ނުހެދި ހުންނަ ރިސޯޓުތައް ވިއްކަން ނަގާ ފީ 90 ޕަސެންޓް ކުޑަކޮށްފި
ނުހެދި ހުންނަ ރިސޯޓުތައް ވިއްކަން ނަގާ ފީ 90 ޕަސެންޓް ކުޑަކޮށްފި

ނުހެދި ހުންނަ ރިސޯޓުތައް އެހެން ފަރާތަކަށް ވިއްކާއިރު ނަގާ ފީ 90 ޕަސެންޓް ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް ގެނައި ފަސް ވަނަ އިސްލާހުގައިވާ ގޮތުން ޓޫރިޒަމާ ބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމުމުގެ ކުރިން، އެތަނެއް އެހެން ފަރާތަކަށް ވިއްކާ ނަމަ ފީއެއްގެ ގޮތުގައި 10،000 ޑޮލަރު (154،200 ރުފިޔާ) ދައްކަން ޖެހޭނެ އެވެ. މީގެ ކުރިން ނަގަމުން އައީ 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) އެވެ.

މި ގަވައިދުގައިވާ ގޮތުން ހިންގަމުން އަންނަ ރިސޯޓުތައް ވިއްކާ ނަމަ ޓޫރިޒަމް މިނިސްޓްރީއަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު (771،000ރ،) ދައްކައް ޖެހޭނެ އެވެ. މީގެ ކުރިން ހިންގަމުން އަންނަ ރިސޯޓެއް ވިއްކާ ނަމަ ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 5،000 ޑޮލަރު (77،100ރ.) އެވެ.

މި ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށްތައް އުފެދިފައިވާނަމަ، ނުވަތަ ހިއްކައިފައިވާނަމަ އެ ރަށްތައް ވަކިވަކިން ސަބްލީޒްކުރުމާއި ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހެދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އަދި ވަކިވަކި ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ރަށަކަށް ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ގެ ފީއެއް މީރާއަށް އެއްފަހަރާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގައި ގާތްގަނޑަކަށް 150 ރިސޯޓު ހިންގަމުން އަންނަ އިރު 140 ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި 118 ރިސޯޓު އެބަ އޮތެވެ.