މުސާރަތައް އިޔާދަނުކޮށް ވިކްޓަރީގެ ޗެއާޕާސަން ނާޝިދާއި ބޯޑު މެމްބަރުން އިސްތިއުފާ ދެއްވައިފި
މުސާރަތައް އިޔާދަނުކޮށް ވިކްޓަރީގެ ޗެއާޕާސަން ނާޝިދާއި ބޯޑު މެމްބަރުން އިސްތިއުފާ ދެއްވައިފި

ކުޅުންތެރިންގެ މުސާރަ ނުދިނުމުން، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވައިފި އެވެ.

މުސާރަތައް އިޔާދަނުކޮށް ވިކްޓަރީގެ ޗެއާޕާސަން ނާޝިދާއި ބޯޑު މެމްބަރުން އިސްތިއުފާ ދެއްވައިފި
މުސާރަތައް އިޔާދަނުކޮށް ވިކްޓަރީގެ ޗެއާޕާސަން ނާޝިދާއި ބޯޑު މެމްބަރުން އިސްތިއުފާ ދެއްވައިފި

ޗެއާޕާސަނާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވިއިރު، ވިކްޓަރީގެ ކުޅުންތެރިންނަށާއި ކޯޗުންނަށް ދޭންޖެހޭ މުސާރަތައް މިހާތަނަށް ދީފައެއް ނުވެ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން އޮކްޓޯބަރު 2019 ގައި ވިކްޓަރީ ސަސްޕެންޑްކުރީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަތައް ނުދޭތީ އާއި އޭއެފްސީ ކްލަބް ލައިސެންސްގައި ބުނާ އެހެން ކަންކަން ވެސް ފުރިހަމަ ކޮށްފައި ނުވުމުންނެެވެ. މުސާރައިގެ ގޮތުގައި ކުޅުންތެރިންނާ ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި 500،000 ރުފިޔާގެ ދަރަނި ވިކްޓަރީގައި އެބައޮތެވެ.

ވިކްޓަރީގެ ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ރަސްމީކޮށް ވިދާޅުވި ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ހުރިހާ މެމްބަރުންނެއް އިސްތިއުފާ ނުދެއްވާ. މިހާރު އެ ކްލަބްގައި ހިންގާ ކޮމިޓީއެއް ނެތް. އޭގެ މާނައަކީ މެޖޯރިޓީއެއް ނެތޭ،" ހީނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވި ބޭފުޅުންގެ އިސްތިއުފާގެ ސައްހަކަން ކަށަވަރު ކުރުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައި ވެ އެވެ. ނާޝިދު އިސްތިއުފާ ދެއްވާފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ.

ޑިސެމްބަރު 2018 ގައި އިންތިހާބުކުރި ވިކްޓަރީގެ ބޯޑުގެ ދައުރު ހަމަވާނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.

ނާޝިދު އިސްތިއުފާ ދެއްވުމަށް ބޯޑު މެންބަރު އަހުމަދު ރިޔާޒު (ގާނާ) ކުރިން ގޮވާލެއްވި ނަމަވެސް އެކަމާ ނާޝިދު އޭރު ދެކޮޅު ހެއްދެވި އެވެ. ބޯޑުގެ ވައިސް ޗެއާމަންކަމަށް އޭރު އިންތިހާބުވި މައުރޫފް އަހުމަދު (މާއްޓޭ) ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމަށް ވަޑައިގަންނަވަން ވެގެން ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

- އިބްރާހިމް ނާޝިދު، ޗެއާމަން.

- މުހައްމަދު ހަމީދު (އުމަރުބެ) ވައިސް ޗެއާޕާސަން.

- އިސްމާއިލް ލަތީފު.

- އިބްރާހިމް ހިސާން ނަސީމް.

- އާމިނަތު ޝެހެނާޒް.

- އިބްރާހިމް މުހައްމަދު ފާއިގް.

- މަރިޔަމް ވަހީދާ.

- އަބްދުލް މާޖިދު.

- ފާތިމަތު ރިޒްމާ ވަލީދުު.

- އަހްމަދު ރިޔާޒް (ގާނާ)

- އިސްމާއީލް ޒަރިއަންދު.

ވިކްޓަރީގެ ލެޖެންޑްރީ ޗެއާމަން ގ. ކެނެރީގޭ އަބްދުއްސައްތާރުގެ ދަރިކަލުން ނާޝިދު، އެ ކްލަބްގެ ޗެއާޕާސަންކަމަށް ވަޑައިގަތީ ވިޔާފާރި މުދަލަކަށް ކްލަބް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

އެފްއޭއެމްގެ ލީޑަޝިޕް މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުނު މައްސަލައިގައި، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން ދެން އެ މައްސައްކަތުގައި އިސްކޮށް އުޅުއްވީ ވިކްޓަރީގެ ފަރާތުން ނާޝިދެވެ. އެކަމަކު އެ މައްސަލައިގައި ސޮއިކުރި ކްލަބްތަކުން ސޮއި އަނބުރާ ނެގުމުން މައްސަލަ ހިނގާ ގޮތެއް ނުވި އެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ވިކްޓަރީ އަޑިއަޅައިލީ 2012 ގެ ފަހުންނެވެ. ޖެހިގެން އައި ސީޒަންގައި އެ ޓީމު ރެލިގޭޓް ވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވި އެވެ. ރެލިގޭޝަންގެ ޕްލޭއޮފްގައި ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ސޮބާހް މުހައްމަދު އިބްރާހިމްގެ ކެޕްޓަންކަމުގެ ދަށުން ކުޅެ ވިކްޓަރީ ރެލިގޭޓް ނުވެ ސަލަމާތްވީ، ނައިޖީރީއާގެ މިޑްފީލްޑަރު ޗިންޑަ ކަކާ ވީބީ ކޮޅަށް ވައްދާލި ލަނޑުންނެވެ.

އެކަމަކު 2019 ގައި ފުޓްބޯޅަ އިން ވިކްޓަރީ ސަސްޕެންޑް ކުރުމުން، ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން، އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. ކުޅުންތެރިންގެ ދަރަނި މި ސީޒަން ނިމޭއިރު ވެސް އަދާނުކޮށްފި ނަމަ އެ ކްލަބް ތިންވަނަ ޑިވިޝަނަށް ވެއްޓޭނެ އެވެ. ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް ވެސް ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމުން ދެވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ.