އުރީދޫ މަސް ރޭހުގައި 23 ޓީމެއް ވާދަކުރާނެ
އުރީދޫ މަސް ރޭހުގައި 23 ޓީމެއް ވާދަކުރާނެ

މި އަހަރުގެ ރޯދަ މަހު ބާއްވާ އުރީދޫ މަސް ރޭހުގައި 23 ޓީމަކުން ބައިވެރިވާން ރަޖިސްޓްރީ ކޮށްފި އެވެ.

އުރީދޫ މަސް ރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މުބާރާތެކެވެ. ފާއިތުވި އަހަރުތަކުގައި އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމު ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ.

އެ މުބާރާތުގައި ބައިވެރިވާން ޓީމުތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫން ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ. މުއްދަތު ހަމަވިއިރު 23 ޓީމަކުން ރަޖިސްޓްރީވާން އެދިފައިވާއިރު ހުރިހާ ޓީމަކަށް ވެސް އުރީދޫން ވަނީ އެ ފުރުސަތު ދީފަ އެވެ.

ގިނަ ޓީމުތަކަށް ފުރުސަތު ދޭން އުރީދޫން ނިންމީ އެ މުބާރާތަށް އޮތް ޑިމާންޑު ބޮޑުވުމުންނެވެ. ކޮވިޑް-19އާ ގުޅިގެން ފާއިތުވި ދެ އަހަރު އެ މުބާރާތް ނުބާއްވަ އެވެ. އެހެންވެ މިފަހަރު ފޯރިގަދަކޮށް މުބާރާތް ބާއްވަން އުރީދޫން ވަނީ ނިންމައިފަ އެވެ.

މުޅި ރޯދަ މަހަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ. މަސް ރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު، އުސްފަސްގަނޑުގައި ބޮޑުބެރުގެ ހަރަކާތްތައް އޮންނާނެ އެވެ.

އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެ އެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެ އެވެ.