝިޔާ އިން ދޭ އެއްވެސް އެއްޗެއް ޔުކްރޭން ވަފުދުގެ އޮފިޝަލުން ނުކެއުމަށާއި ނުބޯން ޔުކްރޭނުގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކުލެބާ އިންޒާރު ދެއްވައިފި އެވެ.

ތުރުކީގައި މިއަދު ބާއްވާ މަޝްވަރާތަކުގެ ކުރިން ކުލެބާ ވަނީ ރަޝިއާއާ އެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާ ޔުކްރޭނުގެ ވަފުދުން އެއްވެސް ތަނެެއްގައި އަތް ވެސް ނުލަން އިރުޝާދު ދީފަ އެވެ.

ޔުކްރޭނުގެ ޚާރިޖީ ވަޒީރުގެ މި އިންޒާރު އައިސްފައި ވަނީ މަޝްވަރާކުގައި ބައިވެރިވި ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް ވިހަ ދިން ކަމަށް ތުހުމަތަކެއް ކުރުމާ ގުޅިގެންނެވެ. މި މަހު ކުރީކޮޅު ޔުކްރޭން-ބެލާރުސް ބޯޑަރުގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރި އަބްރަމޮވިޗަށް ވިހައެއް ދިނުމުގެ ސަބަބުން އޭނާގެ ގައިގެ އެކި ތަންތަނުން ހަންގަނޑު ނެއްޓި، ލޯ ދުޅަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ޔުކްރޭން ވަފުދުގެ މީހުންގެ ފަރާތުން ވެސް އެފަދަ އަލާމަތްތައް ފެނިފައިވާ ކަމަށްވެ އެވެ.

ވިހަ ދިން ކަމަށް ތުހަމަތުކޮށްފައި ވަނީ ސުލްހައިގެ ވާހަކަތަކާ ދެކޮޅު ހަދާ ރަޝިޔާގެ ހަރުކަށި ބައެއްގެ މައްޗަށެވެ. ނަމަވެސް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައި ވަނީ އެއީ ވިހައެއްގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި އެ މާހައުލުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

ތުރުކީގައި މިއަދު ފެށި މަޝްވަރާތަކުގައި ވެސް އަބްރަމޮވިޗް ބައިވެރިވެ އެވެ.