30 މާޗް 2022 - 06:30

ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ މިން ހޯ އާއި އެކްސްޓްރެސް، ގޮން ހިޔޯ ޖިން އެކުގައި ފެންނާނެ ލޯބީގެ ޑްރާމާއެއް އިއުލާންކޮށްފި އެވެ.
"އާސްކް ދަ ސްޓާސް" ގެ ނަންދީފައިވާ އެ ރޮމޭންޓިކް ކޮމެޑީ އަކީ އެސްޓްރޮނޯޓަކާއި ސްޕޭސް ސްޓޭޝަނަށް ދާ ޓޫރިސްޓެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްގަނޑެއް ދައްކާނެ ޑްރާމާއެކެވެ.
އެ ޑްރާމާގެ ޑައިރެކްޓަރަކީ "އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ" އާއި "ލަވްސްޓަކް އިން ދަ ސިޓީ" ކަހަލަ ކާމިޔާބު ޑްރާމާތައް ޑައިރެކްޓްކުރި ޕާކް ޝިން ވޫ އެވެ. އެ ޑްރާމާގެ ސްކްރިޕްޓް ލިޔަނީ ސިޔޯ ސޫކް ޔަންގް އެވެ.
އެ ޑްރާމާގައި ލީ މިން ހޯ ފެންނާނީ ޓޫރިސްޓެއްގެ ރޯލުންނެވެ. އަދި އޮބްސްޓެޓްރިޝިއަން ގައިނަކޮލަޖިސްޓެއްގެ ރޯލުން ވެސް ލީ މިން ހޯ ކުޅޭއިރު، އެ ޑްރާމާގައި ކޮރެއަން-އެމެރިކަން އެސްޓްރޮނަޓެއްގެ ރޯލުން ފެންނާނީ ހިޔޯ ޖިން އެވެ.
ރިޕޯޓްތައް ލަފާކުރާ ގޮތުގައި އެ ޑްރާމާ ޕްރިމިއާކުރަނީ އަންނަ އަހަރު އެވެ. އެ ޑްރާމާ ސްޓްރީމް ކުރާނެ ޕްލެޓްފޯމެއް އަދި ނޭނގެ އެވެ.
ކާމިޔާބު ގިނަ ޑްރާމާތަކެއްގައި މަސައްކަތްކޮށްފައިވާ ލީ މިން ހޯގެ ޑްރާމާއެއް މިހާރު ވެސް ސްޓްރީމް ކުރަމުން އެބަދެ އެވެ. އެޕަލް ޓީވީ ޕްލަސް އިން މިިދިޔަ ހުކުރު ދުވަހު "ޕަޗިންކޯ" ސްޓްރީމް ކުރަން ފަށާފައިވާއިރު، އެ ޑްރާމާ އަށް ވެސް ތަރުހީބު ބޮޑެވެ.
ހިޔޯ ޖިން އަކީ ވެސް ސައުތު ކޮރެއާގެ މަޝްހޫރު ތަރިއެކެވެ. އޭނާ ވަނީ "ކްރޭޒީ ރޮމޭންސް" ކަހަލަ ގިނަ ފިލްމުތަކުން ފެނިފަ އެވެ.